"ބޭންޑް ބާޖާ ބާރާތު" އިން ބޮލީވުޑަށް ތައާރަފްވި ރަންވީރު ސިންގް އަށް ފުރަތަމަ ފިލްމުން ވެސް ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ލިބުނެވެ. ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބުގެ އިތުރުން ރަންވީރަށް ވެސް ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ލިބުނެވެ.
ނަމަވެސް ރަންވީރު އާއި ކަރަން ޖޯހަރްގެ ފުރަތަމަ ބައްދަލުވުން ދިޔައީ ވަރަށް ފަނިކޮށެވެ. ރަންވީރަކީ މޮޅު އެކްޓަރަކަށް ވެދާނެ ކަމަކަށް ފުރަތަމަ ބައްދަލުވުމުން ކަރަން އަށް ގަބޫލެއް ނުކުރެވުނެވެ. އެހެންވެ "ބޭންޑް ބާޖާ ބާރާތު" އިން ރަންވީރު ލޯންޗު ކުރަން އަދިތުޔާ ޗޯޕްޅާ ގަސްތު ކުރުމުން ކަރަން އެކަމާ ދެކޮޅަށް އަދިތުޔާ އަށް އިންޒާރުކުރި ކަމަށް ކަރަން ބުނެފައި ވެއެވެ. އަދި ފަހުން ރަންވީރުގެ މޮޅުކަމާއި މަގްބޫލުކަން ފެނިފައި ކަރަންގެ ހީކުރުން ގޯސްކަން ގަބޫލުކުރެވުނު ކަމަށް ވެސް ކަރަން ބުންޏެވެ.
"އަހަރެންނަށް ފުރަތަމަ ފަހަރަށް ރަންވީރު ފެނުނީ ޔާޝް ރާޖް ފިލްމްސް އޮފީހުން. އޭރު އޭނާ ހުރީ ޓޭބަލް ޓެނިސް ކުޅެން. އަހަރެން ހީކުރީ އެއީ އެސިސްޓެންޓް ޑައިރެކްޓަރެއް ކަމަށް. އަހަރެން ކައިރީގައި އެއީޔޭ "ބޭންޑް ބާޖާ ބާރާތު" އިން ލޯންޗުކުރަން އުޅޭ އެކްޓަރު ބުނީމަ އަހަރެން ބުނިން އެއީ ހޭ އެ އެކްޓަރަކީ. ހިއެއް ނުވެޔޭ އެހާ މޮޅުވާނެހެނެއް،" ކަރަންގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.
ރަންވީރު ވަރަށް މޮޅު އެކްޓަރެއް ކަމަށް އެ ދުވަހު ކަރަން ކައިރީ އަދިތުޔާ ޗޯޕްޅާ ބުނި ކަމަށް ވެސް ކަރަން ބުންޏެވެ. އެ ދުވަހު ކަރަން ރަންވީރަށް ވަރަށް މަލާމާތް ވެސް ކުރި އެވެ. އަދި އެކަން ރަންވީރަށް އެނގިގެން ހިތްހަމަ ނުޖެހިގެން އެ އޮފީހުން ނުކުމެގެން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް "ބޭންޑް ބާޖާ ބާރާތު" ގެ ފުރަތަމަ ޓްރެއިލާ ފެނިފައި އޭނާގެ ހީކުރުން ގޯސް ކަން ކަރަން އަށް ވިސްނުނު ކަމަށް އޭނާ އެއްބަސްވި އެވެ.
"އޭނަ [ރަންވީރު] އަކީ ކިޔާ މޮޅު ތަރިއެއް ކަން އަހަންނަށް ވިސްނުނީ ޓްރެއިލާ ފެނުމުން. ހިތަށްއެރި އަހަންނަކީ ހާދަ ބޮޑު މޮޔައެކޭ،" ކަރަން ބުންޏެވެ.
ކަރަން އަލަށް ފަށާ ފިލްމު "ތަޚުތު" ގައި ރަންވީރު މުހިއްމު ރޯލެއް ކުޅޭނެ އެވެ.