ވީމޭ ކަލާޔާނުލާ

ވީމޭ ކަލާޔާނުލާ

(28 ޖޫން 2021އާ ގުޅޭ)

ކޮންމެ ގޮތެއް ވިޔަސް، މިއީ ޝަހުރަށް ފަސޭހަ އިމްތިޙާނެއް ނޫނެވެ. ދިރިއުޅުމެއް ފެށުމަށްޓަކައި، ލޯތްބަކީ ވަރަށް މުހިންމު އެއްޗެކެވެ. ދިރިއުޅުމުގެ ނައު ކުރިއަށް ދާނީ "ޕެޓްރޯލް"ގެ ގޮތުގައި ލޯބި އަޅައިގެންނެވެ. ދެމީހުންގެ ލޯބި ލިބިގެންނެވެ. ދެ މީހުންގެ ފަރާތުން އެކަކު އަނެކަކަށް ލޯބި ނުލިބޭނެ ނަމަ، ނޫނީ ލޯބި ނުވާ ނަމަ އެއީ ދިރިއުޅުމަކަށް ނުވާނެއެވެ. މިކަން މިހެން އޮތް އިރު، ޝަހުރުގެ ހިތުގައި ލޯބީގެ މަޤާމު ދެވިފައިވާ ފަރާތާ ނުލައި، ދިރިއުޅުމުގެ ނައު ދަތުރު ކުރެވޭނެ ބާއޭ ޝަހުރުގެ ހިތް އޭނާއަށް ސުވާލު ކުރަން ފެށިއެވެ. ޝަހުރުގެ ހިތް ވަނީ ލިވިޔާއަށް ހިބައިން ދެވިފައެވެ. އެ ހިތުން އެހެން ފަރާތަކަށް ކުޑަ ނަމަވެސް، އެއްވެސް ޖާގައެއް ނެތެވެ. ލޯބި ނުވާ މީހަކާ ކައިވެނި ކޮށްގެން، ދެމީހުން ތެރެއިން އެކަކަށް ވެސް އުފަލެއް ނެތެވެ. ހަމަޖެހުމެއް ނުލިބޭނެއެވެ. އެގޮތް ޔޫހާ ބޭނުންވާނެ ބާއޭ ޝަހުރަށް ސުވާލު ކުރެވެއެވެ. މައިންބަފައިންގެ މަޖުބޫރުން ދިރިއުޅުމުގެ ނައު ޔޫހާއާ އެކުގައި ދުއްވޭނެ ގޮތެއް ވިސްނާ ވިސްނާ ވެސް ޝަހުރުގެ ބޮލުގެ ތެރެއަށް ނުވަދެއެވެ.

ޝަހުރުގެ ޖާގައެއް ނެތް ހިތަށް މައިންބަފައިންގެ ނުފޫޒުން އެހެން މީހެއް ކޮށްޕައި، އެ ހިތުގެ ތެރެއަށް ލިޔަސް، އެމީހަކަށް ދެވޭނީ ކޮން މަޤާމެއް ބާއޭ ޝަހުރުގެ ހިތް ބުނެއެވެ. ހާސް ކަމާއި ނުތަނަވަސް ކަމުގައި އެމީހެއްގެ ދިރިއުޅުން ހަލާކު ވުން ނޫން، އިތުރު ގޮތެއް ވާނޭ ކަމަކަށް ޝަހުރުގެ ސިކުނޑި ޤަބޫލެއް ނުކުރިއެވެ. ދިރިއުޅުމުގެ ރާސްތާގައި މަންޒިލެއް އޮންނާނީ ދެހިތުގައި ވެސް ލޯބި އޮތް ނަމައެވެ. ޔޫހާގެ ހިތުގައި އޮތީ ކީކޭ ކަމެއް ނޭނގުނަސް، ޝަހުރުގެ ހިތުގައިވާ ވާހަކަތައް ވަރަށް ސާފެވެ. އެހިތުގައި ޖަހަމުންދާ ވިންދު ގޮވަމުން ދަނީ ހަމަ އެކަނި އެންމެ ނަމަކަށެވެ. އެއީ ލިވިޔާއެވެ.

