(1 ޖުލައި 2021 އާ ގުޅޭ)
"ޝީ އިޒް ދި ބެސްޓް... މައި ބެސްޓްފްރެންޑް..." ހިނިއައިސްފަ އިނދެ އީހާން ބުނެލީ ޔަގީންކަމާއެކުއެވެ.
އޮއްސެމުން އައި އިރުގެ ރަންދަޅަތައް އެޅިފައި ހުރީ އީހާންގެ މޫނަށެވެ. ހުޅުމާލޭއިން އައިސް މާލޭގެ އެތެރޭ މަގުތަކަށް ވަދެވެންދެނެވެ. އެއްވަރެއްގައި ދުއްވަމުން އައި އީހާން މަޑުކުރީ ގަލޮޅުގައި ހުރި އުސް އިމާރާތެއްގެ ކައިރި އަށެވެ. ބަރިބަރިއަށް ޖަހާފައި ހުރި ސައިކަލުތައް ކައިރިން ޖާގައެއް ހޯދައި އޭނާގެ ސައިކަލު ޕާކުކޮށްލި އެވެ. ދެ ލޮލުގައި އަޅާފައިވާ އަވިއައިނު އޭނާ ނެގީ ކަސްރަތުކުރާ ސެންޓަރުގެ ތެރެއަށް ވަދެފައެވެ. ލޮކަރުތައް ހުރި ދިމާއަށް އައެވެ. އެތަނުގައި ހުރި ދިގު ގޮނޑީގައި އޭނާ އިށީނެވެ. ހަށިގަނޑުގެ ހުރަހަށް އަޅާފައި އޮތް ދަބަސް ނެގިއެވެ. ބޫޓަށް އެރުމާއެކު ތުވާލިކޮޅާއި ފެންފުޅި ނެގިއެވެ. ލޮކަރަށް ދަބަސް ލާފައި ކަސްރަތުކުރާ ބަޔަށް އީހާން ވަނެވެ.
"އީހާން..." މީހަކަށް އެހީވާން ހުރި ޔަމާން ގޮވާލިއެވެ.
ޔަމާންއަކީ އެތަނުގައި މަސައްކަތް ކުރާ "އިންސްޓްރަކްޓަރެއް" ކެވެ. ތަޢުލީމީ ދުވަސްވަރުން ފެށިގެން ކުޅިވަރާއި ކަސްރަތަކީ ޔަމާންގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަމެވެ. އޭނާއާއި އީހާން ބައްދަލުވީ ތަޢުލީމީ ދުވަސްވަރުނިމި ބާސްކެޓްބޯޅަ ޓީމަކާއި ގުޅު ހިސާބުންނެވެ. އެއީ ފަސްވަރަކަށް އަހަރު ކުރިއެވެ. މިހާރު ދެ ޒުވާނުން ވެސް ކުޅިވަރާ މުޅީންހެން ތިބީ ދުރުވެފައެވެ. ނަމަވެސް ކަސްރަތު ކުރުމާ ދުރަކަށް ނުދެއެވެ.
"އާދޭތޯ ބަލަބަލާ ހުރީ." ކައިރީގަ އީހާން އައިސް މަޑުކޮށްލުމާއެކު ޔަމާން ބުނެލިއެވެ.
"ސޮރީ މޭން..." އީހާން ބުނެލިއެވެ. އޭނާ ކަސްރަތު ކުރަން ފަށަން ތައްޔާރުވަމުންނެވެ.
