މޯލްޑިވްސް ޕޮލިސް ސާވިސް

މަޖިލިސް އިދާރާ ގޮއްވާލަން ބުނި މީހާ ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގެ ލައިވްއަކަށް ކޮމެންޓް ކޮށްގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

މަޖިލީހުގެ މެއި 17 ވަނަ ދުވަހުގެ ޖަލްސާ ޓީވީ ޗެނަލަކުން ލައިވް ސްޓްރީމް ކުރަމުން ދަނިކޮށް ފޭސްބުކްގެ ކޮމެންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓެއް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މަޖިލީހުގެ އިދާރާ އިންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެމީހާ ބަންދުން ދޫކޮށްލާފައި ވަނީ ތަހުގީގު ނިމިފައިވާތީ ކަމަށެވެ.

"އެމީހާ ދޫކޮށްލާފައި ވަނީ ޕީޖީ އޮފީހުން ރަސްމީ ޕޯޓަލްއިން މައްސަލަ ހިއްސާކޮށް މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށް ފަހު،" ފުލުހުން މިއަދު ބުންޏެވެ.

ފުލުހުން ވަނީ މިފަދަ ނުރައްކާތެރި އިންޒާރުގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށް ބުނެފަ އެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހުން މެރުމާއި ގެއްލުން ދިނުމަށް އިންޒާރުދީ ހެދުމަކީ ބޮޑު ކުށެކެވެ.