ރިޕޯޓް

ވިސްނާ! ކޮންމެ ދުވަހަކު ކަނޑުމަތީ ހާދިސާއެއް

ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދެވެ. ހިކިފަސް ސަރަހައްދުގެ ބޮޑު މިނަކީ ރާއްޖޭގެ ގާތްގަނޑަކަށް ތިން ޕަސެންޓެވެ. އެހެންވެ ކަނޑުގެ ބޭނުން ކޮންމެ ދުވަހަކު ވެސް ދިވެހިންކުރަން މަޖުބޫރު އެވެ. މި ބޭނުންކުރާއިރު، ކޮންމެ ދުވަހަކުވެސް މިދަނީ ނުރައްކާތެރި ހާދިސާއެއް ހިންގަމުންނެވެ. ކޯސްޓް ގާޑުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެވްރެޖު ގޮތެއްގައި ވޭތުވެދިޔަ ތިން އަހަރު ކޮންމެ ދުވަހަކީ ކަނޑުމަތީގެ ހާދިސާއެއް ހިންގާފައިވާ ދުވަހެވެ. ސުވާލަކީ މި ހާދިސާތައް މަދު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

"އެންމެ ގިނައިން މި ހިނގަނީ ފަރަށް އެރުމުގެ ހާދިސާތައް،" އެލިއާ އިންވެސްޓްމަންޓުގެ ބޯޓު ކެޕްޓަނުންނަށް މިދިޔަ މަހު ބޭއްވި ތަމްރީންތަކެއްގައި މައުލޫމާތު ދެއްވަން ވަޑައިގަތް ކޯސްޓް ގާޑްގެ އޮފިޝަލް ވިދާޅުވި އެވެ. ސުވާލަކީ މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ މިއީ ކަންބޮޑުވާ ވަރުގެ ނުރައްކަލަކަށް ނުވޭބާ އެވެ؟

ކޯސްޓް ގާޑްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ކަނޑުވެފައި ތިއްބައި ކަނޑުމަތިން 62 މީހަކު ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި ފަރަށް އެރުމާއި އެނިހެން ހާދިސާތަކުގައި 240 ދިވެހިންނާއި 100 އަށްވުރެ ގިނަ ބިދޭސީން ސަލާމަތް ކޮށްފައިވެ އެވެ.

ކޮންމެ ފަސް ދުވަހަކުން އޮޑިއެއް ފަރަށް!

ރާއްޖޭގައި އެވްރެޖު ގޮތެއްގައި ކޮންމެ ފަސް ދުވަހަކުން އޮޑިއެއް ފަރަށް އަރަ އެވެ. މި އަހަރުގެ މިހާތަނަށް 43 އަށްވުރެ ގިނަ އުޅަނދު ފަރަށް އަރާފައިވެ އެވެ. ސުވާލަކީ ވަރުގަދަ ނިޔަމިކަމުގެ އާލާތްތަކާއި ޓެކްނޮލޮޖީގެ މިފަދަ ޒަމާނެއްގައި ފަރަށް އެރުން އާއްމު ވެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

ކޯސްޓް ގާޑުގެ އޮފިޝަލް ވިދާޅުވީ ފަރަށް އެރުމުގެ ހާދިސާތަކުގައި މީހުން މަރުވެފައި ވެސް އެބަހުރި ކަމަށެވެ

"ބައެއް ފަހަރު ކެޕްޓަން ވަރުބަލި ވެގެން ނިދިޖެހިގެން ވެސް ފަރަށް އަރާފައި އެބަހުރި. ރޭގަނޑުގެ ވަގުތުތަކުގައި ފަރަށް އެރުން މިއީ ނުރައްކާތެރި ކަމެއް. ބައެއް އޮޑި ފަހަރުގައި ނައިޓް ފިޝިންއަށް ދާން ވަގުތީ ކެޕްޓަނުން ނަގާ. މިފަދަ ކެޕްޓަނުންގެ އަތުން ވަރަށް ގިނައިން ފަރަށް އަރާ،"

"ނަމެއްގައި" ބަރު މަރުކާ

އޮޑިފަހަރަށް މުދާ ބަރުކުރެވޭ މިންގަނޑު ދައްކުވައިދޭން ޓްރާންސްޕޯޓް އޮތޯރިޓީން ހާއްސަ ނިޝާނެއް ޖަހާފައި ހުރެ އެވެ. އެއީ "ބަރު މަރުކާ" އެވެ. ނަމަވެސް ބައެއް ފަހަރު މޫސުން ގޯސްވިނަމަވެސް މި ބަރުމަރުކާއާ އެއްވަރަށް މުދާ ބަރުކުރުން ފަދަ ކަންކަން ކުރުމުން ވެސް ނުރައްކާތެރި ހާދިސާތައް ހިންގާފައި އެބަހުއްޓެވެ. އަދި ދޯނި ވަކި ގޮތަކަށް ބެލުމަށްފަހު އޮޑީގައި ޖަހާފައި އިންނަ ބަރުމަރުކާ ދޯނި ބާލާއިރު "ގެއްލުވާލާ" ފަހަރު ވެސް އާދެ އެވެ. އެހެންވެ ދެން އޭގެ ފަހުން ބަރު ހުންނަނީ އެމީހަކު ހިތާވާ މިންގަނޑަކަށެވެ.

"ޔެލޯ އެލާޓް ނޫނީ ރެޑް އެލާޓް ނެރެފައި ހުއްޓަސް މުދާ އަރުވައިގެން އެބަ ނައްޓާލާ. މިދިޔަ އަހަރު އައި ސައިކްލޯން އޯޗީ އައިސްފައި އޮތްއިރު ވެސް ކަނޑަށް ނުކުމެފައި އެބަހުރި،"

އޮޑިފަހަރުގެ ގެއްލޭ ބައްތި!

އޮޑި ފަހަރުގެ ކުރިއާއި ފަހަރުގައި ލައިޓްތަކެއް ހަރުކޮށްފައި ހުރެ އެވެ. ރަތް ކުލަ އާއި ފެހި ކުލައިގެ މި ލައިޓްތަކުގެ ބޭނުމަކީ ދުރުން އަންނަ އުޅަނދު ފަހަރަށް އެ އުޅަނދު ފައްކައި ދިނުމެވެ. ސަމާލު ކަމަށް ގެނައުމެވެ. ނަމަވެސް އުޅަނދު ބާލާއިރު އަލި ގަދަކޮށް ހުންނަ ލައިޓްތަކުގެ އަލި ފަނޑުވަމުންގޮސް ނިވޭއިރު ވެސް އޮޑީގެ ކެޕްޓަނާއި އޮޑިވެރިއާއަކަށް ނޭނގެ އެވެ. މިފަދަ ކަންކަމަކީ ވެސް މިހާރު އެކްސިޑެންޓްތައް ގިނަވާން ދިމާވާ އެއް ސަބަބު ކަމަށްވެ އެވެ.