ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށް ހިމާޔާތްކުރަން ހަރަދު ކުރުމަށް "ގްރީން ކްލައިމެޓް ފަންޑުން" 25.1 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމައިިފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްރޫއު ތަކަށް އެހީދޭ ބައިނަލްއަގުވާމީ ފަންޑެއް ކަމަށްވާ "ގްރީން ކްލައިމެޓް ފަންޑު" ން އެހީ ދިންއިރު، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އިން ވެސް ކުރިން ވަނީ މި މަޝްރޫ އަށް 35.4 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީފަ އެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ މި ދެ އެހީގެ އިތުރުން ދިވެހި ސަރުކާރުން 5.5 މިލިއަން ޑޮލަރަށްވާ ފައިސާ އާއި ވަސީލަތް ހިމަނައިގެންނެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ފަސް ރަށެއްގެ ކަނޑައެޅޭ ވަކި ސަރަހައްދު ތަކެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ އެވެ. ގޮނޑުދޮށް ހިމާޔަތް ކުރަން ނިންމާފައި ވަނީ ލ. މާމެންދޫ އާއި ފޮނަދޫ އަދި ގަމުގެ އިތުރުން އިސްދޫ އާއި އައްޑޫ ސިޓީ މީދޫ އެވެ.
އެންވާރުމެންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މިމަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާގޮތުން މަތިން، މޫސުމީ ކާރިސާތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް، އަދި ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫއެކެވެ.
މި މަސައްކަތުގެ ތެރެއިން ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓާގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައިސީޒެޑްއެމް) ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ. އެގޮތުން ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ހާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައި.ސީ.ޒެޑް.އެމް. ޕްލޭންތައް ތައްޔާރުކުރުމަށް ވަނީ ރޭވިފަ އެވެ.
ހަމަ އެހެންމެ ގުދުރަތީ ކާރިސާތަކުގެ އިންޒާރުދޭ ނިޒާމު މި މަސައްކަތުގެ ތެރެއިން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު ދިރާސާ ކުރާނެ ނިޒާމެއް ގާއިމު ކުރުމަށް ވަނީ ނިންމާފަ އެވެ.