މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މައި ބަނދަރުގެ ޕޭމަންޓް ގޭޓްވޭ ފަސޭހަ ހިދުމަތްތަކާއި އެކު އަޕްގްރޭޑްކޮށްފި އެވެ.
އެމްޕީއެލް އިން ބުނީ މިއީ އެ ކުންފުނީގެ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސް ހިދުމަތް ހޯދާ މީހުންނަށް ފަސޭހަ ވާނެ ގޮތް ހެދުމަށް ގެނެވުނު ބަދަލެއް ކަމަށެވެ.
މި ބަދަލާއި އެކު މައި ބަނދަރުގެ ޕޯޓަލްއިން ވެސް ލިންކު ބޭނުންކޮށް ޕޯޓަލް އިން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމާއި އަދި މޯބައިލް ޕޭގެ ހިދުމަތް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. މި ބަދަލާއި އެކު ހުރިހާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި އަދި ޝިޕިން އެޖެންޓުންނަށް ވެސް ފަސޭހަކޮށް އެމްޕީއެލް އަށް ދައްކަންޖެހޭ ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ދެއްކޭނެ ކަމަށް އެމްޕީއެލް އިން މައުލޫމާތުދެ އެވެ.
ހިދުމަތަށް ގެނައި ބަދަލުތައް
- ކަސްޓަމަރުންނަށް އޮންލައިންކޮށް ޕޯޓަލްއަށް ރަޖިސްޓްރީ ވެވޭނެ
- މުދަލުގެ ވެރިފަރާތަށް މުދަލާ ގުޅޭ ހުރިހާ ތަފްސީލެއް ބަލައިލެވޭނެ
- މުދަލަށް ދައްކަން ޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ
- ޝިޕިންގެ އެޖެންޓުންނަށް އޮންލައިންކޮށް އީޓީއޭ (އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް) އަދި ބީއެލް (ބިލް އޮފް ލޭޑިން) ހުށަހެޅޭނެ
- ފައިސާ ދެއްކި ރަސީދުތަކުގެ ތަފްސީލުތައް އަބަދުވެސް ބެލޭނެ
އެމްޕީއެލް އިން މިއަދު ވަނީ ކޮވިޑްގެ މިހާލަތުގައި ހުރިހާ ކަސްޓަމަރުންވެސް އެ ކުންފުންޏަށް ގޮސްގެން ހިދުމަތް ހޯދުމުގެ ބަދަލުގައި ޕޯޓަލްގައި ރަޖިސްޓްރީވެގެން ހިދުމަތް އޮންލައިންކޮށް ހޯދުމަށް އިލްތިމާސް ކޮށްފަ އެވެ.
އެމްޕީއެލް އިން އިތުރަށް ބުނީ އެ ކުންފުނީގެ މަގުސަދަކީ މިހާރު ދެމުންދާ ހުރިހާ ހިދުމަތެއް ވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޮންލައިންކޮށް ދިނުން ކަމަށެވެ.