ރަޝިޔާ

ރަޝިއާގެ ޓޫރިޒަމް މާކެޓުން 190 ޕަސެންޓް އިތުރުވުމެއް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ބަލާއިރު، ރަޝިއާ މާކެޓިން 190 ޕަސެންޓުގެ އިތުރު ވުމެއް އަތުވެއްޖެ އެވެ.

ރާއްޖެއަށް އެންމެ ގިނަ ޗާޓަރު ފްލައިޓް އަޅާ އެއް ސަރަހައްދު ކަމަށްވާ ރަޝިއާއިން މިދިޔަ ޖޫން މަހުގެ ނިޔަލަށް 124,651 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 2019 ވަނަ އަހަރު އައި 42,949 ޓޫރިސްޓުންނާ އަޅާބަލާއިރު 190 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރު އައި 28,949 ޓޫރިސްޓުންނާ އަޅާ ކިޔާނަމަ 330.6 ޕަސެންޓުގެ އިތުރުވުމެއް ފާހަގަ ކުރެވެ އެވެ.

ރަޝިއާގެ އިތުރުން ރާއްޖޭގެ ޓޫރިޒަމްގެ ދެވަނާގައި އުޅެނީ އިންޑިއާ އެވެ. ރާއްޖެއަށް ތިން ގަޑިއިރުން އާދެވޭ އަދި ހަތަރު ފްލައިޓް އަޅާ އިންޑިއާ އިން އައިސްފައިވަނީ 89,675 ޓޫރިސްޓުންނެވެ. މި އަދަދަކީ 2019 ވަނަ އަހަރު އައި 82,140 ޓޫރިސްޓުންނާ އަޅާބަލާއިރު 9.2 ޕަސެންޓުގެ އިތުރުވުމެކެވެ. މިހާރު ޓޫރިސްޓު ވިސާ ދިނުން ހުއްޓާލާފައިވާ "ދެކުނު އޭޝިއާ" ގައި އޮންނަ އިންޑިއާއިން މިދިޔަ އަހަރު އައިސްފައިވަނީ 34,864 ޓޫރިސްޓުންނެވެ.

ރާއްޖޭގެ ޓޫރިޒަމް މާކެޓަށް ބަލާއިރު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން މިހާރު އަންނަނީ ކަޒަކިސްތާނުންނެވެ. ކުރިން ރަޝިއާގެ ޖުމްހޫރިޔާއެއްގެ ގޮތުގައި އޮތް މި ގައުމުން މިހާތަނަށް 16,876 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 2019 ވަނަ އަހަރު މި ގައުމުން އައި 2,467 ޓޫރިސްޓުންނާ އަޅާބަލާއިރު 500 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި 2020 ވަނަ އަހަރު އެ ގައުމުން އައިސްފައިވަނީ 2,771 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ހިސާބުތައް ދައްކާ ގޮތުގައި ޖޫން މަސް ނިމުނުއިރު ރާއްޖެއަށް މި އަހަރު އައިސްފައިވަނީ 510,549 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު އައީ 555,494 ޓޫރިސްޓުންނެވެ. އަދި 2019 ވަނަ އަހަރު 1.7 މިލިއަން މީހުން އައިސްފައިވެ އެވެ. ސަރުކާރުން ބުނެފައިވަނީ މި އަހަރު އެއް މިލިއަން ނުވަތަ 1.5 މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ.