ދުނިޔެ

ފްރާންސުން ރަފާލް ޖެޓްތައް އިންޑިއާއަށް ވިއްކި ގޮތް ބަލަނީ

ފްރާންސުން ރަފާލް ޖެޓްގެ 36 ޖެޓް އިންޑިއާއަށް ވިއްކަން 2016 ގައި ހެދި ޑީލް އަލުން ބަލަން ފަށައިފި އެވެ. ފްރާންސްގެ ތަހުގީގީ ވެބްސައިޓް، މީޑިއާޕާޓްއިން ބުނާ ގޮތުން މި ވިޔަފާރީގައި ކޮރަޕްޝަން ހިންގާފައި ވެއެވެ. އަދި ވަކި ބަޔަކަށް ވަކިގޮތެއް ހަދައި ޑީލް ހަދާފައި ވަނީ މޫނަށް ބަލައިގެނެވެ.

މީޑިއާޕާޓުން ބުނާ ގޮތުން ފްރާންސްގެ ނޭޝަނަލް ފައިނޭންޝަލް ޕްރޮސެކިޔުޓަރުގެ އޮފީހުން މި މައްސަލަ އަލުން ބަލަން ފަށާފައި ވަނީ މި އަހަރު ޖޫންގައި އެވެ. ފަނޑިޔާރުން މި މައްސަލައަށް މިހާރު ވަދެފައި ވާއިރު ފްރާންސްގެ ދެ ރައީސަކު މި ވިޔަފާރީގައި ޝާމިލްވާ ކަމަށް ވެސް ބުނެވެ އެވެ. ފަނޑިޔާރުންގެ ފޯކަސް މިވަގުތު ބޮޑަށް އޮތީ ވެސް ފްރާންސް ކޮޅުގަ އެވެ.

އިންޑިއާއަށް ރަފާލް ޖެޓްތައް ވިއްކަން ހަދާފައި ވަނީ 9.3 ބިލިއަން ޑޮލަރުގެ ޑީލެއް ކަމަށް ވެއެވެ. މިއީ ދެ ގައުމެއްގެ ސަލާމަތާއި ކަރާމާތާ ގުޅުން ހުރި މުއާމަލާތެކެވެ. މީޑިއާޕާޓުން އެކުލަފާލާފައި އޮތް ރިޕޯޓުގައި ބުނާ ގޮތުން މިޑީލްގައި ޕޮލިޓިކަލް ކޮރަޕްޝަން އެކުލެވެ އެވެ. ސެކިއުރިޓީ އޮފިސަރުންނާއި ބޮޑެތި ވިޔަފާރިވެރިން ގާތް ގުޅުންތަކެއް މި ވިޔަފާރީގައި އޮތް ކަމަށް ވެސް ބުނެފައި ވެއެވެ.

ފްރާންސުން މިޑީލްގައި ސޮއި ކުރިއިރު ރައީސް ކަމުގައި ހުންނެވީ ފްރާންސްވާ އޮލާންޑް އެވެ. އިކޮނޮމީ އެންޑް ފައިނޭންސް މިނިސްޓަރަކީ ފްރާންސްގެ މިހާރުގެ ރައީސް އިމަނުއެލް މެކްރޮން އެވެ. އެއިރު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖޯ އީވް ލިޑްރިއަން މިހާރު އަދާ ކުރައްވަނީ ފޮރިން އެފެއާޒް މިނިސްޓަރުގެ މަގާމެވެ.

މި ޑީލްގައި އެއްވެސް ފަރުދަކު ވަޒީފާގެ ނާޖާއިޒު ފައިދާ ނަގައި ރިޝްވަތު ހޯދާފައި ވޭތޯ ޕްރޮސެކިއުޓަރުން ބަލާނެ އެވެ. އަދި ޖެޓްތަކުގެ ވިޔަފާރިން ފްރާންސްގެ މާލިއްޔަތަށް ވަންނަން ޖެހޭ އެއްވެސް މިންވަރެއް ލީކުވެފައި ހުރިތޯ ވެސް ބަލާނެ އެވެ. ސަރުކާރުގައި އެއިރު މިކަން ދެނެތިބިހާ ބަޔަކާ ސުވާލުކުރާނެ ކަމަށްވެ އެވެ.

އިންޑިއާއިން ރަފާލް ޖެޓް ޑީލް ފްރާންސްއާއެކު ހަދާފައި ވަނީ ގައުމަށް އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށް ބުނެވެ އެވެ. މިކަމާ ގުޅިގެން އިންޑިއާގެ ސިޔާސީ މަޝްރަހު މިހާރު އޮތީ ވަރަށް ބޮޑަށް އުދާސްވެފަ އެވެ.