ފެންވަރަމުން ދިޔައިރު ވެސް ޝަހުރުގެ ބޮލުގެ ތެރޭގައި ދައުރުވަމުން ދިޔައީ އެ ޚިޔާލު ތަކާއި ފިކުރު ތަކެވެ. ކިތަންމެ ވަރަކަށް ވިސްނި ކަމުގައި ވިޔަސް، ޝަހުރުގެ ސިކުނޑި އެއްވެސް ޙާލެއްގައި ލިވިޔާއާ ދުރަށް ދާން ބޭނުމެއް ނުވެއެވެ. ބޭނުން ވަނީ ޝަހުރުގެ ހިތް އެދޭ ގޮތް ޢާއިލާއަށް އަންގާށެވެ. ޝަހުރުގެ ހިތުގެ އުދާސްތައް ހުރީ ކިހިނެއްކަން ފާޅުގައި ބަޔާން ކުރާށެވެ. އެޔަށްފަހު ދެން ވާނެ ގޮތް ނޭނގުނަސް "ރިސްކު" ނަގަން ޝަހުރު ވަނީ ބޭނުން ވެފައެވެ. އެހެން ނޫނީ މާ ބޮޑަށް ވަގުތު ފާއިތު ވެދާނެތީއެވެ.

***

ކޮޓަރީގެ ބޮކި ނިއްވައިލުމަށްފަހުގައި، ޒަކްވާން އެނދުމަތީގައި އޮށޯވެލިއެވެ. ކިޔެވުން ނިމި، ރާއްޖެއަށް ދެވޭތީ ޒަކްވާންގެ ހިތް ވަނީ ވަރަށް ބޮޑަށް އަވަސްވެފައެވެ. އެހާމެ އުފާ ވެސް ވެފައެވެ. އޭނާ އެންމެ އުފާވަނީ ކުޑައިރުންސުރެ، ހިތުގައި ބިންވަޅު ނެގިފައިވާ ލޯތްބާ ގާތަށް ދެވޭތީއެވެ. ޒަކްވާންގެ ހިތުގެ ރާނީ ވީތަނެއް ނޭނގުނަސް، ގުޅުމެއް ނެތަސް، އޭނާގެ ހިތުގައި އެ ނަމާއި ސޫރަ އަބަދުވެސް ރަނިކަން ކުރެއެވެ. އެ ލޯތްބަށް އަބަދުވެސް އިންތިޒާރު ކުރެވެއެވެ. އެ ލޯބި ދެއްވާތޯ އަބަދުމެ، ދުޢާ ކުރެވެއެވެ. އެ ޚިޔާލުތަކުގައި ވަނިކޮށް ޒަކްވާންގެ ސިކުނޑި ގަންބުވައިލީ، މީގެ 5 އަހަރު ކުރީގެ ހަނދާންތަކަށެވެ.

އޭރު ޒަކްވާނަށް ވާނީ އުމުރުން 15 އަހަރެވެ. އެއީ މަޖީދިއްޔާ ސުކޫލުގެ ހަނދާންތަކެވެ. އެސުކޫލުން އުފަންވެގެން، ޒަކްވާންގެ ހިތުގައި ތޮޅެލި ބާރުގަދަ ލޯތްބެކެވެ. އޭރު ޒަކްވާންގެ ހިތަށް އެރި ހެލިލުމުގެ އަސަރު، އަދިވެސް ހަމަ އެވަރަށް އެބަ ހުއްޓެވެ. އުމުރަށް ނުބަލައި، ހުރި ސިފައަށް ނުބަލައި، އަމިއްލަ މީހާ ލޯބި ހުށައެޅީ ކިލާހުގައި ހުރި އެންމެ ރީތި އަންހެން ކުއްޖާއަށެވެ. އެއީ ހަމަ ރާނީއެކެވެ. އެ ރީތިކަން ބަޔާން ކޮށްދޭން ކޮންމެ އިންސާނަކަށް ވެސް ދަތިވާނެއެވެ. އުނދަގޫ ވާނެއެވެ. އެއީ ޤުދުރަތުގެ ފުރިހަމަ ކަމެކެވެ.

