މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ހަރުކަށި ފިކުރަށް ތާއީދުކުރާ ދަރިވަރުން ތިބި ކަމަށް އެމްޑީޕީން ބުނުމުން އެކަން އެ ޔުނިވާސިޓީން ދޮގު ކޮށްފި އެވެ.
އެމްއެންޔޫން އެކަން ދޮގު ކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް "ހައެއްފަހެއް" ގައި ދިން ހަމަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ "މެއި ހައެއް" ކޮމިޓީގެ މުގަރިރު ހަސަން އަފީފް އެމްޑީޕީ ތަމްސީލު ކުރައްވާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
އަފީފްގެ އެ ތުހުމަތުތަކާ ގުޅިގެން އަވަސް އިން ސުވާލު ކުރުމުން އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފު ވިދާޅުވީ ޔުނިވާސިޓީގެ ތަސައްވުރަށް ކިލަނބުކަން ލިބޭ ގޮތަށް އަދި ތަނަށް އޮންނަ އިތުބާރަށް އަސަރު ކުރާ ގޮތަށް ޔުނިވާސިޓީގެ ދަރިވަރުންނާ ގުޅޭ ގޮތުން ވާހަކަ ދައްކާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ހަގީގަތުގައި މިހެން ވަނީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާ ބައެއް ބޭފުޅުންގެ އަމަލުތައް ވެސް ހުންނަ ގޮތުން. އެގޮތަށް އެ ދެކެވޭ ވާހަކަތަކާ މެދު އަޅުގަނޑުމެން އިތުރަށް ބަލާނަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއެންޔޫ ކަހަލަ އެތައް ސަތޭކަ ދަރިވަރަކު ކިޔަވަމުންދާ ތަނަކާ މެދު ބޭފުޅަކު ވާހަކަފުޅު ދައްކާއިރު ވިސްނާލުން ވެސް މުހިއްމު ކަމެއް ކަމަށެވެ. ޔުނިވާސިޓީގެ ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ ދަރިވަރުންތަކެއް ތިބި ނަމަ ޔުނިވަސިޓީގެ އިސްވެރިންނަށް ވެސް އެކަމުގެ ކަންބޮޑުވުންތައް ޝަކުވާގެ ގޮތުގައި ލިބޭނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެފަދަ ޝަކުވާތަކެއް އަދި އެފަދަ މައްސަލަތަކެއް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަނެއް ކަމަކީ ޔުނިވަސިޓީއާ ހަރުކަށި ފިކުރާ ގުޅުވައިގެން ވާހަކަ ދައްކާއިރު އެކަމުގެ މައުލޫމާތެއް އަޅުގަނޑުމެން ކައިރީ އަހާލާފައި ވެސް ނެތް. މިއީ ވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.
އެމްއެންޔޫގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ ދަރިވަރުން ނެތް ކަމަށް އެމްއެންޔޫ އިން ބުނެފައި މިވަނީ އެތަނުގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަޒީފާ އިން ވަކިކޮށްފައިވާ ވަގުތެއްގަ އެވެ. އިޔާޒަށް ފިޔަވަޅު އެޅީ އަންހެނުން ހިތާނު ކުރަން ހިތްވަރު ލިބޭ ގޮތަށް އޭނާ ވާހަކަ ދެއްކެވި ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެނާއި ސޯޝަލް މީޑިއާގައި އޭނާ ކުރައްވާފައިވާ ބައެއްް ޕޯސްޓްތަކާ ގުޅިގެންނެވެ. .
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި "މެއި ހައެއް" ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާ ކުރައްވަމުން ވިލުފުށި ދާއިރާގެ މަޖިލިސް މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަފީފް ވިދާޅުވީ އެމްއެންޔޫގެ ދަރިވަރުން ފަހަކަށް އައިސް ހަރުކަށި ފިކުރަށް ވަރަށް ތާއީދު ކުރާކަން ފާހަގަކުރެވޭ ކަމަށެވެ.