(2 ޖުލައި 2021އާ ގުޅޭ)
"ޝަހުރު.." ލިވިޔާ މަޑުމަޑުން ހިފައިލީ ޝަހުރުގެ އަތުގައެވެ.
"ލިވީ. ލިވީ އަބަދުވެސް އަހަމެއްނު! ކީއްވެހޭ އަހަރެންގެ މަންމަމެންނަށް ލިވީ އިންޓްރޮޑިޔުސް ނުކޮށްދެނީ. ލިވީ. އަހަރެންގެ ޕޭރެންޓްސް ބޭނުމެއް ނުވޭ ލިވީއާ އަހަރެން ގުޅޭކަށް." ޝަހުރުގެ ލޮލުން ފައިބަން ފެށި ކަރުނައިން ޝަހުރަށް ލިބިފައިވާ ހިތްދަތިކަން ލިވިޔާއަށް ޔަޤީންވިއެވެ. ޝަހުރުގެ ދުލު ކުރިން ނުކުތް ބަސް ގޮސް ޖެހުނީ ލިވިޔާގެ ސީދާ ހިތުގައެވެ. ލިވިޔާއަށް ހުއްޓުން އެރިއެވެ. ބުނަން ވީ ކީކޭކަން ނޭނގި ގަނބުވިއެވެ. ހިތަށް އުނދަގޫވެ، ނޭވާލާން ދަތިވިއެވެ. ޝަހުރުގެ މޫނަށް ނަޒަރު ހުއްޓިފައިވާ ލިވިޔާގެ ދެލޯ ތެތްމައިލީ ހަމަ ކުއްލިއަކަށެވެ.
"ލިވީ.. ނުރޮއި! ލިވީގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ވެއްޓޭތަން ބަލަން މިހިތަކަށް ކެތެއް ނުވާނެ. ނުރޮއި.. ލިވީ ނުރޮއި." ޝަހުރުގެ ޙާލަތަށް ނުބަލައި، އޭނާ މަސައްކަތް ކޮށްލީ ލިވިޔާ ހިތްހަމަ ޖެއްސޭތޯއެވެ. އެ ދެމީހުންގެ ލޯބީގެ ކުރިމަތީގައި އޮތީ ކިހާ ވަރެއްގެ ބޮޑު ހުރަހެއްކަން އެނގި ހުރެ، ދެހިތަށް ވެސް ހަމަޖެހުމެއް ނެތް ކަން ދެނެހުރެއެވެ. ލިވިޔާގެ ލޮލުން ފެއިބި ކަރުނަތައް ޝަހުރުގެ އަތުގެ ނުފުށުން އޭނާ ފޮހެލަ ދިނެވެ.
"ކޮންމެ ގޮތެއް ވިޔަސް، މުޅި ދުނިޔެ މި ލޯތްބަށް ނުރުހުނަސް، މިދެހިތެއް ވަތްކެއް ނުކުރެވޭނެ! އެޔަށްވުރެ މާ ބޮޑަށް މިދެހިތް މިވަނީ ގުޅި ލާމެހިފަ." ޝަހުރު ހިފައިލީ ލިވިޔާގެ ކަނާއަތުގައެވެ. އަދި ގަދަކަމުން ހިނިތުންވެލީ، ލިވިޔާއަށް ޝަހުރުގެ ހިތުގައިވާ ގިލަންެވެރިން އިތުރަށް ފޮރުވުމަށެވެ.
ޝަހުރު ދައްކަމުން ދިޔަ ވާހަކަތަކުން ލިވިޔާގެ ހިތަށް އެއްވެސް ތަސައްލީއެއް ނުލިބެއެވެ. ޝަހުރުގެ މައިންބަފައިންގެ ލޯތްބާއި ނުލައި އައު ޙަޔާތެއް އެދެމީހުންނަށް ފެށުން އެއީ ފަސޭހަ ކަމަކަށް ނުވާނެތީއެވެ. ދިރިއުޅުމުގެ އެންމެ ބޮޑު އެއް ބަރަކާތަކީ މައިންބަފައިންގެ ލޯތްބާއި ހެޔޮ ދުޢާ ކަމުގައި ވާތީއެވެ. އެ ލޯބި، ފިތުނައަށްވެ، ހެޔޮ ދުޢާތައް ބަދު ދުޢާއަށް ބަދަލު ވުމަކީ ލިވިޔާ އެއްވެސް ޙާލެއްގައި އެދޭ އެދުމެއް ނޫނެވެ. މީގެ އިތުރުން އެތައް ކަމެއް ދިޔައީ ލިވިޔާގެ ސިކުނޑި ތެރެއަށް ވަދެ، ސިކުނޑި ފުނި ޖެހެމުންނެވެ. ދެމީހުން ކިޔަވަމުން ދިޔުމާ އެކު، ކައިވެނީގެ ވާހަކައަކީ ލިވިޔާއަށް ޤަބޫލުކުރަން ފަސޭހަ ވާހަކައަކަށް ވެސް ނުވިއެވެ. ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓާނީ ކިހިނެއް ކަމާ މެދު ލިވިިޔާ އަކަށް ނުވިސްނެއެވެ. އެހެން ނޫނަސް ކައިވެންޏަކީ އަވަސް އަރުވާލައިގެން ކުރާ ކަމަކަށް ވުރެ، މާ މާތް ގުޅުމެކެވެ. އެ ގުޅުމަކީ މުޅި އުމުރަށް ޖަހައިލެވޭނެ، ގޮށަކަށް ވާން ޖެހޭނެކަމަށް ލިވިޔާ ޤަބޫލު ކުރެއެވެ.
