އެމްޓީސީސީ

އެމްޓީސީސީން "ހުނަވަރު" ފަށަނީ

ފަންނީ އަދި ހުނަރުވެރި މަސައްކަތްތެރިން ބިނާ ކުރަން އެމްޓީސީސީން ކުރިއަށްގެންދާ އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް "ހުނަވަރު" އަނެއްކާވެސް ފަށަން ތައްޔާރު ވެއްޖެ އެވެ. މިއީ އެކުންފުނިން 2018 ވަނަ އަހަރު ފަށައި މެދުކެނޑިފައި އޮތް ޕްރޮގްރާމެކެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ލައިސެންސިން ޕްރޮގްރާމަކާއި ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެއް ހިންގާނެ އެވެ. އެމްޓީސީސީ އިން ބުނީ ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ކުރިއަށް ގެންދާނީ މިއަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށް ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، އަމާޒަކީ ތިން އަހަރު ތެރޭގައި 100 މީހުން ތަމްރީން ކުރުން ކަމަށެވެ.

މިއަހަރު މި ޕްރޮގްރާމްގެ ދަށުން 30 މީހުން ތަމްރީނު ކުރުމުގެ އަމާޒު އޮތް ކަމަށް ވެސް އެމްޓީސީސީ އިން ބުނެ އެވެ.

ޓެކްނިކަލް ސްކިލްސް ޕްރޮގްރާމުގެ ދަށުން ވެލްޑިން އާއި ޕްލަމްބަރިން އާއި އިލެކްޓްރިކް މަސައްކަތާއި އޮޓޮމޯޓިވް މެކޭނިކް މަސައްކަތާއި ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކުން މީހުން ތަމްރީން ކުރާނެ އެވެ. ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު 3000ރ. އެލަވަންސެއް ދޭނެ އެވެ. އަދި ކާމިޔާބު ކަމާއެކު ޕްރޮގްރާމް ނިންމުމުން އެ ކުންފުނީގައި ވަޒީފާއަށް ވެސް ފަހިކޮށްދޭނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތި، ކުށުގެ ރިކޯޑް ނެތް މީހުންނަށެވެ.