ބ. ކަމަދޫގައި ފެން ވިއުގައެއް ގާއިމުކުރުމާއި ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
ފެން ކުންފުނިން މިއަދު ބުނީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ.
ކަމަދޫގައި 4.38 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކެއް ގާއިމުކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.
ކަމަދޫ ގޭގޭގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދޭއިރު ފެން ތަހުލީލު ކުރާ ސާމާނު ވެސް ފޯރުކޮށް ދޭނެ އެވެ.
މީގެއިތުރުން ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 3.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރާނެ އެވެ. އަދި 474 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމުގެ އިތުރުން، ދެ ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލެއް ގާއިމްކުރާނެ ކަމަށް އެކުންފުނިން ބުނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 56.6 މިލިއަން ރުފިޔާ އެވެ.
މި މަސައްކަތް އެއް އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ ޝަރުތުކޮށްފަ އެވެ.