އެމްޓީސީސީ

އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމަށް ހުޅުވާލައިފި

ފަންނީ އަދި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރަން އެމްޓީސީސީން ކުރިއަށް ގެންދާ އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް "ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް އަދި ހުނަވަރި ލައިސެންސިން ޕްރޮގްރާމް" އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މަގްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށް އެކުންފުނިން ބުނެ އެވެ.

ތަމްރީންތައް ކުރިއަށް ގެންދާނެ ދާއިރާތައް

  • ބަސް ޑްރައިވަރުން
  • ހައިމާކް ޑްރައިވަރުން
  • ކެރޭނު ޑްރައިވަރުން
  • ލޯޑަރު ޑްރައިވަރުން
  • ސައިޓް ސްޕްވައިޒަރުން
  • ވެލްޑަރުން
  • މެރައިން މެކޭނިކުން
  • ޓަގް މެކޭނިކުން
  • ޓިންކަރުން

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ތިން މަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 5،000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ދިނުމަށް ނިންމާފައިވެ އެވެ.

ދިރިއުޅޭ ރަށް ނޫން ރަށެއްގައި ޕްރޮގްރާމް ކުރިއަށް ގެންދާނަމަ ހުރުމާއި ކެއުމުގެ ހަރަދުވެސް އެ ކުންފުނިން ހަމަޖައްސައިދޭނެ އެވެ.

މި ފަހަރު މި ޕްރޮގްރާމުގައި 140 މީހަކު ތަންރީނުކުރާނެ އެވެ. އެއީ ބަސް ޑްރައިވަރުންނަށް 50 މީހުން، ހައިމާކް ޑްރައިވަރުންނަށް 20 މީހުން، ކެރޭނު ޑްރައިވަރުންނަށް ފަސް މީހުން އަދި ލޯޑަރު ދުއްވަން 10 މީހުންނެވެ. މީގެއިތުރުން ސައިޓް ސްޕްވައިޒަރުންނަށް 15 މީހުން، ވެލްޑަރުންނަށް 20 މީހުން، މެރައިން މެކޭނިކުންނަށް 10 މީހުން، ޓަގް މެކޭނިކުންނަށް ފަސް މީހުން އަދި ޓިންކަރުންނަށް ފަސް މީހުންނެވެ.

ޕްރޮގްރާމަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ހަވަނަ ދުވަހެވެ. އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފޯމު ހުށަހެޅޭނެ އެވެ.