ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހާއްސަކުރައްވާފައިވާ މަންދޫބު އައްބާސް ފާއިޒު ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއާ ބައްދަލުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. މިބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް މަޖިލީހާއި ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސްގެ ހާއްސަ މަންދޫބަކަށް އިނގިރޭސި ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒު ހަމަޖެއްސީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ.
އައްބާސް ފާއިޒު ރާއްޖެ ވަޑައިގެންފައި މިވަނީ ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ ނިމި ފައިނަލް ރިޕޯޓް ނިންމުމުގެ މަސައްކަތް ކުރަމުންދާ ވަގުތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ހަމަލާ އާއި ގުޅިގެން ކުރިއަށްދާ ތަހުގީގުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މި މައްސަލައިގައި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި ތައްޔާރު ކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރު ކުރައްވާނެ ކަމަށެވެ.
އައްބާސް ފާއިޒް މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އަދި މި ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި ނިހާއީ ހުކުމަކާ ހަމައަށް ވާސިލް ވަންދެން އައްބާސް ފާއިޒް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ހަމަލާއާއި ގުޅިގެން އަށް މީހަކާ ސުވާލުކުރަމުންދާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހެއްގެ މައްސަލައިގެ ތަހުގީގު ނިމި ދައުވާކުރަން ތައްޔާރުވަމުންދާ ކަމަަށް ރައީސް ސޯލިހް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ. ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކޮށްފައިވަނީ ފަސް މީހެކެވެ.