ޒަކްވާންގެ ލޯތްބަށް އޭނާގެ ރަނިކަމަނާ ދިނީ ފިނި ޖަވާބެކެވެ. ރައްޓެހި ވާން ބޭނުން ނުވާ ކަމަށެވެ. އުމުރުން 18 އަހަރު ނުވަނީސް އެކަމާ ނުވިސްނާނެ ކަމަށެވެ. ބޭނުން ވަނީ ރަނގަޅަށް ކިޔަވައިގެން ނަރުހަކަށް ވުމަށް ކަމަށެވެ. ޒަކްވާން ހިތްވަރު ދޫކޮށްލަން ބޭނުމެއް ނުވިއެވެ. އުމުރުން 16 އަހަރުގައި 10 ނިމުމާ އެކު، ޒަކްވާން އިތުރު ތަޢުލީމަށް ލަންކާއަށް ދިޔައީއެވެ. އެކޮޅުން ކިޔަވާ ނިންމައިގެން ޒަކްވާން މިހާރު ރާއްޖެ އަންނަން ފަހު ދުވަސްތައް ގުނަނީ ކެތްތެރިކަން ކޮޅުންލާ ވަރުވެފައިވާ ޙާލުގައެވެ. ޒަކްވާން ބޭނުންވީ އޭނާގެ ރަނިކަމަނާއަށް ކިޔަވައިގެން އައިސް ލޯބި ހުށައަޅާށެވެ. ތަޤުދީރުގައި ލިބެން ހުރި ނަމަ އޭރަށް ލިބޭނެ ކަމުގައި ބަލައިގެންނެވެ. އެފަދަ ޚިޔާލު ތަކެއްގެ ތެރޭގައި ވަނިކޮށް ޒަކްވާނަށް ނިދިއްޖެއެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެ ހޭލައިފިއެވެ. ޝަހުރު ތެދުވިި އިރު، ހެނދުނުގެ ނާސްތާ ވަނީ ތައްޔާރުކޮށްފައެވެ. ޝަހުރު ލަސް ނުކޮށް ހެނދުނުގެ ސަޔަށް އިންސާފު ކުރަން ދިޔައެވެ. ޝަހުރުގެ ގާތުގައި ޖެހިގެން އޭނާގެ ބައްޕަ މަންސޫރު އިނެވެ. ޓީވީ ބަލަން ޝީލާ އިން އިރު، ހުސްނާ ހުރީ ޝަހުރަށް ސައި ތަށްޓެއް ގިރާށެވެ.

"ކޮބާ ދަރިފުޅާ! ޖަވާބެއް ދޭނަން ދޯ މިއަދު؟" ޝަހުރުގެ ބުރަކަށީގައ އަތް އުނގުޅަައިލަމުން، ހުސްނާ އެވާހަކަ ފެށީ އޭނާގެ ހިތް އެކަމަށް އެދެވޭލެއް ބޮޑު ކަމުންނެވެ.

"އާނ މަންމާ. އަހަރެން ވަރަށް ވިސްނައިފިން. އަހަރެން ނިންމީ ޔޫހާއާ ކައިވެނި ނުކުރަން.." ޝަހުރުގެ ޖުމުލައިން ހީވީ ހުސްނާގެ ކަންފަތުގެ ހިނދުރިތެރެ ބުރުމާ ކަށްޓަކުން ތޮރުފައިލި ހެންނެވެ. އެ ވާހަކަ އިވިފައި، މަންސޫރު އަނގަޔަށް ލާން ދިމާކޮށްލި ރޮށިކޮޅު ވެއްޓުނީ މޭޒުމައްޗަށެވެ. ޓީވީ ބަލަން އިން ޝީލާއަށް ކުއްލިއަކަށް ސޯފާއިން ތެދުވެވުނީ އެއީ ހަމަ ޝަހުރު ބުނި ޖުމުލައެއް ކަމާ މެދު ޝައްކު ވެގެންނެވެ. އެއީ ޝަހުރަކީ ދުވަހަކު ވެސް އޭނާގެ މަންމަމެން ނިންމާ ނިންމުމަކަށް ދެކޮޅު ހަދާނެ ކުއްޖަކަށް ނުވާނެ ތީއެވެ.