އީހާން މައާފަށް އެދުނީ ހަމައެކަނި އޭނާ ޖިމަށް އަންނާނަމޭ ބުނެފައި ނައިސް ހުރި ދުވަސްތަކަށް އެކަންޏެއް ނޫނެވެ. އޭނާއާއި ޔަމާންއަކީ ވިޔަފާރީގެ ގޮތުން ގުޅިފައި ތިބި ދެ ޒުވާނުންނެވެ. ހުޅުމާލޭގައި އެމީހުން ހިއްސާވެގެން ހުޅުވި "ކޭވް" އަކީ ކަރޯކޭ ކެފޭ އެކެވެ. އީހާންގެ ދިރިއުޅުމަށް ބިންދާލި ރާޅުން އަރައިގަތުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައިރު، އެ ކެފޭގެ ހުރިހާކަމެއް ކުރަމުން އައީ ޔަމާނެވެ. އީހާންއާ ކިތަންމެ ގާތް ނަމަވެސް ޔަމާނަށް ހުރިހާ ހަގީގަތެއް އީހާން ކިޔާދީފައެއް ނެތެވެ. އެހެންވިޔަސް ބޮޑުކަމެއް އީހާނަށް ދިމާވެއްޖެކަން ޔަމާނު ދެނެގަތީއެވެ. ސުވާލުކުރުން ހުއްޓާލާފައި އެކުވެރިޔާއަށް ޔަމާނު ވަގުތު ދިނެވެ. އެކުވެރިކަން ކަނޑާލައި ވިޔަފާރީގެ އެއްބަސްވުން އުވާލުމުގެ އިޚްތިޔާރު ޔަމާނަށް އޮތެވެ. ނަމަވެސް އެއީ ރަނގަޅު އެކުވެރިއެއްކަން އީހާނަށް މިއަދު ޔަގީންވެއެވެ. ޔަމާނު ދެގޮތެއް ނުވެ ހުރި ހުރުން އެކަން ސާބިތުކޮށްދީފިއެވެ.
"މިރޭ ކޭވްއަށް ދާނަން. ޔާނު ދާނީ ކިހާއިރަކު." ދުވާ މެޝިނަށް އަރާހުރި އީހާން ވާހަކަދެއްކިއެވެ. ޔަމާނު އައިސް އޭނާގެ ކައިރީ މަޑުކުރުމުންނެވެ.
"ނުވައެއް ޖަހާކަންހާއިރު... މަ ގުޅާނަން ތިކޮޅަށް އަރަމުން. ކޮބާ ތިގޭ ޑޯލް، ރިދާ ވެސް ބުނީ އަހަރެމެން އެންމެން އެއްނުވާތާ ގަރުނެއްވެއްޖެޔޯ. މަވެސް އެއްބަސް... އީހާން ފިލިފަހުން މަޖާކޮށްލުމެއްނެތް." ޔަމާން ހާމަކުރީ ތެދެވެ. އެހެން އެކުވެރީންނާއެކު އޮންނަ ސަކަރާތަށްވުރެ އީހާނާއި އެމީހުންގެ ތެރޭ ހިމެނޭ އެކުވެރީންގެ މެދުގައި އޮންނަ ސަކަރާތް ބޮޑެވެ. އެކުވެރިކަން ވެސް ގާތްވީމައެވެ. ކަރޯކޭ ޖައްސަން ހަފްތާގެ ބުރާސްފަތު ދުވަހު ކޭވަށް އެންމެން އެއްވުމަކީ އާދައެކެވެ. އެފަދަ ރެޔެއް ވިއްޔާ ވަރަށް ދަންވަންދެން އެމީހުން ބޭރުގައި އުޅެއެވެ.
"ހިނގާ މިހަފްތާއަށް ގުރޫޕް އެއްކުރަމާ. ނީރާ ގޮވައިގެން މަ ދާނަން." އީހާން ހިޔާލު ފާޅުކުރިއެވެ. އިހު ދިރިއުޅުމަށް އެނބުރި ދާން ބޭނުންވާތީއެވެ. ސޫޒަންއާ ދިމާވުމުގެ ކުރީގެ އީހާން ހޯދުމަށެވެ. ނަމަވެސް އެހެންވާނީ ކިހިނެއް ހެއްޔެވެ. އެކަން އީހާނަށް އެނގެއެވެ. މިއަދު އޭނާ ޖެހޭނީ އެ ހިތި ހަނދާންތަކާއެކު އާ ދިރިއުޅުމެއް ހޯދަން މަސައްކަތް ކުރާށެވެ. ކުލަރީތި ހަރުފައެއްގެ ޒަހަރުގައި އޭނާ މަރުނުވީތީ ޝުކުރުކުރަން ޖެހެއެވެ. މިހާރު ހަށިގަނޑުން އެ ޒަހަރުގެ އަސަރު ދޮވެވި ސާފުވެއްޖެއެވެ. ދިރިއުޅުމައިގެން ކުރިއަށްދާން ހިތްވަރު ނެރެންޖެހޭނީ ޚުދު އީހާނަށެވެ. އޭނާ ނުކުމެ އެހުރީ އެކަން ގަބޫލުކޮށްގެންނެވެ.
