(4 ޖުލައި 2021 އާ ގުޅޭ)
"އޭނާ ވެސް ހުންނާނީ ކުލާސް ނަގައިގެންތަ؟. ފެންނާނެނަމަ... އޭރުން ނަން އަހާލެވޭނެ." ލައިޒަލްގެ ހިތާ ވާހަކަދައްކަމުން ކިޔާންއާއެކު ކުލާސްތައް ހުންނަ ސަރައްކާލިއަށް ނުކުތެވެ.
ކިޔާން ދައްކަމުންދިޔަ ވާހަކައަށްވުރެ ލައިޒަލްގެ ސަމާލުކަން ވަނީ ކުލާސްރޫމު ތަކަށް ހުއްޓިފައެވެ. ހާއްސަކޮށް އެ ކުލާސްތަކުގައި ހަރަކާތްތެރިވާ ޓީޗަރުންނަށެވެ. ތިރީގައި ހުރި ކުލާސް ބަރި ނިންމާ ފުރަތަމަ ފަންގިފިލާއަށް ދެ މީހުން އެރިއެވެ. ލައިޒަލްގެ ފިޔަވަޅު މަޑު ޖެހުނެވެ. ކިޔާން ހުއްޓުނީ ލައިޒަލް ހުއްޓުނުކަން އެނގިގެންނެވެ. ފުޅާ ކުޑަދޮރުގެ ސާފު ބިއްލޫރިގަނޑުން ކުލާސްރޫމު ތެރެއަށް ގެއްލިފައި ލައިޒަލް ހުއްޓެވެ.
"އެއީ ދާލިޔާއާއި ނީރާ. ދާލިޔާ މިކޮޅުގަ ތިން އަހަރުވެދާނެ، ވައަތްފަރާތު ކަބަޑު ކައިރީ އެއީ ނީރާ، މިކޮޅަށް ނެގި ޕާޓްޓައިމް ޓީޗަރުންގެ ތެރެއިން އެކަކު." ލައިޒަލް ސުވާލު ނުކުރި ނަމަވެސް ކުލާސްރޫމުގައި ތިބި ދެ ޓީޗަރުން ކިޔާން އޮޅުންފިލުވާ ދިނެވެ. ލައިޒަލްގެ މޫނުން ފާޅުވި ޝައުގުވެރިކަމެއްގެ ސަބަބުންނެވެ.
ލައިޒަލް ސިއްރުން ހިތާހިތާ ނީރާގެ ނަން ކިޔާލިއެވެ. އޭނާ އެތަނުގައި މަޑުކޮށްލި ހިނދުން ފެށިގެން ފަރުވާތެރިކަމާއެކު ނީރާއަށް ބަލަމުން ދިޔައެވެ. ނީރާ އަޅާފައި ހުރީ ކުރީން ލައިޒަލްއަށް ފެނުނު ދުވަހު ވެސް އަޅައިގެން ހުރި ފަދަ ހެދުމެކެވެ. އެއީ އޮފީސް ފަޓުލޫނާއި ބެގީކުރެވިފައި ހުރި ގަމީހެވެ. އަރާފައި ހުރީ ތިރި ބޫޓަކަށެވެ. ފަސްފޫޓު ހުންނާނޭކަން ލައިޒަލް ބަލާލާފައި ޔަގީންކުރިއެވެ. އަދި އެއީ ހިމަތޮޅި، ބައްޓަން ފުރިހަމަ ހަށިގަނޑެކެވެ. ގަތާލާފައި އޮތްއިރު ވެސް އިސްތަށިގަނޑު ނީރާގެ އުނަގަނޑާ ހަމައަށް ފޯރައެވެ. ގުދުރަތުގެ ފުރިހަމަ ސޫރައެކެވެ. އަލިއަލި ދޮންކަމާއި އޮމާން ހަންގަނޑެކެވެ. ދެމިލާފައި ހުންނަ ކުޑަކުޑަ މޫނުކޮޅުގައި ލަކުނެއްހާ ހިސާބު ނުވެއެވެ. ފަޓުލޫނުގެ އަރިމަތީ ޖީބަށް ޖަހާލެވިފައި އޮތް ލައިޒަލްގެ ދެއަތްތިލަ މުއްކަވާލެވުނެވެ. އޭނާގެ ބޮޑު ދެއަތްތިލައިގެ ތެރޭ ނީރާގެ މޫނުކޮޅު ހިފަހައްޓާލަން ލައިޒަލްގެ ހިތް އެދުނެވެ.
