މެސީ

މެސީ ބާސާގައި ބަހައްޓަން ގިނަ ކުޅުންތެރިންތަކެއް ވިއްކާލަނީ

ލިއޮނެލް މެސީ ބާސެލޯނާގައި ބަހައްޓަން ބާސާ އިން ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން މަސައްކަތް ފަށައިފި އެވެ.

ބާސެލޯނާގެ ރައީސް ލަޕޯޓާ މަގާމާ ހަވާލުވި ފަހުން އޭނާގެ އެންމެ ބޮޑު މަސަައްކަތަކަށް ވެފައި އޮތީ ކުރިއަށް އޮތް ތަނުގައި މެސީ ބާސާގައި މަޑު ކުރުވުމެވެ. މިދިޔަ ޖޫން 30 ގެ ނިޔަލަށް މެސީ އާއި ބާސާއާއި ދެމެދު ހެދިފައިވާ ކޮންޓްރެކްޓް ހަމަވެފައި ވާއިރު، މިހާރު މެސީއަކީ ފްރީ އެޖެންޓެކެވެ.

މެސީ އާއެކު ބާސާއިން ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމަށް ކްލަބުން މަސައްކަތް ކުރަމުން ދާއިރު، ގިނަ ދަތިތަކެއް އެބަހުއްޓެެވެ. އެގޮތުން އެންމެ ބޮޑު އުނދަގުލެއް ކުރިމަތިލާން ޖެހިފައި ވަނީ މެސީ ކްލަބުގައި ބެހެއްޓުމަށް ހިނގާ ބޮޑު ހަރަދު ހަމަޖެއްސުމުގަ އެވެ. މިހާރު ބާސެލޯނާގެ އަމާޒު ހުރީ ގިނަ ކުޅުންތެރިން ތަކެއް ވިއްކާލައިގެން ނަމަވެސް މެސީ ބާސެލޯނާގައި މަޑުކުރުވޭނެ ގޮތެއް ހޯދުމެވެ.

ލޯނު އުސޫލުން ފްރެންސިސްކޯ ޓްރިންކާއޯ ވޮލްވާހެމްޕްޓަން އަށް ދޫކުރަން ނިންމާފައި ވާއިރު، 15 މިލިއަނަށް ޖޫނިއާ ފިރްޕޯ ލީޑްސް ޔުނައިޓެޑަށް ވިއްކާލަން ވަނީ ނިންމާފަ އެވެ. މި ދެކުޅުންތެރިންނަކީ ބާސެލޯނާއިން ކުޅުންތެރިންނަށް ދޭމުސާރަ އާއި އަޅާ ބަލާއިރު ކުޑަ މުސާރައެއް ދޭ ކުޅުންތެރިންނެވެ. އެހެން ކަމުން މީގެ ސަބަބުން މާ ބޮޑު ކުރިއެރުމެއް ނާންނާނެތީ އިތުރު ކުޅުންތެރިން ވިއްކާލަން އެބަޖެހެ އެވެ.

އުމްޓިޓީ އާއި ޕިއަނިކް އަށް މިހާރު ބާސާއިން 16 މިލިއަނާއި 18 މިލިއަނުގެ ބޮޑު ހަރަދެއް ކުރެ އެވެ. މި ހަރަދު ކަނޑާލުމަށް ބާސާއިން މި ދެކުޅުންތެރިން ވިއްކާލަން މަސައްކަތް ކުރި ނަމަވެސް މި ދެކުޅުންތެރިން އެކަމަށް އެއްބަސް ނުވީ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މި ސަމާ ޓްރާންސްފާގެ ތެރޭގައި އެމީހުން ވިއްކާލައި 35 މިލިއަން ޑޮލަރުގެ ހަރަދެއް ބާސެލޯނާއިން ކަނޑާނެ އެވެ.

އަދި މިހިސާބުން ނިންމާލެވޭކަށް ނެތެވެ. މެސީގެ އާ ކޮންޓްރެކްޓް ހެދުމަށްޓަކައި މިއަށްވުރެ ގިނަ ކުޅުންތެރިން ވިއްކާލަން ޖެހޭނެ އެވެ. ބެލެވޭ ގޮތުގައި ދެން އެންމެ ގާތީ މީގެ ކުރިން ލޯނު އުސޫލުން ބަޔާން މިއުނިކަށް ދޫކުރި ފިލިޕޭ ކޮޓީނިއޯ މެސީއަށް ޓަކައި ދޫކޮށްލުމެވެ.

ކޮޓީނިއޯ ބޭރު ކޮށްލައިފި ނަމަ 50 މިލިއަން ޑޮލަރު ސަލާމަތް ވާނެ އެވެ. އެހެން ކަމުން ބާސާއަށް މިހާރު އޮތީ އޭނާ ވިއްކާލާނެ ނުވަތަ އަނެއްކާވެސް ލޯނު އުސޫލުން ދޫކުރާނެ ރަނގަޅު ޑީލެއް ހޯދުމެވެ.

އެންމެ ފަހުން ކޮޓީނިއޯ ބަޔާން މިއުނިކަށް ދޫކޮށްގެން އޭނާ ވަނީ އެފަހަރުގެ ޗެމްޕިއަންސް ލީގު އެޓީމާއެކު ނަގާފަ އެވެ. ނުވިތާކަށް 8-2 އިން ބަޔާން ބާސާ ބަލިކުރި މެޗުގައި އޭނާ ވަނީ ބާސާ ކޮޅަށް ގޯލު ވެސް ޖަހާފަ އެވެ.

މީގެ އިތުރުން ވެސް މި ސަމާގައި ނުއަގުގައި ވިއްކާލަފާނެ އެތައް ކުޅުންތެރިންނެއް އެބަތިއްބެވެ. އޭގެ ތެރޭގައި ބްރެތުވެއިޓް، އެލީނާ، ލެންގްލޭގެ އިތުރުން ގްރީޒްމަން ހިމެނެ އެވެ. ގްރީޒްމަންއަަށް މިހާރު އަހަރެއްގެ މައްޗަށް 40 މިލިއަން ޔޫރޯ ލިބެ އެވެ.

ކޮންމެ ގޮތަކުން ވިއަސް މެސީ ބާސެލޯނާގައި މަޑުކުރުވަން ބާސާއިން ބޭނުން ވާއިރު، އޭނާ ބާސާގައި މަޑުކުރުވުމަކީ ފަސޭހަ ކަމެއް ނޫންކަން މިހާރު އެމީހުންނަށް ޔަގީން ވާނެ އެވެ.

ބާސާއިން ގިނަ ކުޅުންތެރިންތަކެއް ވިއްކާލައި ބޮޑު އަގެއް ދީފައި މެސީ ގެންނަން މަސައްކަތް ކުރާ ސަބަބެއް އެބަ އޮތެވެ. އެއީ މެސީ އަކީ ދުނިޔެގެ އެންމެ މޮޅު އެއް ކުޅުންތެރިއަކަށް ވުމުގެ އިތުރުން އޭނާ ބާސާގައި ހުންނަ ނަމަ ބޮޑެތި ގިނަ ސްޕޮންސަރުންތަކެއް ބާސާއަށް ލިބޭނެތީ އެވެ. މިއީ އެމީހުންނަށް މާލީ ގޮތުން ވަރަށް ބޮޑު ފައިދާ އަކަށް ވާނެ އެވެ.