ޖިމުން އީހާން ނުކުތީ ޔަމާނާއެކުއެވެ. ސައިކަލާ ދިމާއަށް ދެމީހުން ހިނގައިގަތެވެ. އެވަގުތު ޔަމާނަށް ފޯނެއް އައެވެ. ސައިކަލު ކައިރީ މަޑުކޮށްލި ގޮތަށް އޭނާ ފޯނުކޯލަށް ޖަވާބު ދިނެވެ.
"ހޭލީތަ؟" ކަންފަތައް ހެޔޮވަރުކޮށްލާފައި އިން އެއަރޕޮޑްސް އިން ކޯލުގެ އަނެއްކޮޅުން ޒުވާނަކު ހެލޯ ބުނެލި އަޑު އިވުމާއެކު ޔަމާނު އަހާލިއެވެ.
"އާން. ޔާނު ކޮންތާކު؟ ޖިމްގަތަ؟"
"މިނުކުތީ، ފަހުން ގުޅަންތަ ލައިޒަލް." ސައިކަލުގައި މަޑުކޮށްލައިގެން އީހާން އިނުމުން ފޯނުކޯލު ދިގުކުރުމުގެ ވިސްނުން ޔަމާން ދޫކޮށްލިއެވެ.
"އަށެއްގެ ފަހުން. މޫދަށް ދެން ދާނީ." ލައިޒަލް ބުނެލިއެވެ. އޭނާ ނުބުންޏަސް ޔަމާނަށް އެވަރު އެނގެއެވެ. އިރުއޮއްސި ހަތެއް ޖަހަންވާއިރަށް ލައިޒަލް ޓްރެކަށް ދާނެއެވެ. އޭނާ އެނބުރި އަންނާނީ ރޭގަނޑު އަށެއް ޖަހާކަން ހާއިރެވެ.
ލައިޒަލްއަކީ ޔަމާނުގެ އެންމެ ދުވަސްވީ އެންމެ ގާތް އެކުވެރިޔާއެވެ. ލައިޒަލްގެ ގެއަށް ގޮސް އުޅޭ އޭނާގެ ހުރި ހަމައެކަނި ރަހުމަތްތެރިޔާއެވެ. ލައިޒަލްގެ ދިރިއުޅުން ހުންނަ ގޮތް އެހާ ރަނގަޅަށް ޔަމާނަށް އެނގެނީ އެހެންވެއެވެ. ކޮންމެ ދުވަހެއްގެ މެންދުރު ފަހު ޖިމަށް އަންނަން ހަމަޖެހިފައި އޮތްއިރު އޭނާ މިއަދު ވެސް އަންނަމުން ލައިޒަލްއަށް ގުޅިއެވެ. ފޯނަށް ޖަވާބު ނުދިނުމުން ނިދާފައިކަން އޮތީ ބުނަން ޔަމާނަށް އެނގުނެވެ. އެހެންނޫނީ އޭނާގެ ކޯލެއް ނުނަގާ ލައިޒަލް ނުހުންނާނެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވެ، ޔަމާނު ކެފޭއެއް ހުޅުވަން ގަސްދުކުރާކަން ހާމަކުރުމުން އޭނާއަށް ފައިސާގެ ގޮތުން ބޮޑު އެހީއެއް ލައިޒަލްވީ އެކަމަށް ޔަމާނު އެދިގެނެއް ނޫނެވެ. އެއީ އެކުވެރިކަމަށް ޓަކައި އޭނާ ދިން ހަދިޔާއެކެވެ. އީހާންއާ ބައިވެރިވެ ކެފޭ ހުޅުވުމަށް އިންވެސްޓް ކުރާނޭ ފައިސާ ޔަމާނަށް ލިބުނީ އެގޮތުންނެވެ. ހުވަފެން ހަގީގަތަކަށް ހަދަން ޔަމާނު ކުރަންޖެހުނު މަސައްކަތާއި މުއްދަތު ކުރުވެގެން ދިޔައީ ލައިޒަލްގެ ސަބަބުންނެވެ. އެވަރުގެ ރަހުމަތްތެރިޔަކު ނުހުންނާނޭ ޔަމާނު ބުނެލާ ބުނެލުމަކީ ދޮގެއް ނޫނެވެ. އެއްގޮތަކަށް ވެސް ލައިޒަލްގެ ކުރިމަތީ އޭނާއަށް ކުރާ ހުޝާމަދެއްނޫނެވެ. ހިތުގެ އަޑިން ޔަމާނު ގަބޫލުކުރާ ގަބޫލުކުރުމެއްވީމައެވެ.