އެނބުރި ކިޔާންގެ އޮފީހަށް ދާން ލައިޒަލް ބުނެލީ އަމިއްލަ ހިތް ބޭޒާރުވެދާނެތީއެވެ. ކިޔާނަށް ލިބުނީ ހައިރާންކަމެވެ. ހުރިހާ ކުލާސްތަކާއި ޓީޗަރުންނާއި ބައްދަލުނުވަނީސް އެނބުރި އޮފީހަށް ދާން ލައިޒަލް އެދުނީމައެވެ. އެހެންވިޔަސް ލައިޒަލް ގޮވައިގެން ކިޔާންގެ އޮފީހަށް އޭނާ އައިސް ވަނެވެ. ވާހަކަދައްކަން ތިބީ އެތަނުގައެވެ. ބޮޑެތި މީހުންނަށް "ސައިންލޭންގުއޭޖް" ދަސްކޮށްދޭ ކުލާސްތަކެއް ހިންގުމާމެދު ކިޔާން ހިޔާލު ފާޅުކުރިއެވެ. ނަމަވެސް ލައިޒަލް ހިމޭންކަން ހިޔާރު ކުރުމުން ކިޔާނަށް ހީވީ އެފަދަ ނިންމުމެއް ނިންމަން އަދި އަވަހީ ކަމަށެވެ. މިހާރު ވެސް ތަނަށް ބޭނުންވާ ވަރަށް ޓީޗަރުންނެއް ނެތެވެ. އެފަދަ ތަނަކަށް ހޯދާ ޓީޗަރުންނަކީ ހާއްސަ އިލްމެއް ލިބިފައި ތިބޭ ބަޔަކަށް ވާން ޖެހެއެވެ. ގާބިލު ބަޔަކު ލިބުން އުނދަގުލީއެވެ.
"ހާދަ ރީއްޗޭ ބުނާނީ ކިހިނެއް؟" ހިމޭންކަން ދޫކޮށްލި ލައިޒަލް އަހާލިއެވެ. ހިނދުކޮޅެއްގެ ހުއްޓުމެއް ކިޔާނަށް އައެވެ. ދެން އޭނާ ހީނގަތީއެވެ. ލައިޒަލްގެ ހަގީގީ މަގްސަދު ކިޔާނަށް ވިސްނުނީ ހެން ހީވެއެވެ. އޭނާ އެ އުޅެނީ އަންހެންކުއްޖަކާ ބައްދަލުވެގެންކަމެވެ. ވާހަކަދެއްކުމުގައި ނޫނީ އިވުމުގައި އުނިކަމެއް ހުރި އަންހެންކުއްޖެއްކަން ވެސް ކިޔާނަށް ނަގައިގަންނަން ދައްޗެއް ނުވިއެވެ. ލައިޒަލްގެ މިފަދަ ސިފައެއް މިނޫނީ ކިޔާން ނުދެކެއެވެ.
"ކިޔާން... ސީރިއަސްކޮށޭ. އަހަރެން ބޭނުމީ ކިޔާންގެ ހެލްޕެއް. އަހަންނަށް ދަސްކޮށްދީބަލަ. ޕްލީޒް." ލައިޒަލް ބުންޏެވެ.
"އޯކޭ... އެންމެ ރަނގަޅުތަ ތަންކޮޅެއް ލަސްގަޑިއެއް ވިޔަސް. އަހަންނަށް އާންމުކޮށް ވަގުތުވާނީ ރޭގަނޑު ނުވައެއްގެ ފަހުން." ކިޔާން ބުނެލިއެވެ. ލައިޒަލް އެންމެ ރަނގަޅޭ ބުނިއިރު ހީވީ ކިޔާން އެއްބަސްނުވެގެން އިންހެނެވެ.