"ކީކޭ ދަރިފުޅާ!" ހުސްނާއަށް ލިބުނު ކުއްލި ޝޮކުން އަދިވެސް އޭނާގެ އަނގަ ހުރީ ހުޅުވިފައެވެ.

"އާނ މަންމާ! ޕްލީޒް. އަހަރެންނަށް މިކަމުގަ މަޖުބޫރު ނުކުރޭ. އަހަރެން މިހެން މިބުނީ ވަރަށް ބޮޑަށް ވިސްނާފަ. އަހަރެން ލޯތްބެއް ނުވެއޭ ޔޫހާ ދެކެ. މަންމާ. އަހަރެން ލޯބިވާ އެހެން ކުއްޖެއް އެބަ ހުއްޓޭ." ޝަހުރު އެހެން ބުނުމާ އެކު، ހުސްނާއަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ. އަދި ހިތް މަތީގައި އޭނާ އަތް އަޅައިލިއެވެ. ހުސްނާގެ ނޭވާ ކުއްލިއަކަށް ކުރުވާން ފެށިއެވެ.

"މަންމާ.." ޝީލާ ދުވެފައި ގޮސް ހުސްނާގެ ގައިގައި ހިފެހެއްޓިއެވެ. މަންސޫރު ނިކަން އަވަހަށް ފެންތަށްޓެއް އަޅައިގެން، ހުސްނާއަށް ފެން ފޮދެއް ދޭން މަސައްކަތް ކުރިއެވެ. ކުޑަ ވަގުތު ކޮޅެއް ނުވަނީސް، ހުސްނާ ހަމައަކަށް އެޅެން ފެށުނެވެ.

"އެއީ ކާކުތަ؟" ޝީލާ ވައްކަޅިން ބަލައިލީ ޝަހުރަށެވެ.

"މަންމަމެން މުސްކުޅި ވީމަ، އަމިއްލަ އެދުން އިސްކުރަން ދޯ ކޮއްކޮ މަސައްކަތް ތިކޮށްލީ؟ ފެނިއްޖެ އެއްނު އެކަމުގެ ނަތީޖާ." ޝީލާ ރުޅި އައިސްގެން ވާހަކަދައްކަން ފެށުމާ އެކު، ޝަހުރު ހިނގައިގަތީ ގެއިން ނުކުންނާށެވެ. އެއްވެސް އެއްޗެއް ރައްދުގައި ބުނަން ބޭނުން ނުވާތީއެވެ.

ހަވީރުގެ މަރިޔާދު ވަގުތެވެ. ލިވިޔާ ދިރިއުޅެމުންދާ ގެއަށް ޝަހުރު އައީ އޭނާގެ ހިތުގައި ވަރަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅައިގެންނެވެ. ލިވިޔާގެ މައިންބަފައިންނާ ވާހަކަދައްކާލުމަށްފަހު، ޝަހުރު ގޮސް ވަނީ ލިވިޔާގެ ކޮޓަރިއަށެވެ. ދެމީހުން ވަކިން ތިބެ، ވާހަކަދައްކާލަން ބޭނުން ވާތީއެވެ.

"ކިހިނެއްވީ؟ ހާދަ ހާސްވެފަ ހުރިހެން ހީވެއޭ!" ލިވިޔާ ބަލައިލީ ޝަހުރުގެ މޫނަށެވެ. އަދި ވަގުތުކޮޅަކު ކަޅި ޖަހައި ނުލައި ލިވިޔާ ބަލަން އިނީ ޝަހުރަށެވެ.