"އެއްވެސް އެއްޗެއް ނުބުނާނަންތަ؟ ލިވީ. ޕްލީޒް ކޮންމެވެސް އެއްޗެއް ބުނެބަލަ!" ލިވިޔާގެ ފަރާތުން ފެނުނު ހިމޭންކަމުން، ޝަހުރު ހާސްވެ އިނދެ އަހައިލިއެވެ. ކަރު ކެހިލަމުން، ލިވިޔާ އިސްދަށަށް ޖަހައިލިއެވެ.
"ލިވީ.. އަހަރެންނަށް އިނގޭ. ލިވީ ތިހުރީ ވަރަށް ދެރަވެފަކަން. އެކަމު ލިވީ، އަހަރެން މިހުރީ ލިވީއާ އެކުގައޭ." ޝަހުރުގެ ހިތުގައި ވަނީ ކޮންމެ ޙާލެއްގައި ވިޔަސް، ލިވިޔާ ހާސިލު ކުރުމެވެ. ޝަހުރުގެ މީހަކަށް މުޅި އުމަރަށް ލިވިޔާ ހެދުމެވެ.
"ޝަހުރު! އަހަރެމެންގެ ކިޔެވުން ކިހިނެއް ވާނީ؟ އަހަރެމެން މިތިބީ އަހަރެމެންގެ މައިންބަފައިންނަށް ޕްރޮމިސް އެއް ކޮށްގެން. ކިޔެވުން ކޮމްޕްލީޓު ކުރާނެ ކަމަށް. އަނެއްކޮޅުން މެރީ ކޮށްގެން އަހަރެމެން ކިހިނެއް ލާރި ހޯދަނީ؟ މައިންބަފައިންގެ ލޯތްބަކީ ވެސް ދިރިއުުމަށް ވަރަށް މުހިންމު އެއްޗެއް!" އިސް ނަގަމުން، ލިވިޔާ އޭނާގެ ކަޅި އަމާޒުކޮށްލީ ޝަހުރުގެ މޫނަށެވެ. ޝަހުރުގެ މޫނުމަތި ވަނީ މިލައި މޯޅިވެފައެވެ. އެއްވެސް ތާޒާ ކަމެއް އެމޫނުމަތީގައި މިވަގުތު ފެންނަން ނެތް ކަހަލައެވެ.
"ލިވީ!" ޝަހުރު ގޮސް އިށީންނީ ލިވިޔާގެ ކުރިމަތީގައި އުޑުފައިންނެވެ. އަދި މަޑުމަޑުން ލިވިޔާގެ ދެއަތުގައި ހިފައިލިއެވެ.
"ޑޫ ޔޫ ލަވް މީ؟" ޝަހުރު އަޑުގައި ވަނީ ލިވިޔާ ދެކެ އޭނާވާ އިންތިހާ ލޯބީގެ އަސަރުުތަކެވެ. ލަސް ނުކޮށް ޖަވާބުގައި
"އާނއެކޭ" ބުނެ، ލިވިޔާ ބޯ ޖަހައިލިއެވެ.