* * * * *
ސޯފާގައި އޮށޯވެލައިގެން އީހާން އޮތެވެ. ކައިރީގަ ހުރި ކޮފީ މޭޒުމަތީ އޭނާ ބޯން ގެނައި ޖޫސްޕެކެޓު މަތި ނަގާފައި ހުރި ގޮތަށް ހުރީއެވެ. ފޯނަށް ގެއްލުނު ވަރުން އޭގެ މަތީން އީހާން ހަނދާން ހުރިހެން ހިޔެއްނުވެއެވެ. އެހާވަރަށް ގެއްލި އޮވެ ފޯނުން ޓިކްޓޮކް ވީޑިއޯ އޭނާ ބަލަނީއެވެ. ތަކުރާރުކޮށް އޭނާ ބަލަމުން އެ ދަނީ އެންމެ އަންހެންކުއްޖެއްގެ ވީޑިއޯތަކެވެ. ދެންފަހެ އެއިން ނުކުތް ގޮތަށް އިންސްޓަގްރާމަށް ވަނެވެ. އޭގެން ވެސް އޭނާ ހުޅުވީ ހަމަ އެ އަންހެންކުއްޖާގެ އެކައުންޓެވެ. އޭގައި ހުރި ފޮޓޯތަކަށް ބަލަން އޮވެފައި މެސެޖުބައި ހުޅުވާލިއެވެ. އެންމެފަހުން ވާހަކަދައްކާފައިވާ ޗެޓްލޮގް ހުޅުވާލިއެވެ.
"ބަލާފަ ކީއްވެބާ ރިޕްލައި ނުކުރީ. ފޭކްއައިޑީއެއް ކަމަށް ހީކުރީތަ؟. ފޮލޯއެއް ވެސް ނުކުރި. ތީ ހަމަ އެހާ ފޮނިކުއްޖަކީތަ؟." އީހާން އަމިއްލަ ހިތާ ވާހަކަދެއްކިއެވެ.
ސޯފާއިން ތެދުވެ، ބެލްކަންޏަށް އޭނާ ނުކުތެވެ. ޔަމާނަށް ގުޅިއެވެ. އޭނާގެ އެކުވެރިއެއް މެދުވެރިކޮށް މަޢުލޫމާތެއް އޮޅުންފިލުވާށެވެ. އެ އަންހެންކުއްޖެގެ އިސްތިހާރުތަކާއި ލަވަތަކާއި ވީޑިއޯތައް ފެނި އީހާންގެ ހިތުގައި ޝައުގުވެރިކަމެއް އުފެދުނު ކުއްޖާއާ ގުޅޭ ގޮތުންނެވެ. ރޭގައި ޔަމާނާއެކު ކެފޭގައި އުޅުނުއިރު އީހާނަށް އަންހެންކުއްޖަކު ރީތިވެގެން އުޅޭކަން އޮތީ ބުނެވިފައެވެ. އަދި އެއީ ކާކުކަން އީހާން ބުނުމުން ޔަމާނު ވަރަށް ދިމާ ވެސް ކުރިއެވެ. އާންމުކޮށް އަންހެނަކު ރީތިވެއްޖެނަމަ އެކަން އީހާނުގެ ބަނޑުގައި ފޮރުވާފަ ނުބޭއްވޭނެއެވެ. ރައްޓެހިންގެ ތެރޭ ހާމަކޮށްލާނެއެވެ.
"ޔާނު!... އެއްކަލަ ކަންތަކުގެ މިގުޅީ. އޭނާގެ ޕޮޓޯގްރަފަރަކީ ޔޫގެ ބަޑީއެކޭ ބުނީމެންނު. އަހަރެން ފޮނުވާ އެއްޗެއް އޭނާއަށް ރައްދުކޮށްދެވިދާނެތޯ ބަލާދީބަލަ." ޔަމާން ހެލޯއޭ ބުނަންވީއިރަށް އީހާން ވާހަކަދެއްކިއެވެ.
"ޝީން ވާހަކަނުދެއްކީތަ؟." ޔަމާން ބުންޏެވެ.
"ރޭގަ މެސެޖުކުރިން. އެ ހުރިހާ ވާހަކައެއް ދެއްކީމާ ވެސް ރިޕްލައިއެއް ނުކުރި. ބަލާފަ ހުރީ." އީހާންގެ އަޑުގައި ނުތަނަވަސްކަން ވިއެވެ.
"އެހެން ކިތައް ފިރިހެނުން އޭނާއަށް މެސެޖުކުރާނެ." ޔަމާން ހީނލިއެވެ.
"މަ ވަރަށް ސީރިއަސް ދޯ. އެހެން ފިރިހެނުން ގޮތަކަށް ނޫން. ދެން ބުނެބަލަ ވާނެތަ؟." އީހާން ކެތްތެރިކަން ކުޑަވިއެވެ. ޔަމާނުގެ ހުނުން ގަދަވިއެވެ.