"ފެންވަރާލައިގެން އަހަންނާއެކު އަންނަންވީނު. ކެފޭއަށް ފަހުން ޖައްސާލާނީ." ސައިކަލު ނަގައިން ޔަމާނު އައުމުން އީހާން ބުނެލިއެވެ.
"ރިދާ ޑްރޮޕްކޮށްލަދޭން އެބަޖެހޭ. މިކޮޅުގަ ހުރެގެންނު އެކަންވާނީ." ޔަމާނު ބުންޏެވެ. ދެ ޒުވާނުން އެކުގައި ސައިކަލު ދުއްވާލިއެވެ.
* * * * *
އަނދިރިކަން ފަނޑުކޮށް މުޅީން އާ ދުވަހަކަށް ދުނިޔެމަތި އަލިވަމުން އައެވެ. ނިދާފައި އޮތް އީހަނަށް ބަލާލުމަށްފަހު ނީރާ ވަނީ ފާހާނާއަށެވެ. އޭނާ ތައްޔާރުވެ ނިމުންއިރު ވެސް އޭނާގެ އެނދުގައި އީހާން އޮތީ ނިދާފައެވެ. އެއީ އޭނާގެ އާދައަކަށް ވެއްޖެއެވެ. ބައެއް ރޭރޭ ނިދީގައި ނީރާ ފައިންއަޅާ ކޮއްޕާލެވިގެން އެނދުން އީހާން ވެއްޓޭ ރޭރޭ ވެސް މަދެއް ނޫނެވެ. އެހެންވިޔަސް އޭނާ އެކަމެއް ނުހުއްޓައެވެ.
ސައިބޮއެގެން ނީރާ ވަނީ ގޭގައި ހުންނަ އޭނާގެ އޮފީހަށެވެ. އޭނާއަކީ ފްރީލޭންސްކޮށް ވެބްސައިޓަކަށް މަސައްކަތްކޮށްދޭ ގްރެފިކް ޑިޒައިނަރެކެވެ. ވިޜުއަލް މަސައްކަތުގެ ދާއިރާއިން ނީރާ ކިޔެވީ އެދާއިރާއިން ކުރިއަށްދާން ވިސްނުމުގައި ހުރީމައެވެ. ނަމަވެސް ކިޔަވަމުންދަނިކޮށް "ސައިން ލޭންގުއޭޖް"އަށް މާބޮޑު ޝައުގުވެރިކަމެއް އުފެދުނީއެވެ. އޮންލައިންކޮށް ގިނަ ކޯސްތަކެއް ނީރާ ފުރިހަމަކުރިއެވެ. އަދިވެސް އޭނާ އިތުރަށް އެ ދާއިރާއިން ކިޔަވަނީއެވެ. މަންމަނުންނާއި ލޯފަން ކުދީންގެ ބަސް ދަސްކުރުން އޭނާގެ އަޒުމަކަށް ވެފައި ވެއެވެ. ޓީޗަރަކަށް ވީ އެ ޝައުގުވެރިކަމުގެ ސަބަބުންނެވެ. ސަރުކާރު ހުޅުވިފައި އޮންނަ ކޮންމެ ދުވަހެއްގެ މެންދުރުން ފެށިގެން އިރުއޮއްސުމާ ހަމައަށް އޭނާގެ ވަގުތުތައް ހޭދަކުރަނީ ވަގުތީ ޓީޗަރެއްގެ ގޮތުގައި ދަރިވަރުންނަށް ކިޔަވައި ދިނުމުގައެވެ. އަޑުއިވުމާއި ވާހަކަދެއްކުމުގައި އުނިކަން ހުންނަ ކުދީންނަށް ހާއްސަކޮށް އަމިއްލަ ފަރާތަކުން ހިންގާ އެސޯސިއޭޝަނެއްގަ އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭ އެ މާހާއުލަށް އޭނާ ހީނުކުރާ ވަރަށް ވަނީ ލޯބި ޖެހިފައެވެ. އެކަމަށް މުޅީން ހުސްވެ ހުރުމުގެ ހިޔާލު ނީރާ އަންނަނީ ކުރަމުންނެވެ.
