ފުލުސް ކާރެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނެ ފުލުހުންގެ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ލިބުނު ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެންޖެހޭ 871،000 އަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާ އަށް ދޭން ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލާގައި ރިޝީފް ހައްޔަރުކުރީ އޮގަސްޓް 8، 2010 ގައެވެ. އެފަހަރު އޭނާ ބަންދުގައި ބަހައްޓާނެ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދަށު ކޯޓުން އޭނާ ދޫކޮށްލި އެވެ. ނަމަވެސް އޭގެ ދުވަސް ތަކެއް ފަހުން ސެޕްޓެމްބަރު 14، 2010 ގައި ރޭޕް ކޭސްއާ ގުޅުވާފައި ފުލުހުން ވަނީ ރިޝީޕް ވަޒީފާ އިން ވަކިކޮށްފަ އެވެ.
ވަޒީފާ އިން ވަކިކުރި މައްސަަލާގައި ރިޝީފް ވަނީ ވަޒީފާ އަނބުރާ ހޯދުމަށާއި، ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ހަމަޖައްސައިދިން ދުވަހާ ހަމައަށް ލިބެންވާ މުސާރަ އާއި އިނާޔާތްތައް ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ރިޝީފްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ އޭނާ ވަޒީފާއިން ވަކިކުރެވޭ ވަރުގެ އެކަށީގެންވާ ތުހުމަތެއް ކަމުގައި ބެލެވޭ މިންވަރަށް މަދަނީ މިންގަނޑުން ހެކި ލިބިފައިވާ ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން ވަނީ އޭނާ ވަޒީފާ އިން ވަކި ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މައްސަލަ ނިންމާފަ އެވެ. އެކަމަކު އޭނާ ވަޒީފާ އިން ވަކިކުރުމުގެ ކުރިން ނުދީވާ ކަމަށް ބުނާ މުސާރަ ހޯދުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން ބަލައި ދެވޭނެ ކަމަށްވެސް ހުކުމްގައިވެ އެވެ.
ސިވިލް ކޯޓުގެ ހުކުމް ރިޝީފް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. އެގޮތުން ހައިކޯޓުގެ ހުކުމްގައި ވަނީ ރިޝީފް ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފަ އެވެ. އެހެންވެ ރިޝީފް ފުލުހުންގެ ވަޒީފާ އިން ވަކިކުރުމާ ހަމައަށް އޭނާ ކުރިން ހުރި ގިންތީގެ ވަޒީފާއެއް ދިނުމަށާއި ވަޒީފާއިން ވަކިކޮށްފައި ހުރި ދުވަސްތަކުގެ މުސާރައާއި އިނާޔަތްތައް ދޭން ހުކުމް ކޮށްފައިވެ އެވެ.
ދަައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވެސް ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެހެންވެ ކޯޓު ހުކުމާ އެއްގޮތަށް ޖޫން ޖޫން 11، 2014 ގައި ރިޝީފަށް ފުލުހުންގެ ވަޒީފާ ހަމަޖައްސައިދީފައިވެ އެވެ.
ނަމަވެސް ބ. ދަރަވަންދޫ އެއާޕޯޓުގައި އޭނާ ބިޔަރު ބުއި ކަމަށް ބުނެ ހުށަހެޅުނު މައްސަލަ އެއް ބެލުމަށް ފަހު ފުލުހުން މިހާރު ވަނީ ރިޝީފް ދެވަނަ ފަހަރަށް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ. ދަރަވަންދޫ އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ބިޔަރު ދަޅެއް ހިފައިގެން އިންދާ ރިޝީފް ހައްޔަރުކުރީ 2014 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކުރުމާ ހަމައަށް އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ. އަދި އެންމެ ފުރަތަމަ ވަޒީފާ އިން ވަކިކުރުމުން އަނބުރާ ވަޒީފާ ދޭން ކުރި ހުކުމާ އެއްގޮތަށް ފުލުހުން އަމަލުކޮށްފައި ނުވާ ކަމަށް ބުނެ އޭނާ އަށް އޭރު ވަޒީފާ ދޭން ކުރި ހުކުމް ތަންފީޒު ކުރަން ސިވިލް ކޯޓަށް ހުށަހެޅި އެވެ.
ކުރީގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ސިވިލް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ ރިޝީފް ތޯހާ އަށް އޭރު ވަޒީފާ ދިނީ ޖޫން 11، 2014 ގައި ކަން ފުލުހުންގެ ލިޔުންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން ރިޝީފް ތޯހާ އަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދޭން ޖެހޭނީ އޭނާ އެންމެ ފުރަތަމަ ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން އަނބުރާ ވަޒީފާ ދިން ކަން އެންގި ދުވަހުގެ ނިޔަލަށް ކަމަށެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވާއިރު ސުޕްރީމް ކޯޓުން ވެސް ވަނީ ދަށު ކޯޓާއި ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެ މުއްދަތަށް ރިޝީފް ތޯހާ އަށް ލިބެން ޖެހެނީ 871،932ރ. ކަމަށްވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ރިޝީފަށް ލިބެން ޖެހޭ ފައިސާ 30 ދުވަހުގެ ތެރޭގައި ދައުލަތުން އޭނާ އަށް ދިނުމަށްވެސް އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމް އެވެ. ފަނޑިޔާރު ޝުޖޫން ރިޔާސަތު ބެލެހެއްޓެވި މިމައްސަލަ ނިންމާފައިވަނީ ތިން ފަނޑިޔާރުން އިއްތިފާގުންނެވެ.