އެމްޓީސީސީ

އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފި

ފަންނީ އަދި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރަން އެމްޓީސީސީން ކުރިއަށް ގެންދާ އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް "ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހުނަވަރު ޕްރޮގްރާމްގެ މަގްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި މަސައްކަތްތެރި މުއައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށް އެކުންފުނިން ބުނެ އެވެ. އެގޮތުން މިއަދު އިއުލާނު ކުރެވުނު ހުނަވަރު ޕްރޮގްރާމްގެ ދަށުން ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންނާއި، މަގު ހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ މުވައްޒަފުންނާއި، ވެލްޑިންގެ ދާއިރާއަށް ބޭނުންވާ މުއައްޒަފުން ތަމްރީން ކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.

މިއީ ތިން މަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ދިނުމަށް ވަނީ ނިންމާފަ އެވެ.

ދިރިއުޅޭ ރަށް ނޫން ރަށެއްގައި ޕްރޮގްރާމް ކުރިއަށް ގެންދާނަމަ ހުރުމާއި ކެއުމުގެ ހަރަދުވެސް އެ ކުންފުނިން ހަމަޖައްސައިދޭނެ އެވެ.

މި ޕްރޮގްރާމުގައި 50 މީހަކު ތަންރީނުކުރާނެ އެވެ. އެއީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންގެ މަގާމަށް 30 ފުރުސަތު، މަގުހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ މަގާމުތަކަށް 10 ފުރުސަތު އަދި ވެލްޑިންގެ ދާއިރާތަކަށް 10 ފުރުސަތެވެ.

ޕްރޮގްރާމަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީހަކީ މިމަހުގެ 14 ވަނަ ދުވަހެވެ. އަދި އިންޓަވިއު ކުރުމަށްފަހު ހޮވޭ ބައިވެރިންނާއެކު މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.