ރައީސް މުހައްމަދު ނަޝީދު

ނަޝީދު ބޭނުންފުޅުވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑުކުރަން

Jul 6, 2021
1

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުން ދެމުންދާ އެލަވަންސް ބޮޑުކުރަން ޖެހިއްޖެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އާންމު ރައްޔިތުން އެމަނިކުފާނާ ކުރަން ބޭނުންވާ ސުވާލުތަކަށް ފުރުސަތު ހުޅުވާލައިގެން ވަގުތުން ކުރިއަށް ގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމާ ގުޅޭގޮތުން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އެލަވަންސްގެ ގޮތުގައި މިހާރު ދެނީ މަހަކު 2،000 ރުފިޔާ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުން ދެމުންދާ އިނާޔަތަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު އެންމެ ފުރަތަމަ ތައާރަފް ކުރެވުނު އިނާޔާތެއް ކަމަށެވެ.

"އެ އިނާޔާތް ދޭން ފެށުމާ ގުޅިގެން ވަރަށް ބޮޑު ބަދަލެއް ނުކުޅެދޭ ފަރާތްތަކަށް އެހީތެރިކަމާ އެކީގައި ހަގީގަތުގައި އެމީހުންގެ ދިރިއުޅަށް ވަރަށް ރަނގަޅު ބަދަލުތަކެއް އެބަގެނެވޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑުކުރާ ވާހަކަ ދެކެވޭއިރު ކޮވިޑް 19އާއި ގުޅިގެން އިގްތިސާދު ހީނަރުވެ، އުފެއްދުންތެރިކަށް ދަށަށް ގޮސް، ޓޫރިޒަމް އެކީހެން ހުއްޓިފައިވާ ކަމަށެވެ. އަދި ޓޫރިޒަމް އޮކިއުޕަންސީ މިވަގުތު 50 ޕަސަންޓަށް ވެސް ނާރާ ކަމުގައި ވެސް ވިދާޅުވި އެވެ. އެހެންވެ އެލަވަންސް ބޮޑު ކުރާނަމަ އެކަން ކުރަންޖެހޭނީ ދައުލަތަށް ލިބޭ އާމްދަނީއާ އަޅާކިޔުމަށްފަހު ކަމުގައި ވިދާޅުވި އެވެ. އެހެންނޫނީ ހަރަދުތައް އިތުރުވެ ވަރަށް ދެރަ ގޮތްތަކެއް ކުރިމަތިވެދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކަށް ބަލާފައިވެސް އަޅުގަނޑު ދެކޭ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތަށް ބަދަލެއް ގެނައުމަކީ އިތުރުވުމަކީ މިވަގުތު ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުން ދެމުންދާ އެލަވަންސް ބޮޑުކުރަން މިދިޔަ އަހަރު ވެސް ބަޖެޓް ދިރާސާކުރި ދުވަސްވަރު މެންބަރުން މަޝްވަރާ ކުރެއްވި އެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން އޭރު އެކަން ކުރަން ގިނަ މެންބަރުން ބޭނުންފުޅެއް ނުވި އެވެ.