ރާއްޖެއާ ބޭރު ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ބުރޫ ނާރާނެހެން ރާއްޖޭގެ މީޑިއާތަކުން މަސައްކަތް ކޮށްދޭން ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައި ދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދިފައި ވަނިކޮށެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް، ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތް ކުރައްވާ ޑިޕްލޮމެޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ހަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާއިއުކުރާ ކަން ފާހަގަ ކުރެވޭ ކަމަށާއި އެފަދަ ކަންކަމަކީ ރާއްޖެއާއި ބޭރުގެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް އަސަރުކޮށް، ރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ގައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.
"... އަދި އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅި އެ ޑިޕްލޮމެޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރަން ހުރަސް އެޅިގެން ހިނގައިދާނެ ކަމެއް ކަމުގައި ވެސް ދެކެމެވެ،" ބަޔާނުގައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދޭދޭ ގައުމުތަކުގެ ދެމެދުގައި ޑިޕްލޮމެޓުން ބަދަލު ކުރުމާއި އެ ޑިޕްލޮމެޓުންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި ހާއްސަ އިމްތިޔާޒުތަކާ ގުޅޭ ގޮތުން ވަކި އުސޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961" ގައި ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން "ރިސީވިން ސްޓޭޓް" ގެ ހައިސިއްޔަތުން، ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓުންނާއި ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމެޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރު ކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.
"ވީމާ އެކިއެކި ބައިނަލްއަގްވާމީ މުއާހަދާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުނުވާނޭ ހެން، އަދި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް އިލްތިމާސްކުރަމެވެ." ބަޔާން ނިންމާލަމުން އެދިފައިވެ އެވެ.
އިންޑިއާއާ ދެކޮޅަށް ހަބަރު ފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުން އެދި ހައި ކޮމިޝަނުން، ފޮރިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީ އަވަސް އަށް ވަނީ ލިބިފަ އެވެ.
މި ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ހަބަރު ފަތުރާ ގޮތާ މެދުގައި ކަންބޮޑުވާ ކަމަށެވެ. އިންޑިއާއާ ގުޅިގެން ރިޕޯޓް ކުރާ ބައެއް ހަބަރުތަކުގެ ސަބަބުން ހައި ކޮމިޝަންގެ މަސައްކަތައް އުނދަގޫވެ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރްގެ ކަރާމާތައް ބުރޫ އަރަމުންދާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.
މި މައްސަލާގައި އަވަސް އިން ސުވާލުކުރުމުން އިންޑިއަން ހައި ކޮމިޝަނުން ބުނީ މި މައްސަލައަކީ ދެ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައަކަށް ވުމުން ހައި ކޮމިޝަނުން މައްސަލާގައި އެއްޗެކޭ ބުނަން ބޭނުން ނުވާ ކަމަށެވެ.