* * * * *
"ކިޔާން ކައިރީ އަހަންވީތަ؟" ލައިޒަލްގެ ހިތް އެ ސުވާލު ކުރީ އޭނާގެ ސިކުނޑިއާއެވެ. ނަފްސުގެ މައްޗަށް ބަސްބުނަން އަވަސްވެގަންނަ ޟަމިރާއެވެ. އެހެންވިޔަސް ބޭނުންވީ ޔަގީންކަމެއް އޭނާއަށް ނުލިބުނެވެ.
އޮފީސް ތެރޭގައި ހުރި ބޮޑު ކުޑަދޮރުގެ ބިއްލޫރިގަނޑުން މަގުމައްޗަށް ނަޒަރު އާމާޒުކޮށްލައިގެން ލައިޒަލް ހުރިއިރު އެކަމަށް ގެއްލިފައި ހުރި ކަހަލައެވެ. ވައަތްތިލަ ފަޓުލޫނުގެ އަރިމަތީ ޖީބަށް ކޮށްޕާލައިގެން އަނެއް އަތުން ކުޑަކުޑަ ކޮފީ ޖޯޑު ހިފަހައްޓާލައިގެން ހުރެ، ލަސް ލަހުން ކޮފީ ބޮމުން ދިޔައެވެ. އޭނާގެ ހިތާއި ސިކުނޑި އިއްޔެއިން ފެށިގެން އޭނާގެ ބާރުން ވީއްލިފައި ވާ ކަހަލައެވެ. ލޯކުރިމަތިން ފާޅުވި ހޫރެއްގެ ތަސްވީރު ހިތުގައި ބިންވަޅު ނެގި އޭނާގެ ތަގުދީރު ބަދަލުކޮށްލަން އުޅެނީއޭ ހީވާ ކަހަލައެވެ. ތަސައްވުރު ނުވާ އާ ޖަޒުބާތެއްގެ އަސަރު ހިތަށް ވެރިވާން އުޅޭހެން ހީވުމުން އެކަމާ ލައިޒަލް ޖެހިލުންވާން ފަށައިފިއެވެ. ފުރަތަމަ ފެނިލުމުން އެ ސޫރަ އޭނާގެ ހިޔާލުތަކުގައި ވަކި ހިއްޕާލައިފިކަން ޔަގީނެވެ. އެކަމަކު މީ ލައިޒަލްއަށް އާކަމެކެވެ. ނޭނގޭ ކަންކަމާމެދު ޖެހިލުންވުމަކީ ތަބީއީ ކަމެކެވެ. އޭނާ ވެސް އެހާ ޖެހިލުމެއް އެވަނީ އެހެންވެއެވެ.
ކުއްލިއަކަށް ލައިޒަލް އެނބުރިލިއެވެ. ޖީބަށް ޖަހާލައިގެން ހުރި އަތް ހިއްލާލައި އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ހަރުކޮށް ހިނގާލަފައި އައިސް މޭޒުމަތީ ހުރި ތަބަކުގެ ތެރޭގައިވާ ވަތުތަށީގައި ޖޯޑު ބެހެއްޓިއެވެ. ގޮނޑީގައި އިށީނދެ ދުވަހުގެ ތާވަލް ބަލާލިއެވެ. އޭނާ ނެތަސް މަސައްކަތްތައް ކުރިއަށް ދާނޭކަން އެނގެއެވެ. ކޮންމެހެން ސޮއެކުރަން ހުރި ލިޔުންތަކުގައި ސޮއި ކުރުމަށްފަހު ހަމްދާނަށް ލައިޒަލް ގުޅިއެވެ.
ހަމްދާންއަކީ ހަތާވީސް އަހަރުގެ ޒުވާނެކެވެ. އޭނާ ފިރާގުގެ ގާތަށް މަސައްކަތް ކުރަން އައީ އުމުރުން ސައުވީސް އަހަރުގައެވެ. ކުންފުނީގައި ހުރި ފިރާގު އެންމެ އިތުބާރު ކުރާ ޒުވާނާއެވެ. ލައިޒަލްއަށް ކުންފުނީގެ ތެރޭގައި މަސައްކަތްތައް ހިނގާ ގޮތް ދަސްކޮށްދިނުމުގައާއި އިސްވެ ކަންކަން ނިންމުގައި ހުރި މީހަކީ އޭނާއެވެ. ލައިޒަލްއަށް ވުރެ ގިނައިން އޮފީހުގައި ވަގުތު ހޭދަކުރެއެވެ. ފިރާގުގެ އިތުބާރާއި ލޯބި ލިބިފައިވާއިރު ހަމްދާނުގެ ނަޒަރުގައި ލައިޒަލްއަކީ އޭނާގެ ކޮއްކޮއެއް ފަދަ ކުއްޖެކެވެ. އާއިލާއެއް ތިމާގެ މީހަކުނެތް ހަމްދާނަށް އެހީތެރިއެއްގެ ގޮތުގައި ﷲ މެދުވެރި ކުރެއްވީ ފިރާގެވެ.