"އަޅެ ބުނެބަލަ! އާރ ޔޫ އޯކޭ؟" ލިވިޔާއަށް ޝަހުރުގެ މޫނުމަތިން ތަފާތު ކަމެއް ފެނި، އެކަމާ ހައިރާންވެ އިނދެ އަހައިލިއެވެ.

"އައިމް އޯކޭ. ލިވީ ގާތުގަ ހުރިއްޔާ އަހަރެން ދެރައެއް ނުވާނެ. ލިވީ ހުރި ތަނެއްގަ އަހަރެން ހާހެއް ނުވާނެ. ލިވީ ހުރި ދުނިޔެއެއްގަ އަހަރެން ޖެހިލުމެއް ނުވާނެ." ޝަހުރުގެ ދުލުން ބޭރުވީ ޖަޒުބާތީ ބަސްތަކެކެވެ.

"އައްދޭ! ކޮން ކޮޅަކުން މިއަދު އިރު އެރީ؟" ލިވިޔާ ހިފައިލީ ޝަހުރުގެ ދެއަތުގައެވެ.

"ލިވީ. އަހަރެން ލިވީ ދެކެ ވަރަށް ވަރަށް ވަރަށް ލޯބިވޭ! ކޮންމެ ކަމެއް، ކޮންމެ ގޮތަކަށް ވިޔަސް، ޕްލީޒް ބީ ވިތް މީ އިނގޭ. ޑޯންޓު ލީވް މީ އޯކޭ؟ އައި ކާންޓް ލިވް، ވިތައުޓު ޔޫ." ޝަހުރުގެ ދެލޯ ވަގުތުން ފެންކަޅި ވެގެން ދިޔައެވެ. ލިވިޔާއަށް ވީގޮތް ވެސް ނޭނގުނެއެވެ. ތެޅިގެންފައި ޝަހުރުގެ ދެލޮލަށް ލިވިޔާގެ ކަޅި އަމާޒުކޮށްލީ ޝަހުރު "އޯކޭ" ނޫން ކަން ޔަޤީން ވީމައެވެ.

"ޝަހުރު. ތީ ދެން ކޮންކަހަލަ ވާހަކައެއްތަ؟ އަހަރެންނަށް ވެސް ވަރަށް އުނދަގޫ ވާނޭ ޝަހުރާ ނުލާ ދިރިއުޅެން. އަހަރެން ވެސް ވަރަށް ވަރަށް ލޯބިވޭ ޝަހުރު ދެކެ. ބުނެބަލަ! ކިހިނެއްތަ ވީ؟" ލިވިޔާގެ ހިތް ދިޔައީ އަވަސް ވަމުންނެވެ.

"ކޭން ޔޫ މެރީ މީ؟ ޕްލީޒް! އަހަރެން ބޭނުން މިގަޑީ ވިޔަސް.. ލިވީއާ މެރީ ކުރަން. އަހަރެން ބިރުގަނޭ، ލިވީ އަހަންނަށް ގެއްލިދާނެ ތީ." ޝަހުރު ދައްކަމުން ދިޔަ ތަފާތު ވާހަކަތަކުން، ލިވިޔާގެ ހިތުގެ ހިނގުން އިތުރަށް އަވަސް ވިއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ލިވިޔާއަށް ކަށަވަރު ވިއެވެ.

"އެނީތިންގ ރޯންގ؟" ޖެހިލުންވެ އިނދެ، ލިވިޔާ ސުވާލުކޮށްލިއެވެ. އާނއެކޭ ބުނާ ފަދަ ގޮތަކަށް ޝަހުރު ބޯޖަހައިލީ ވަރަށް ލަސްލަހުންނެވެ. ހަމަ އެއާ އެކު، ޝަހުރުގެ ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް މަޑުމަޑުން އޭނާގެ އެސްފިޔަތައް ފޯކޮށްލުމަށްފަހު ފައިބައިގަތެވެ. (ނުނިމޭ)