ޓޫރިޒަމް

ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރުގެ 47 އިންވެސްޓްމަންޓް ރަޖިސްޓްރީކުރި

ވޭތުވެދިޔަ 11 މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް 47 އިންވެސްޓްމަންޓް ރަޖިސްޓްރީކޮށް، އެ އިންވެސްޓަމަންޓްތަކުން 1.056 ބިލިއަން ޑޮލަރު ފުރަތަމަ އިންވެސްޓްމަންޓްގެ ގޮތުގައި ހަރަދުކުރަން އެ ކުންފުނިތަކުން ހުށަހެޅި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމަށް 2 އަހަރު ފުރުން ފާހަގަކުރަން އިކޮނޮމިކް މިނިސްޓްރީން މި ދެއަހަރު ކުރި މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރަން އާންމު ކުރި ބަޔާނެއްގައި ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ފަތުރުވެރި ކަމުގެ ދާއިރާގެ އިންވެސްޓްމަންޓްގެ ގޮތުގައި 47 އިންވެސްޓްމަންޓެއް ރާއްޖޭގައި ރަޖިސްޓްރީ ކުރި ކަމަށެވެ.
ރަޖިސްޓްރީކުރި އިންވެސްޓްމަންޓް ތަކުން ފުރަތަމަ ހަރަދުގެ ގޮތުގައި 1.056 ބިލިއަން ރުފިޔާ ރާއްޖޭގައި އިންވެސްޓްކުރަން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ހަމަ މި މުއްދަތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭރުން، ބޭރުގެ އިންވެސްޓްމަންޓްގެ ގޮތުގައި ވެސް 32 އިންވެސްޓްމަންޓް ރަޖިސްޓްރީ ކުރި ކަމަށް ވެސް މިިސްޓްރީން ބުންޏެވެ. އެ އިންވެސްޓްމަންޓްތަކުން 166.7 މިލިއަން ޑޮލަރު ރާއްޖޭގައި ރަޖިސްޓްރީކުރަން ހުށަހެޅި ކަމަށާއި، ފާއިތުވި ދެއަހަރު ޖުމްލަ 55 ބޭރުގެ އިންވެސްޓްމަންޓް ރާއްޖޭގައި ރަޖިސްޓްރީ ކުރި ކަމަށެވެ.

" މި އިންވެސްޓަމަންޓް ތަކުން [ދެ އަހަރުގެ އިންވެސްޓމަންޓް ތައް] ފަށައިގަންނަ އިރު އިންވެސްޓް ކުރާނެ އަދަދުގެ ގޮތުގައި 799 މިލިއަން އެމެރިކާ ޑޮލަރު ރާއްޖޭގެ އެކި ސިނާއަތްތަކުގައި އިންވެސްޓް ކުރުމަށް ވަނީ ހުށަހަޅާފަ އެވެ،" ބަޔާނުގައި ބުންޏެވެ.