ރޭޕް

އަޝްމަލީ ފައިސާ ދެއްކީ އޮއިލް މަސާޖަކަށް: ވަކީލު

ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީއަށް ކުރާ ތުހުމަތުތައް އޭނާގެ ފަރާތުން ދޮގުކޮށްފި އެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވައިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ވެސް ވަނީ މުއްދަތު ޖަހާފަ އެވެ. އޭގެ ތެރެއިން އަޝްމަލީގެ ބަންދަށް ދިނީ 14 ދުވަހެވެ.

އަޝްމަލީ މި މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޗެނެލް ނިއުސް އޭޝިއާއިން ރިޕޯޓުކުރި ގޮތުގައި އޭނާގެ ފަރާތުން ކޯޓުގައި ވަކީލު ވިދާޅުވެފައި ވަނީ އަޝްމަލީގެ ނިޔަތަކީ ކުޑަކުއްޖެއްގެ ފަރާތުން ޖިންސީ ނަހަމަ އަމަލެއް ހިންގުން ނޫން ކަމަށެވެ.

ކޯޓުގައި އަސްލަމީ ދިފާއު ކުރައްވާ ވަކީލް ވިދާޅުވީ އޮންލައިންކޮށް ފައިސާ ދައްކައިގެން އަޝްމަލީ ބުކިން ހެއްދީ ވެބްސައިޓަކުން އިސްތިހާރެއް ފެނިގެން އޮއިލް މަސާޖެއް ކުރައްވަން ކަމަށެވެ. އަދި ބުކިން ހެއްދިއިރު އެއީ ކުޑަ ކުއްޖެއްކަން ނޭނގޭ ކަމަށެވެ.

ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުން އެ މީހުނާއެކު މި މައްސަލައާއި ގުޅުންހުރި 32 މީހަކު ވެސް ރޭޕްގެ ތުހުމަތަށް ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އިތުރު 12 މީހަކު ފާހަގަވެފައިވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ އަޝްމަލީއާއެކު ހައްޔަރުކުރި ލަންކާގެ ތިން މީހުންނަކީ ކުޑަކުއްޖާ ލައްވައި ހަށިވިއްކުވި ހޮޓަލުގެ ވެރިން ކަމަށެވެ. މި މައްސަލައިގައި ލަންކާގެ ވެބްސައިޓެއްގައި މިކަން އިޝްތިހާރު ކުރަން އުޅުނު ދެ މީހަކު ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކުއްޖާ ލައްވާ ހަށިވިއްކުވާތާ މިހާރު ތިން މަސް ވަނީ ވެފަ އެވެ. އެ ކުއްޖާއަށް ޖިންސީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާ ކަމަށާއި އެކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. ކުޑަކުއްޖާއަކީ ދިވެހި ކުއްޖެއް ކަމެއް، ލަންކާގެ ކުއްޖެއް ކަމެއް ސާފެއް ނުވެއެވެ.