ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު އައްޝައިހް އަލީ ޒައިދަށްވެސް އެ ޔުނިވާސިޓީން ފިޔަވަޅު އަޅައިިފި އެވެ.
ޒައިދަށްވެސް ފިޔަވަޅު އަޅާފައިވަނީ އޭނާ ކޮށްފައިވާ ޓްވީޓްތަކަކާއި ގުޅިގެންނެވެ.
ޝައިހް އަލީ ޒައިދު މިއަދު ވިދާޅުވީ އޭނާ ކުރި ޓްވީޓްތަކަކާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ޔުނިވާސިޓީން އޭނާއާމެދު ފިޔަވަޅު އަޅާފައިވާ ކަަމަށެވެ. އެގޮތުން އަނގަބަހުން ނަސޭހަތްދީ އަދި ލިޔުމުން އިންޒާރުވެސް ދީފައިވާ ކަމަށެވެ. އެ ފިޔަވަޅުތައް އެޅީ ވަރަށް ބާރު ސްޕީޑްގައި ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
"ވަކީލު ކުރަނީ މާތްﷲ އަށް. ބިރުވެތި ވަނީވެސް އެކަލާންގެ އަށް،" ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ޝައިހް އަލީ ޒައިދަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާ އެކެވެ. ޒައިދަށް ފިޔަވަޅު އަޅާފައި މިވަނީ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، އެ ޔުނިވާސިޓީން ވަކިކޮށްފައިވަނިކޮށެވެ. ޒައިދު އާއި އިޔާޒަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. ޓްވިޓާގައި ވަރަށް ހަރަކާތްތެރި މި ދެ ބޭފުޅުންނަކީ އެމްޑީޕީގެ ލީޑާޝިޕާއި އެ ޕާޓީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ނަމަވެސް އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ޝަނާ ވިދާޅުވާ ދެ ބޭފުޅުންނެވެ.
ސަރުކާރުގެ ތެރޭ އަދި އެމްޑީޕީގެ އެތައް މައްސަލަތަކެއް ފާހަގަކޮށް ފާޑުވިދާޅުވުމަށް ފަހު ރައީސް ސޯލިހް ދިފާއު ކުރައްވާތީ އެތައް ބައެއްގެ ފާޑުކިޔުން ޒަައިދު އާއި އިޔާޒަށް އަމާޒުވެއެވެ. މި ދެ ބޭފުޅުން ރައީސް ސޯލިހްގެ ސަރުކާރު ދިފާއު ކުރައްވަނީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް އޮތް ބޮޑު ތާއީދަކާއި ލޯތްބެއްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.