އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީ އިން ކަމަދޫގައި ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހްކޮށްފި

އެމްޑަބްލިއުއެސްސީ އިން ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާހްކޮށްފި އެވެ.

ކަމަދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އެވެ.

މިރަސްމިއްޔާތުގައި ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު އާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް އާއި، ކަމަދޫ ކައުންސިލްގެ އިސް ވެރިންނާއި އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.

ކަމަދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.

މީގެ އިތުރުން ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފަ އެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެން ތާންގީ ވެސް ވަނީ ބަހައްޓާފަ އެވެ.

ކެންދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކްއާއި ޕަމްޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަމްޕިން ސްޓޭޝަން ގާއިމުކޮށް އަދި ސީ އައުޓްފޯލް ވަނީ އަޅާފަ އެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.

މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް އަދި ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކަމަދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 56.66 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫއުގެ ސަބަބުން ކަމަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.