ރައީސް އަބްދުﷲ ޔާމީން

ޔާމީން ބަރުލަމާނީއާ ދެކޮޅު: އަބްދުއްރަހީމް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތާއީދު ކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށް ކަމަށާ ރައްޔިތުން ނިންމި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު މިރޭ ދެއްކެވި ވާހަކަފުޅަށް ޕީޕީއެމް އާއި ޕީއެންްސީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.

މަޖިލީހުގެ ރިޔާސަތަށް ވަޑައިގެން ރައީސް ނަޝީދު ފެއްޓެވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލައްވަން ކުރައްވާ މަސައްކަތް އިތުރަށް ތިލަކުރައްވާ އެ މަސައްކަތް ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ކުރައްވާނީ އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ބައިވެރިވުން ވެސް ލިބިވަޑައިގެން ކަމަށާ އެކަމާ އެމަނިކުފާނު ދެކޮޅު ނުހައްދަވާނެ ކަމަށް ދޭހަވާ މޭރުމުން ވެސް ވާހަކަ ދައްކަވާފަ އެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން މި މަގުން ކަންތައްތައް ކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީއަށް އެ ބަދަލު ގެނެވޭނެ. އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމުންވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ،" ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ރައްޔިތުންގެ ނިންމެވުމާއެކު ކަމަށެވެ. އެއީ ރިޔާސީ ނިޒާމު ކަަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ޔާމީން ތާއީދު ކުރައްވާ ނިޒާމެއް ރައީސް ނަޝީދަކަށް އެނގިވަޑައެއް ނުގަންނަވާނެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެވެން ޖެހޭނެ. އެއީ ގައުމު ބޭނުންވާ ގޮތް،" ރައީސް ޔާމީން އަބަދުވެސް ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިރޭ ވިދާޅުވީ ނިޒާމު ބަދަލުކުރުމަށް އެމަނިކުފާނު ކުރައްވާ މަަސައްކަތްޕުޅާއި ރައީސް ސޯލިހް ފާޅުގައި ދެކޮޅު ނުހައްދަވާ ކަމަށެވެ. އަދި ފާޅުގައި ދެކޮޅު ނުވެސް ހައްދަވާނެ ކަމަށެވެ. ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަަސައްކަތް ކުރެއްވީ އެމަނިކުފާނު ކަމަށާ އަދި މިހާރުވެސް އެންމެ ބޮޑު ތާއީދެއް ދެއްވަނީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވިއެވެ.

"ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއީ [ބަރުލަމާނީ ނިޒާމަކަށް] އޮތް ހުރަހެއް ނޫން،" ނަޝީދު ވިދާޅުވިއެވެ. "އަދި މިވަގުތުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަަށް އެންމެ އިހުލާސްތެރި މީހަކީ އަޅުގަނޑު،"