ޝްރީލަންކާގެ ފުލުހުން ދިވެހިންނަށް ޓާގެޓް ކޮށްގެން ސާޗް މިޝަންއެއް ކުރިއަށްގެންދާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާ އެފަދަ ޝަކުވާއެއް ވެސް މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ދުންޔާ ވިދާޅުވީ، ރާއްޖެއާ ސްރީ ލަންކާ އާ ދެމެދުގެ ގުޅުން ހީނަރު ވެފައި ނުވާ ކަމަށެވެ. ރާއްޖެ އަބަދުވެސް ވަނީ ސްރީލަންކާއަށް އެކި ކަންކަމުގައި ވީ އެންމެ ބޮޑަކަށް އެހީތެރިކަން ފޯރުކޮށްދީފަ ކަމަށާއި އެ ގުޅުން އެގޮތުގައި ދެންވެސް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދާދި ފަހުން ސްރީލަންކާގައި މަރުވެފައި އޮއްވާ ފެނުނު ހ.ހަންޑްރެޑް ފްލާވާ ހުސައިން ރަޒީންގެ މަރުގެ މައްސަލާގައި ދިވެއްސަކު ހައްޔަރުކުރުމާ އެކު ލަންކާގައި ތިބި ދިވެހިން އުޅޭ ނޫޅޭގޮތް ބަލައި، ދިވެހިން އުޅޭ ގެތައް ލަންކާ ފުލުހުން ފާސް ކުރާ ކަމުގެ ޝަކުވާތަކެއް އެގައުމުގައި ދިރިއުޅޭ ބައެއް ދިވެހި އާއިލާތަކުން ވަނީ ރާއްޖޭގެ މީޑިއާތަކާ ހިއްސާ ކޮށްފަ އެވެ.
ދުންޔާ ވިދާޅުވީ، ހަބަރުތަކުން އިވޭފަދަ އެއްވެސް މައުލޫމާތެއް ރަސްމީ ގޮތެއްގައި އެ މިނިސްޓްރީއަށް ލަންކާ ސަރުކާރުން އަންގާފައި ނުވާ ކަމަށެވެ. އަދި ލަންކާ ފުލުހުން އެފަދަ ގޮތަކަށް އަމަލުކުރާ ކަމުގެ މައުލޫމާތެއް ލަންކާގައި ދިރިއުޅޭ އާއިލާތަކުންވެސް ރިޕޯޓު ކޮށްފަ ނުވާ ކަމަށެވެ.
"ތަހުގީގަކާ ގުޅިގެން ސްރީލަންކާ ފުލުހުން ކޮންމެވެސް ވަރަކަށް ދިވެހިންގެ ގޭގެ ފާސްކުރާ ކަމުގެ މައުލޫމާތެއް މީޑިއާއިން އަޅުގަނޑުމެންނަށް މިވަނީ ލިބިފަ. އެއްގޮތަކަށްވެސް ރަސްމީ ސިފައެއްގަ އެފަދަ މައުލޫމާތެއް ނެތް ލިބިފަ. އަދި ދިވެހިންނަށް މީގެ މާބޮޑު އުނދަގޫތަކެއް ދިމާވާ ކަމުގެ މައުލޫމާތެއްވެސް އަޅުގަނޑުމެންނަށް އެނގިގެން ނުވޭ. އެފަދަ ކަމެއް އުޅޭ ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ ނަމަ އަޅުގަނޑުމެންނަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ފޮރިން ސެކްރެޓަރީ އަލީ ނަސީރު މުހައްމަދު ވިދާޅުވީ، ކޮންމެ ގައުމެއްގަވެސް ދިމާވާ އެކި މައްސަލަތަކުގައި އެ ގައުމެއްގެ ގާނޫނުތަކާ ގަވާއިދުތައް އޮންނަ ގޮތެއްގެ މަތިން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ކަމެއްގައި ދިވެހިންނަށް ސީދާ ޓާގެޓްކޮށްގެން ލަންކާ ފުލުހުން އެއްވެސް ގޮތަަކަށް އަމަލު ނުކުރާ ކަމަށް ނަސީރު ވިދާޅުވި އެވެ.
"ސްރީ ލަންކާއިން ކުރާ ތަހުގީގަކާ ގުޅިގެން ވަކި ބަޔަކު ނުވަތަ ވަކި ސަރަހައްދެއް ބަލަންޖެހޭ ނަމަ އެއީ އެގައުމުން ކުރަންޖެހޭނެ ކަމެކެވެ. އެހެންނަމަވެސް ދިވެހިންނަށް ވަކިން ޓާގެޓް ކޮށްގެން ސްރީލަންކާގެ ލޯއެންޑް އޯޑާއިން އެފަދަ ކަމެއް ކުރާކަމުގެ މައުލޫމާތެއް އަޅުގަނޑުމެންނަށް ނެތް ލިބިފަ. ސްރީ ލަންކާގަ ހުންނަ ރާއްޖޭގެ ކޮމިޝަނާ ދަނީ އެކޮޅުގައި ދިރިއުޅޭ އާއިލާ ތަކުގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން. އެއްވެސް ބަޔަކަށް އެކަހަލަ މައުލޫމާތެއް ލިބިއްޖެއްޔާ ކޮމިޝަނާ އަށް ގުޅުއްވަން ދަންނަވަމުން މި ގެންދަނީ،" އަލީ ނަސީރު ވިދާޅުވި އެވެ.
ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ލަންކާ މީހާ ދޫކޮށްލަން އެގައުމުގެ ސަރުކާރުން ރާޢްޖޭގައި އެދެން ނިންމާފައިވާ ކަމަށް ލަންކާ ނޫސްތަކުގައި ބުނެފައިވާ ހަބަރަކާ ގުޅިގެން މިނިސްޓަރު ދުންޔާ ވިދާޅުވީ، ލަހިރޫ މަދުޝަންކާ ދޫކޮށްލަން ލަންކާ ސަރުކާރުން ރާއްޖޭގައި އެދިފައި ނުވާ ކަމަށެވެ.