"އެހެންވިއްޔާ، ވީ ކޭން ފައިންޑް އަ ވޭ. އިފް ދެއަރ އިޒް އަ ވިލް، ދެއަރ އިޒް އަ ވޭ. އަހަރެމެންގެ ލޯބި ވާނީ އަހަރެމެންގެ މަންޒިލަށް ވާސިލު ވުމުގެ އުފާވެރި ރާސްތާއަކަށް. އަހަރެމެންނަށް ސަވައިވް ވެވޭނެ. އަހަރެން ވަޒީފާއެއް ހޯދާނީއޭ. ކައިވެނި ކޮށްގެން ވެސް ކިޔެވޭނެ. މައިންބަފައިންގެ ލޯބި ވެސް އަހަރެމެންނަށް ލިބޭނެ. އެއްވެސް ބަޔަކަށް މާތްﷲ ދެރަ ގޮތެއް މިންވަރެއް ނުކުރާނެ." ޝަހުރު ދައްކަމުން ދިޔަ ވާހަކަތައް ލިވިޔާއަށް ޤަބޫލު ކުރެވުނެވެ. ނަމަވެސް ލިވިޔާގެ މައިންބަފައިން، އެމީހުންގެ ކިޔެވުން ނުނިމެނިސް، ކައިވެންޏާ މެދު އެއްބަސް ވެދާނެ ކަމާ މެދު އޭނާއަށް ޝައްކުވިއެވެ.
ރޭގަނޑުގެ އަނދިރިކަމުން މުޅި ދުނިޔެ ބައްދައިލި އިރު، ހުސްނާމެންގޭ ސިޓިންގރޫމް އޮތީ "ހޫނު މައުލޫޢުއަކަށް" ޚިޔާލު ބަދަލު ކުރުމާއި އެކު، ޝަކުވާގެ މައިޒާނަކަށް އެތަން ބަދަލުވެފައެވެ. ހުސްނާ އާއި މަންސޫރު ނިކަން ހާސްވެފައި ވާހަކަދައްކަން ތިބީ ޔޫހާގެ މަންމަ ރާދާ އާއި އޭނާގެ ބައްޕަ ޔާސިރާއެވެ. އެމައިޒާންގައި ހިނގާ ފޯރިގަދަ ވާހަަކަތައް އިތުރަށް ފޯރުގަދަ ކޮށް، ރަހަ ހެޔޮވަރުކޮށްލަން ޝީލާގެ ދައުރު ވެސް ބޮޑެވެ.
"އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފަ! އަދިވެސް ހީވަނީ އެއީ ހޭލާ ހުރެ ފެނުނު ނުލަފާ ހުވަފެނެއްހެން." ޝަހުރުގެ ފަރާތުން ޔޫހާގެ ކައިވެންޏަށް ނުޤަބޫލުކަން ހާމަކުރި ވަގުތު ސިފަކޮށްލަމުން ހުސްނާ ބުނެލިއެވެ.
"އަހަރެން ކާން އިން ރޮށިކޮޅު ވެސް އަތުން ދޫވެގެން ދިޔައީ.." ހުސްނާގެ ވާހަކައަށް ބާރެއް ދެމުން މަންސޫރު ވާހަކަދެއްކިއެވެ.
"އަދި ކޮބާ؟ އަހަރެން ހީކުރީ އަހަރެންގެ ފޫކޮޅަށް ކަށްޓެއް ހެރުނީ ކަމަށް. ހަމަ ކުއްލިއަކަށް ވިއްޔާ ތެދުވެވުނީ. އަހަރެން ހުރީ ސަހަރޯ ހީވެފަ." ޝީލާ ފޯރިއާ އެކު، އޭނާގެ މަންމައާ ބައްޕަގެ ވާހަކައިގެ ލޮނު ހެޔޮ ވަރުކޮށްލަ ދިނެވެ.
"އެހެންވީމަ ހާދަ ޒީލަގަދަ، ނުފޫޒުގަދަ އަންހެނަކަށް އޭނާ ވާނޭ. ނަމަނަމަ، ޝަހުރުގެ ބޯ ކާލުމުގެ ފުރުޞަތު އޭނައަށް ނުދޭތި! އެ އަންހެނާއާ މެދުގައި ދުރާލާ ވިސްނާ، މިކަމަށް ހަރުކަށި ފިޔަވަޅު ތަކެއް އަޅަން ޖެހޭނެ." ޝަހުރުގެ ޢާއިލާގެ ވާހަކަތައް އަޑު އަހާފައި، ރާދާ ހީވީ މަތީ ކޯޓުން ޙުކުމެއް ނެރުނު ހެންނެވެ.
މުޅިން އައު ދުވަހަކަށް ދުނިޔެ ހޭލައިފިއެވެ. ޝަހުރު ގެއަށް އައިސް ވަތް އިރު، އޭނާގެ މަންމަ އިނީ ސޯފާގައެވެ. ޝަހުރު ފެނުމާ އެކު، ހުސްނާއަށް ތެޅެގަނެވުނެވެ. ރޭގަ ޝަހުރު ގެއަށް ނިދަން ނައުމުން، އެކަމާ ހުސްނާ ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ.
