އައްޑު އަތޮޅުގެ ވެރިރަށް ހިތަދޫއަށް ނިސްބަތްވާ "މޯހިރު" ދޯނި މިއަދުވެސް މާކަނޑަށް މަހަށް ނުކުންނަން ދިމާކުރީ އާދައިގެ މަތީން އެހެން ދުވަސްތަކެކޭ އެއްގޮތަށެވެ. އަވަހަށް އައިނަށް އަރައި ގިނައިން މަސް ބާނައިގެން ކިރުވާން ދާށެވެ. އެހެން ނަމަވެސް 24 މީހުނާއެކު މަހަށް ފުރި ދޯނީގެ ކެޔޮޅާއި ފަޅުވެރިންނާއި އޮޑިވެރިޔާ އުންމީދު ކުރި ކަހަލަ ދުވަހަކަށް މިއަދު ނުވި އެވެ. ރަނގަޅަށް މަސް ބައިގެން ލެފުމުގެ ބަދަލުގައި ޖެހުނީ އެހީއަށް އެދެމުން ހުސް އަތާ "ކަނޑަށް ފުންމާލާ" ށެވެ. ލޯމަތީގައި މުޅި ދިރިއުޅުން ކަނޑުވާތަން ބަލާން ތިބޭށެވެ. އެންދަމައިގެން މާކަނޑަށް ނުކުމަތަށް ދަތުރު ކުރަނިކޮށް ހުވަދު އަތޮޅުގެ އެތެރެވެރީގެ ތެރެއަށް ދޯނި މެދުން ބިނދި ދެބުރި ދެތަންވީ އެވެ.
"މޯހިރު" ގެ އެންމެން ސަލާމަތްވި އެވެ؛ އެންމެންގެ ހާލު ރަނގަޅެވެ. އެކަމަކު އެ އެންމެންވެސް ތިބީ ނަފްސާނީ ގޮތުން ބަލިވެފަ އެވެ. ލިބިފައި ވަނީ ފުން ހިތާމަ އެކެވެ. މި ހިތާމަށް ސިފަކޮށް 106 ފޫޓުގެ ޒަމާނީ މަސްދޯނި، "މޯހިރު" ގެ ކެޔޮޅު / ކެޕްޓަން އަބްދުﷲ މުއިއްޒު ބުނީ މިހެނެވެ:
"ދޯނި އޭގައި ހުރިހާ ވަސީލަތްތަކާ އެއްކޮށް [ކަނޑުގެ] އަޑިއަށް ދިޔައީ. ހުރިހާ އެއްޗެށް ހުރީ ހަލާކުވެފައި... ވަރަށް ދެރަވޭ. އާމްދަނީ ލިބެން އޮތް ހަމައެކަނި ވަސީލަތަކީ އެއީ،" މުއިއްޒު ބުންޏެވެ. އޭނާ ބުނި ގޮތަށް "މޯހިރަ" ށް ނިސްބަތްވާ އާއިލާތަކުން ދިރިއުޅުމަށް އާމްދަނީ ހޯދަމުން ދިޔަ ޒަމާނީ "މޯހިރު" މެދުން ބިނދި ޣަރަގުވެގެން ދިޔައެވެ.
"ދިގު ދުވަހު" ގެ މަސްވެރި ކަމުގައި "މޯހިރު" މަހަށް ނުކުތީ މިދިއަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަސް ވާނީ މި މަހުގެ ދެވަނަ ދުވަށެވެ. އެއީ މިހާރު މިއޮތް ހުޅަނގު މޫސުމުގެ ހަތް ވަނަ ނަކަތް "ފުނޯސް" ދެވަނަ ދުވަހެވެ. ފުނޯސް ނަކަތަކީ ކުއްލި ކުއްލިއަށް ރޯޅި / ވައި އެނބުރޭ އަދި ވައި ގަދަ، ކަނޑު ގަދަ، ހުޅި ރާޅު އުސް ނަކަތެކެވެ. އަދި ކުއްލިއަކަށް ނަގާ އުސް ރާޅާއި ވާރޭބޯކޮށް ވެހޭ ނަކަތެވެ. މި ނަކަތުގެ ޒާތުގައި ކަނޑުމަތީގެ މޯހިރު ރާޅުގައި އޮޑި ފުރޮޅައިލުމާއި ބިނދެގެން ދިއުމުގެ ހާދިސާތައް އައުމަކީ ކައިރި ކަމެކެވެ.
