އދގެ ސަލާމަތީ މަޖިލީހުގެ ރައީސް ކަމަށް އިންޑިއާ ކަނޑައަޅައިފި އެވެ. އެއީ މިހިނގާ އޮގަސްޓް މަހަށެވެ. ފާއިތުވި ޖުލައި މަހު ރައީސްކަން އޮތީ ފްރާންސަށެވެ.
ސަލާމަތީ މަޖިލީހުގެ ރައީސްކަން އޮންނަނީ ކޮންމެ މަހަކު ބަދަލުވާ ގޮތަށެވެ. އެ މަޖިލީހުގައި ހިމެނޭ 15 މެމްބަރު ގައުމުގެ މެދުގައި ކޮންމެ މަހަކު ވަކި ގައުމަކުން ޒިންމާ ނަގައި ބުރުޖަހަމުންދާ ގޮތަށެވެ. މިއީ 1946 ގައި ސަލާމަތީ މަޖިލީސް އުފެދުނު ފަހުން ކަން ހިނގަމުން އަންނަ އާދަ އެވެ.
އދގެ ސަލާމަތީ މަޖިލީސްގެ ރައީސް ކަމަކީ މުއްދަތު ކިތަންމެ ކުރު ނަމަވެސް ވަރަށް ބޮޑު ޝަރަފެކެވެ. މަޖިލީހުގެ ހަރަކާތްތައް ހިންގާނެ ގޮތް ކަނޑައެޅުމާއި ޕޮލިސީ ފެންވަރުގެ ބަހުސްތަކަށް ފުރުސަތު ހުޅުވާލުން އަދި ހައްލުކުރަން ހުރި ދޭދޭ މައްސަލަތަކުގައި ގޮތްފޮތް ކިޔޭ ވަރުގެ ޑިޕްލޮމެޓަކަށް ވެސް ވެވެ އެވެ.
ސަލާމަތީ މަޖިލީހުގައި މިމަހު ރައީސްކަން އަދާކުރައްވާނީ އިންޑިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓީއެސް ތިރުމުރުތީ އެވެ. އިންޑިއާއަށް ލިބުނު މިފުރުސަތުގައި މިމަހަށް ޚާއްސަ އެޖެންޑާ ކަނޑައެޅުން މިއަދު އޮންނާނެ ކަމަށް ވެއެވެ.
ސީރިއާ، އީރާގު، ސޮމާލިއާ، ޔަމަން އަދި ޖުމުލަކޮށް މެދު އިރުމައްޗަކީ ސަލާމަތީ މަޖިލީހަށް ގޮތެއް ނިންމަން ޖެހިފައި އޮތް ބުރަބޮޑު ސަރަހައްދުތަކެކެވެ.
އިންޑިއާއަށް ރައީސްކަމަށް އާދެވުނުއިރު މި ސަރަހައްދުތައް އޮތީ އުދާސްވެ ދުންއަރައަރަ އެވެ. މިއީ އިންޑިއާއަށް ނުވަތަ ވަކި އެހެން ގައުމަކަށް ހައްލުކުރެވެން ހުރި މައްސަލަތަކެއް ނޫނެވެ. ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުން މަޝްވަރާކޮށް ވަކި ގޮތެއް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ ރައީސަށް އޮންނަނީ އެކަމެއް އެޖެންޑާކުރުމެވެ.
އިންޑިއާއިން މިމަހަށް ޚާއްސަކުރާނެ ކަމަށް އޮފިޝަލުން ބުނަނީ މެރިޓައިމް ސަލާމަތާއި ސުލްހަ ބެލެހެއްޓުން އަދި ޓެރަރިޒަމާ ދެކޮޅަށް ކުރަން ހުރި މަސައްކަތްތަކެވެ.