އެއްގަޑި ބައިގަ އޮފީހުން ނުކުތް ލައިޒަލް ދަތުރު ފެށީ ކިޔާންގެ ކައިރިއަށް ދިއުމަށެވެ. އޭގެ ކުރީން އޭނާ އޮފީހުގައި އިނދެ އަތުގެ އިޝާރާތުން ވާހަކަދެއްކުމާ ބެހޭ ގޮތުން މައުލޫމާތު އެއްކުރިއެވެ. އެ ބަހުރުވަ ދަސްކުރުމަކީ ފަސޭހަކަމެއް ނޫންކަން ލައިޒަލްއަށް އެނގުނެވެ. އެހެންނަމަވެސް އޭނާ އެކަމަށް ޝައުގުވެރި ވެއްޖެއެވެ. ދަސްކުރަން ބޭނުންވާއިރު އެކަމުގައި އޭނާއަށް އެހީތެރި ވެވޭނެ މީހަކީ ކިޔާންކަމުގައި ލައިޒަލްއަށް އެނގެއެވެ. އެ ބަސް ދަސްކޮށްގެން ހުރި މީހަކަށް ލައިޒަލް ދަންނަނީ ހަމައެކަނި ކިޔާންވީމައެވެ.
ގޭޓުން ވަދެގެން އައިސް އިމާރާތުގެ ތެރެއަށް ލައިޒަލް ވަނެވެ. ކިޔާންގެ އޮފީސް ކައިރިއަށް އަންނަ ޒުވާނާ އޭނާގެ ޕީއޭ ހަސްނާއަށް ފެނި އެއީ ލައިޒަލްކަން ވަކިކުރަން އެނގުނެވެ. އަވަހަށް ތެދުވެގެން އައިސް ކިޔާންގެ އޮފީސް ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއަށް ވަނުމާއެކު ލައިޒަލް އަތުވެއްޖެކަމުގެ ޚަބަރު އޭނާ ދީފިއެވެ. އޭރު ލައިޒަލް އެ އޮފީހުގެ ދޮރާ ހަމައަށް އަރައިފިއެވެ.
"ލައިޒަލް." ކިޔާން ގޮނޑިން ތެދުވެ އަންނާށޭ ބުނާ ފަދައިން އިޝާރާތް ކުރިއެވެ. އޭނާގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުރި ހަސްނާ އެނބުރި ދޮރާ ދިމާއަށް ބަލާލިއެވެ. ލުއި ހިނިތުންވުމެއް ލައިޒަލްއާ ބަދަލުކޮށްލިއެވެ. ކިޔާންއަށް ބަލާލާފައި ހަސްނާ އެތަނުން ނުކުތީ އެ ދެ ޒުވާނުންނަށް ފުރުސަތު ދެމުންނެވެ.
"ކަމަކު ކިޔަންވެފައޭ ބުނީއްސުރެން މިވިސްނަނީ އެކަމާ. ކިހާވަރެއްގެ ކަމެއް؟" ލައިޒަލްއާ ސަލާމްކޮށްލާފައި ގޮނޑީގައި އިށީނދެ ކިޔާން ވާހަކަދެއްކިއެވެ. އޭނާގެ ކުރިމަތީ މޭޒުގެ އަނެއްފަރާތުގައި ހުރި ދެ ގޮނޑިން ކުރެ ގޮނޑިއެއްގައި ލައިޒަލް އިނެވެ.
