އީޕީއޭ

ކަނޑޫފާ މަރުވަނީ ފަންގަހެއް ސަބަބުން: އީޕީއޭ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދިފައިވާ ކަނޑޫފާތައް މަރުވަމުންދަނީ އެ ގަސްތައް ބަލިކަށިކޮށް މަރާލާ ފަންގަސެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފި އެވެ.

ގޮތްނޭންގޭ ގޮތަކަށް ކަނޑޫފާތައް މަރުވަމުންދާތީ އެކަމާ ގުޅިގެން އީޕީއޭއިން ވަނީ ދިރާސާއެއް ކޮށްފަ އެވެ. އަދި އެކަމާ ގުޅޭގޮތުން މިއަދު ވަނީ ނޫސް ބަޔާނެއް ނެރިފަ އެެވެ. ކަނޑޫފާ އެންމެ ބޮޑަށް މަރުވަމުންދާ ރަށްރަށުން، ނެގިފައިވާ ގަހުގެ ސާމްޕަލްތައް ތަހުލީލުކޮށްފައި ވަނީ އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ފޮނުވައި ގެންނެވެ.

އެ ޔުނިވާރސިޓީއާ ގުޅިގެން ކަނޑޫފާ މަރުންވަމުންދިޔަ ހަތް ރަށަކުންނާއި ކަނޑޫފާ މަރުވުމުގެ އަސަރު ނުފެންނަ ދެ ރަށަކުން، ފެނާއި ވެލި ތަހުލީލުކޮށް ބެލިބެލުމުން، ފެނާއި ވެލީގައި އެކުލެވިފައިވާ "ނިޔުޓްރިއެންޓްސް" ގެ މާއްދާތައް ހުރި މިންވަރު، ރާއްޖެފަދަ ހޫނު ގައުމުތަކުގެ ކުޅި، ފައު އަދި ޗަސްބިންތަކާއި ދާދިއެއްގޮތްކަމަށް ފާހަގަކުރެވުނު ކަމަށް އީޕީއޭއިން ބުނެ އެވެ. އަދި 'ހެވީމެޓަލް' ގެ އަސަރެއް ކަނޑޫފާތަކުން ފާހަގަނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ކަނޑޫފާތަކުގެ ވެއްޔާއި ފެން، އަދި ކަނޑޫގަސްތަކުގެ މުލާއި، ފަތާއި، ތޮށީގައި އެއްވެސް ޖަރާސީމެއްވޭތޯ ބެލިބެލުމުން، އެދަފަ މާހައުލުންނާއި، މާހަޙައުލުތަކުގައި ހެދޭ ގަސްގަހުން ނުފެންނަ، މާގިނަ ބަލިޖައްސާފަދަ ލޮލަށް ނުފެންނަ ބާވަތްތަކުގެ ކުދި ދިރުންތައް ފެނިފައިނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ކަނޑޫފާ މަރުވަމުންދާ ރަށްރަށުން ނެގުނު ސާމްޕަލްތަކުން، ދުނިޔޭގެ ކަންކޮޅުތަކުގައި ބައެއް ބާވަތްތަކުގެ ގަސްތަކަށް ބަލިޖައްސާކަމަށް މީގެ ކުރިން ފާހަގަވެފައިވާ ބާވަތެއްގެ ފަންގަސް އެއްވަނީ ފެނިފައި ކަމަށާއި ތަހްލީލްތަކުން ހޯދިފައިވާ ފަންގަސް އަކީ، ތަފާތު ސަބަބުތަކާއި ގުޅިގެން ކަނޑޫފާތައް ބަލިކަށިވުމަށް ހުށަހެޅިފައިވެދާނެ ދަނޑިވަޅެއްގައި ގަސްތައް އިތުރަށް ބަލިކުރާ ފަންގަސެއް ކަމަށެވެ.

އީޕީއޭއިން ބުނެފައި ވަނީ ރާއްޖޭގެ ކަނޑޫފާ ގަސްތައް މަރުވަމުންދަނީ އެ ފަންގަސްގެ ސަބަބުންކަން ޔަގީން ކުރެވޭނީ، ދިގުމުއްދަތަށް އިތުރު ތަހުލީލުތަކެއް ކުރެވިގެން ކަމަށެވެ. އަދި ކަނޑޫފާތަކުން ފެނިފައިވާ ސޫފާސޫފިތައް އިތުރަށް ތަހުލީލުކޮށް އޭގެން ގަސްތަކަށް ކޮށްފާނެ އަސަރު ދެނެގަނެ، ބަޔާން ކުރުމަށް، އިލްމީ މާހިރުންގެ އިތުރު ފީލްޑް ވިޒިޓް ތަކާއި، ސައިންޓިފިކް ތަހުލީލުތައް ކުރަންޖެހޭ ކަން ވެސް ފާހަގަކޮށްފައި ވެއެވެ.

އީޕީއޭއާކު މަސައްކަތްކުރަމުން ގެންދާ ޓީމެއް ވީހާވެސް އަވަހަކަށް އެރަށްރަށް ޒިޔާރަތްކޮށް، އިތުރު ސާމްޕަލްތައް ނަގައި، އިތުރު ތަހުލީލުތައް ކުރުމަށްވަނީ ހަމަޖެހިފައި ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.