"ދަރިފުޅާ! ކޮންތާކުތަ ތިއުޅެނީ؟ ރޭގަ ނިދަން ވެސް ނާނަމެއްނު؟ މަންމަ ހާދަ ބިރުންނޭ ހުރީ. ހާދަ ވަރަކަށް ގުޅީމޭ." ހުސްނާ ވާހަކަދައްކަމުން ދިޔައީ ހާސްވެ ހުރެއެވެ. އަދި އިތުރަށް ހުސްނާގެ ހިތުގައިވާ އަމިއްލަ އެދުމާ ވެސް އެކުގައެވެ. ވަރަށް ވަރުބަލި ކަމަށާއި، ރޭގަ ނިދުނީ ރަށްޓެއްސެއްގެ ގޭގައި ކަމަށް ބުނެ، ޝަހުރު ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
"މައިކަލާކޯ! އެ އަންހެން ކޫޑިއާ އެކު، އަހަރެންގެ ދަރި ނިދީބާ؟ އޭނާ ބަލިވެ އިނިއްޔާ، އެ އަންހެން ކުއްޖާގަނޑުގެ މަކަރުގެ މަޅީގަ އަހަރެންގެ ދަރި ޖައްސާނެ. ހަމަހިލާ އެހެންވިޔަކަ ނުދޭނަން. މި ހުސްނާގެ މޫނުގަ ކާއްތާ މޭކަޕު ފުހެވެންޏާ، އެލޯބި ވެސް ފުހެލާނަން." ހުސްނާ އޭނާގެ ހިތާހިތާ ގަދަބަހުން ވާހަކަދެއްކިއެވެ.
***
"ކައިވެންޏޭ؟" ހައިރާންކަމާ އެކު، ލިވިޔާގެ ބައްޕަ މާހިރު ބަލައިލީ ލިވިޔާއަށެވެ. ލިވިޔާ ހުޅުވައިލި ސުރުޚީއަކުންނެވެ. އޭނާގެ މަންމަ ހާލިދާއަށް ވެސް ލިބުނީ ކުއްލި ބޮޑު ސިހުމެކެވެ.
"އާނ ބައްޕާ! ޝަހުރުގެ ޢާއިލާ އަހަރެންނާ ގުޅޭކަން ބޭނުމެއް ނުވޭ. އެކަމު، ޝަހުރު ބޭނުން ވަނީ އަހަރެންނާ ކައިވެނި ކުރަން.. ކިޔެވުން ވެސް ކައިވެންޏާ އެކު ކުރިއަށް ގެންދަން. އަދި ޝަހުރު ވަޒީީިފާއަކަށް ވެސް ދާން. ބައްޕާ، މަންމާ. އަހަރެން ދެކެ ޝަހުރު ވަރަށް ލޯބިވޭ!" ލިވިޔާގެ ވާހަކަތައް ކަނުލައި އަޑު އަހަން ހުރެފައި، މާހިރު އޭނާގެ އަތް ކާއްތައިލީ ލިވިޔާގެ ބުރަކަށީގައެެވެ.
"ބަލަ ދަރިފުޅި ލޯބިވޭތަ؟ ޝަހުރު ދެކެ." މާހިރު އެހެން އަހައިލުމާއެކު، ލިވިޔާ ހުއްޓުން އެރިއެވެ. ލަދުގަންނަ ގޮތް ވީއެވެ.
"މައްސަލަ އެއް ނެތް! ދަރިފުޅުގެ ތި ހިމޭންކަމުން ބައްޕައަށް ޖަވާބު ލިބެއްޖެ. ޝަހުރު ގާތު ބުނޭ، ބައްޕަ ބައްދަލު ކޮށްލަން ބޭނުމޭ.." ލިވިޔާގެ ބޮލުގައި ފިިރުމައިލުމަށްފަހު، މާހިރު އެތަން ދޫކޮށް ހިނގައިގަތެވެ. ލިވިޔާ ބިރުން ހުރެ ބަލައިލީ ހާލިދާއަށެވެ.
"ހާދަ ބިރުން ދަރިފުޅާ! ބައްޕައެއް ދަރިފުޅުގެ އުފަލަކަށް ހުރަހެއް ނާޅާނެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ." ހާލިދާ ލުއިކޮށް ހީނލިއެވެ.
