ރަޝިޔާ

ރަޝިއާ ރީޖަން އިން ފްލައިޓްތަކެއް ގެންނަން ސޮއިކޮށްފި

ރަޝިއާ ހިމެނޭ ރީޖަނުން ފްލައިޓް ތަކެއް ރާއްޖެއަށް ފަށަން ދިވެހި ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފް އިން ސޮއި ކޮށްފި އެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރިސޯޓް ލައިފްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާޒް ވަލީދެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މޮސްކޯގައި ހުންވާ އަވަސް އަށް ވާހަކަފުޅު ދައްކަވަމުން ވަލީދު ވިދާޅުވީ މި އެއްބަސްވުމާއެކު ރާއްޖޭގެ ޓޫރިޒަަށް ރަޝިއާއިން އަންނަ ފްލައިޓްތައް ބޮޑުތަން އިތުރު ވެގެން ގޮސް ޓޫރިޒަމަށް ދިރުން ލިބިގެންދާނެ ކަމަށެވެ.

"އުންމީދު ކުރަނީ އަންނަ މަހު އެއް އެއާލައިނެއް ރާއްޖެއަށް ދަތުރު ފެށުން. އަދި ނޮވެމްބަރާއި ޑިސެމްބަރު މަހު އިތުރު ދެ އެއާލައިންގެ ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިދަނީ ވަމުން،" ވަލީދު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މި އޮޕަރޭޝަންގެ ކަންތައްތަކުގައި ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ރިސޯޓް ލައިފުން އިތުރު އެއާލައިންތަކެއް ގެންނަން ސޮއިކުރިއިރު، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުންގެ ގެންނަ މި ކުންފުނިން ވަނީ ރަޝިއާގައި ވިޔަފާރި ފަށައި "ރިސޯޓް ހޮލިޑޭ" ގެ ނަމުގައި ކުންފުންޏެއް ވެސް ރަޖިސްޓްރީ ކޮށްފަ އެވެ. އަދި އެ ގައުމުގައި އޮފީހެއް ހުޅުވައި ރަޝިއަން ރީޖަން ހިމެނޭ ގޮތަށް ޔޫރަޕުގައި ރާއްޖެ ވިއްކުމުގެ މަސައްކަތް ފަށާފަ އެވެ.

ރަޝިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ބަލާއިރު، ރަޝިއާ މާކެޓިން 190 ޕަސެންޓުގެ އިތުރު ވުމެއް އައިސްފައިވެ އެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި މަހު ހުޅުވުމާއެކު ރިސޯޓް ލައިފްގެ ބެލުމުގެ ދަށުން ހަތަރު ޗާޓަރު ފްލައިޓެއް ބޭއްވި އެވެ. އަދި މިހާރު ވެސް ދެ ފްލައިޓެއް ބާއްވަމުން ދެ އެވެ. މި ކުންފުނިން މި ހާލަތުގައި ކުރި މަސައްކަތް ރާއްޖޭގެ ޓޫރިޒަމްގެ އެއްބާނީ ކަމަށްވާ އަމްޕާ ހުސެއިން އަފީފު ވެސް ވަނީ ފާހަގަކޮށްފައިވެ އެވެ.