"ބޭނުންވާ ކަންތައް ދޯ... އަސްލު ބޭނުންވާ ކަމަކީ... މިތަނުގައި ވާހަކަދައްކާ އުޅޭ ބަހުރުވަ އެނގޭ މީހެއް ތީ، ފަސޭހައިން ދަސްވާނޭ ގޮތެއް ބުނެދީބަލަ... އަހަރެން ދަސްކުރަން ބޭނުންވެގެން. ކުލާހެއް ނަގައިދޭންވީނު." ލައިޒަލް ބުނެލިއެވެ.
"ސީރިއަސް ވާހަކައެއްތަ؟" އިރުކޮޅަކު ލައިޒަލްއަށް ބަލަން އިނދެފައި ކިޔާން ހީނލާފައި އަހާލިއެވެ.
"ވަރަށް ސީރިއަސް." ލައިޒަލްގެ މޫނުގައިވީ އަސަރުން އޭނާ އެކަމަށް ބޭނުންވާކަން ކިޔާނަށް ދޭހަވާނެކަން ޔަގީނެވެ.
"ކުދިކުދި ބަސް ބޭނުންކުރާނޭ ގޮތް މިހާރު ހުރޭ އިންޓަނެޓްގަ. ނުބަލަންތަ؟... ޝައުގުވެރިކަން ހުރުމުން އުނދަގޫކަމެއް ވެސް ފަސޭހަވެދާނެ. ސައިން ލޭންގުއޭޖްއަކީ އަހަރެމެން މިވާހަކަދައްކާ ބަސް ހަމަ. އެކަމަކު ބޭނުންކުރާ ގޮތް ތަފާތު. މުޅިން ތަފާތު ބަހުރުވައެއް. މިތަނުން ޓީޗަރެއް ހޯދާ ދެންތަ؟ އަހަންނަށްވުރެ މޮޅުވާނެ އެމީހުން ކިޔާދޭން." ކިޔާން ބުންޏެވެ.
"މިތާ ޓީޗަރެއް..." ލައިޒަލްއަށް މިހެން ބުނެވުނުއިރު އޭނާގެ ހިޔާލުގައި އެ ރީތި އަންހެން ކުއްޖާގެ ތަސްވީރު ކުރެހިއްޖެއެވެ. އެ ދުވަހު ހިނގި ހުރިހާކަމެއް ހުއްޓިފައިވާ މަންޒަރެއް ފަދައިންނެވެ. ސީދާ އޭނާގެ ދެ ލޮލަށް އެ ރީތި ކަޅިރަވަ ހުއްޓިފައިވީ ގޮތެވެ.
"މިތަނުން ޓީޗަރެއް ކަމަކުނުދާނެތަ؟" ވިސްނުމަކަށް ގެއްލިފައި ލައިޒަލް އިންތަން ފެނުމުން ކިޔާން އަހާލިއެވެ.
"އިހަށް ހިނގާ ހުރިހާ ޓީޗަރުންނާ ބައްދަލުކޮށްދޭން." ލައިޒަލް ނިކަން އަވަހަށް ބުނެލިއެވެ.
"މިގަޑީގަ ގިނަ ޓީޗަރުން އުޅޭނީ ކުލާސްތަކުގަ. ހިނގާ... ކުލާސްތަކުގެ ބޭރުން ބަލާލެވޭނެ. އޭރުން ކުލާސްތައް ހިނގާ ގޮތް ވެސް އެނގޭނެ." ކިޔާން މިހެން ބުނެ ގޮނޑިން ތެދުވިއެވެ. ލައިޒަލްގެ މި ޝައުގުވެރިކަމާމެދު ކިޔާން ހިސާބަކަށް ހައިރާންވިއެވެ. މީގެ ކުރީން އެތަނަށް ލައިޒަލް އަންނަނީ ކޮންމެހެން އަންނަން ޖެހިގެންނެވެ. އަމިއްލަ ޝައުގުވެރިކަމެއްގައި އޭނާ އައި މީ ފުރަތަމަ ފަހަރެވެ. ބަދަލުވީ ކޮންކަމެއްތޯ އެނގެން ކިޔާން ބޭނުމެވެ.
"އޭނާ ވެސް ހުންނާނީ ކުލާސް ނަގައިގެންތަ؟. ފެންނާނެނަމަ... އޭރުން ނަން އަހާލެވޭނެ." ލައިޒަލްގެ ހިތާ ވާހަކަދައްކަމުން ކިޔާންއާއެކު ކުލާސްތައް ހުންނަ ސަރައްކާލިއަށް ނުކުތެވެ. (ނުނިމޭ)