***
ތައްޔާރު ވެގެން ޝަހުރު ގެއިން ނުކުތީ، ލިވިޔާގެ ބައްޕަގެ އެދުން އޭނާ ޝަހުރަށް އެންގުމުންނެވެ. ޝަހުރުގެ ހިތުގައި ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން އަޮތް ނަމަވެސް، ޝަހުރަށް އޭނާގެ އަމިއަލް ނަފުސަށް ދެވިފައިވާ އިތުބާރު ބޮޑެވެ. ޝަހުރު އަންނަން ވާއިރަށް ލިވިޔާގެ ޢާއިލާ ވަނީ ތައްޔާރު ވެފައެވެ. ޝަހުރަށް ވުރެ، ލިވިޔާ ހުރީ މާ ބޮޑަށް ބިރުންނެވެ. އެއީ ލިވިޔާގެ ބައްޕަގެ ގޮތް ވެސް ލިވިޔާއަށް ނޭނގޭތީއެވެ. މަންމައާ ބަލާފައި ބައްޕަ ވަރަށް ތަފާތު ވީމައެވެ.
"މިހާރު ޝަހުރު އަބަދު ބޭރުގަ ދޯ؟" ގަމީސް ގަޔާ ހެޔޮވަރު ކޮށްލަމުން މަންސޫރު ބަލައިލީ، ހުސްނާއަށެވެ. ހުސްނާ އެއްވެސް އެއްޗެއް ނުބުނެ އެނދުގައި އޮތެވެ. ހުސްނާ ވަނީ ފުންމިން ނޭނގޭ ޚިޔާލީ ކޯރަކަށް ޣަރަޤުވެފައެވެ.
"ބަލަ ހުސްނާ!" މަންސޫރު އަޑު ބާރުކޮށްލަމުން ގޮވައިލިއެވެ. ކުއްލިއަކަށް ހުރެފައި، ހުސްނާ ތެޅެގަތެވެ.
"ތިޔަ ވިސްނަން އޮއްވާ، ޝަހުރު ގެއްލެނީއޭ. އަހަރެމެން މިކަން އެބަ ޖެހޭ ހުއްޓުވަން." މަންސޫރު އެހެން ބުނެލުމާ އެކު، ހުސްނާ ފެށީ ހޭންށެވެ.
"އަދިވެސް ޝަހުރުގެ އޮންނާނީ ޅަ ސިކުނޑިއެއް. އެ ސިކުނޑިން ނޭނގޭނެ އޭނާގެ ދިރިއުޅުމަށް ރަނގަޅު ގޮތެއް. އެހެން ވީމަ، އަހަރެންގެ މި މޮޅު ސިކުނޑިން ވަރަށް ގިނަ ކަންކަން އެބަ ޖެހޭ ރާވަން." ހުސްނާ ވާހަކަދައްކަމުން ދިޔައީ މަންސޫރަށް ބަލަން އޮވެއެވެ.
"ތިހެން ވިސްނަން އޮއްވާ، ޝަހުރު މީހަކާ އިންނަ ތަން ފެންނާނީ." މަންސޫރު އެހެން ބުނުމާ އެކު، ހުސްނާ ހިތްހަމަ ނުޖެހުނެވެ.
"ތީ ހީވާ ގޮތް.. ތިކަހަލަ މޮޔަ ވާހަކަ ނުދައްކާ." ހުސްނާ ނުރުހިފައި ބަލައިލީ މަންސޫރުގެ ދެލޮލަށެވެ. ހުސްނާގެ ކަޅި ފެނުމާ އެކު، މަންސޫރުގެ ދޫ ވަގުތުން ބަންދުވިއެވެ.
***
މުޅި ސިޓިންގރޫމުން ފެންނަމުން ދިޔައީ ހިމޭންކަމެވެ. ސޯފާގައި އިން ޝަހުރަށް ކުރުވަމުން ދިޔައީ ފިނި އިޙްސާސެކެވެ. ސިޓިންގރޫމުގައި ލިވިޔާ އިނީ އޭނާގެ ބައްޕައާ ޖެހިގެން އިން ސޯފާގައެވެ. ލިވިޔާގެ މަންމަ ވެސް އެ މަޖިލީހުގައި އެބަ އިނެވެ. ހިމޭން ކަމާ އެކު، ހިނގަމުންދާ ކޮންމެ ސިކުންތަކުން "ޑިންޑިން" ލާފައި ލިވިޔާ އާއި ޝަހުރުގެ ހިތް ދިޔައީ ބާރަށް ތެޅެ، ފޮޅެމުންނެވެ. މުޅި ތަނަށް ވެފައިވާ ހިމޭންކަން ކުއްލިއަކަށް ފިލައިިގެން ދިޔައީ މާހިރުގެ ދުލުން ޝަހުރުގެ ނަން ބޭރު ވުމާ އެކުގައެވެ. (ނުނިމޭ)