މުއިއްޒު ބުނި ގޮތުގައި ދޯނި ބިންދައިގެން ދިޔައީ ގދ. ގެ އެތެރެވަރީން ރާޅު އުސް ސަރަހައްދަކުން ތެޅުވުމެއްގައި އޮވެ މަސް ބާނަމުން ދަނިކޮށެވެ. އެތެރެވަރީގެ އެ ސަރަހައްދަށް ނުކުތީ އެހިސާބުގެ ފަޅަކުން އެންދަމައިގެނެވެ. އައިނުގައި އޮއްވާ ދޯނި ދެބުރި ވީ މިސްރާބު ބަދަލުކޮށްލި ވަގުތެއްގައި އުފެދުނު ބިޔަ ރާޅެއްގައި ޖެހި ދޯނި ބިތްވުމަށް ފަހު އެވެ. އެއީ އިރު އަރައި ގަޑީން 6:30 ހެވެ.
އޭނާ ބުނި ގޮތުގައު ފައިބަރުން ބަނދެފައިވާ އެ ދޯނި "ދިގު ދުވަހު" ގެ މަސްވެރި ކަމަށް ނައްޓާލި އިރު އެއްވެސް މައްސަލައެއް ފާހަގަ ވެފައެއް ނެތެވެ. އަދި އެގޮތަށް ގަދަ ކަނޑާއި ގަދަ ވިއްސާރައިގައި "މޯހިރު" ދުއްވާތާ ވެސް 14 އަހަރު ވެއްޖެ އެވެ.
"މޯހިރު [މިގޮތަށް] ދުއްވާތާ މިހާރު 14 އަހަރު ވެދާނެ" އޭނާ ބުނެލި އެވެ. -- އެ މުއްދަތުގައި ކޮށްފައިވާ ދޯނީގެ މަރާމާތާއި ބިންދައިގެން ދިއުމާ ހަމައަށް އޮތް ހާލަތެއް އޭނާ ވެސް އަދި އޮޑިވެރިޔާ ވެސް ބުނެއެއް ނުދެ އެވެ.
"މި ހާދިސާގައި ލިބުނު ގެއްލުމުން 10 މިލިނިއަށް އަރާނެ،" މުއިއްޒު ބުންޏެވެ. "އަދި ދޯނީގައި މަސައްކަތް ކުރާ 26 ފަޅުވެރިން [ދޯނި ބިނދު އިރު ތިބީ 24 މީހުން] މިހާރު ތިބީ ހާލުގައި ޖެހިފައި، އެމީހުނަށް އާމްދަނީ ލިބޭ މަސީލަތް ނެތިގެން ދިޔައީ"
އޮޑިވެރިޔާ އޭނާގެ ނަން އެއްފަރާތް ކޮށްލައި ހުރިހާ ވާހަކައެއް ވަރަށް ކުރުކޮށްލާފައި ބުނީ "މުޅި ދިރިއުުޅުން ދިޔައީ، މާދަމާ ވެސް އުޅޭނެ ފަދައެއް ނެތް" ކަމަށެވެ. ގެއްލުމުގެ އަދަދު އޭނާ ވެސް ޖެހީ 10 މިލިއަން ރުފިޔާއިންނެވެ.
ކަނޑުމަތީން އައި ހިތާމަވެރި މި ހާދިސާއަށް ފަހު އޮޑިވެރިޔާ ކުދީންގެ ތެރެއިން ކުއްޖަކު ޓުވީޓެއް ކޮށްފައި ވެއެވެ. އަދި އޭނާ ހުރިހާ ވާހަކައެއް މިގޮތަށް ސިފަ ކުރެ އެވެ. އާއިލާއަށް އާމްދަނީ ލިބެން އޮތް ހަަމައެކެނި ވަސީލަތަކީ އެ ދޯންޏެވެ. އަދި އެއީ ބައްޕަގެ ބުރަ މަސައްކަތެއް، ހާދިސާއާ ގުޅިގެން ބައްޕަ ކުރަމުންދާނެ އިހުސާސްތައް ހިޔާލަށް ވެސް ނުގެނެވޭ... ބައްޕައަކީ ހިތްވަރު ގަދަ "ވޯރިއާ" އެކެވެ.