"ސޫޒަން ކަންތަކުގެ ވާހަކަ ކިޔައިދޭނަމޭ ބުނޭ. އޭރުން ހަމަމިހާރު މިގުޅަނީ." ސަމާސާގެ ރާގު ޔަމާނުގެ އަޑުގައި ވިއެވެ. އީހާން ވަގުތުކޮޅަކަށް ހިމޭންވިއެވެ. ސޫޒަންގެ ބާބު ހަޔާތުން ނިމިފައިވާއިރު އެ ނަން އިތުރަށް ކިޔާކަށް ވެސް އޭނާ ބޭނުމެއްނުވެއެވެ. އެކަމަކު ޔަމާނަކީ ކޮންމެ މީހެއް ވެސް ނޫނެވެ. އޭނާއަށް ވެސް އީހާނާއި ސޫޒަންގެ ލޯބީގެ ފަލްސަފާ އެނގޭނެއެވެ. ކައިވެންޏަށް ތައްޔާރުވިކަމާއި ކުއްލިއަކަށް ހުރިހާކަމެއް ކެންސަލް ކުރި ގޮތުން ޔަމާނު ސުވާލު ކުރާނޭކަން އީހާނަށް އެނގެއެވެ. މިހާ ދުވަހު ޔަމާނު އެއްވެސް ސުވާލެއް ނުކޮށް ހުރީ އީހާން ހަމައަކަށް އެޅޭންދެންކަން އޭނާއަށް އެނގެއެވެ.
"ގުޅާ..." އީހާން ބުނެލިއެވެ. އޭނާ ޔަމާނުގެ ޝަރުތާ އެއްބަސްވީއެވެ.
ދިހަވަރަކަށް މިނެޓު ފަހުން އީހާނަށް ޔަމާން ގުޅިއެވެ. ދިނީ އީހާންގެ އުންމީދު އާލާވާ ފަދަ އުފާވެރި ޚަބަރެކެވެ. ޝީންގެ ދައްތައެއް އުޅެނީ އީހާންމެން ދިރިއުޅޭ އިމާރާތުގެ އެޕާޓްމެންޓެއްގައެވެ. އޭނާގެ ކައިރިއަށް ޝީން ބަދަލުވިތާ ދެ ހަފްތާ ވަނީކަމަށް ޔަމާން ބުންޏެވެ. އަދި ދިރިއުޅޭ އެޕާޓްމެންޓްގެ ނަންބަރާއި ފަންގިފިލާ ޔަމާނު ބުނެދިނެވެ. އެކަމަކު މިވަގުތު ޝީންގެ ފޮޓޯގްރަފަރު ހުރީ އެހެން މަސައްކަތެއްގައި އަތޮޅުތެރޭ ރަށެއްގައިކަން ޔަމާނު ބުންޏެވެ. އެހެންވީމަ އެއްޗެއް ދިނަސް ރައްދުކުރަން އުނދަގޫވާނޭކަން ޔަމާން ހަނދާން ކޮށްދިނެވެ.
"އެހެންވެ ދޯ މިތަނުން އެ ފެންނަނީ. ހީކުރި ވަރަށްވުރެ ކައިރީގަ އެ ހުރީ." އީހާނަށް ބުނެލެވުނެވެ.
"ތިކަންވޭތޯ ދެން ބަލާ. ވެއްޖެއްޔާ މަށަށް ކާންދޭންވާނެ." ޔަމާނު ބުންޏެވެ.
ފޯނުކޯލު ނިންމާލާފައި އީހާން އަވަހަށް މެސެޖުކުރީ ނީރާއަށެވެ. އޭނާ ނިމޭނީ ފަސްގަޑިބައިގައެވެ. މަޣްރިބު ނަމާދަށް ގޮވުމާ ދޭތެރޭ އޮންނާނީ ކުޑަ ވަގުތުކޮޅެކެވެ. ފިހާރަތަކަށް ދިއުން އޮންނާނީ ބޮޑުކަމަކަށް ވެފައެވެ. ދެން ޖެހޭނީ އަނެއްކާވެސް ރޭގަނޑު ފިހާރަތައް ހުޅުވާހާއިރު ކޮށްފައި ނުކުންނާށެވެ. އީހާންގެ ހިތަށް އެހާގިނައިރު ކެތްކުރާން ކުޅަދާނައެއް ނުވިއެވެ. މަގުމައްޗާއި ފިހާރަތަކަށް އޭނާއަށްވުރެ ފަރިތަ ވާނީ ނީރާއެވެ. އެހެންވެ ނީރާ ގާތުން ބޭނުންވި ފިހާރަތައް އޮޅުންފިލުވިއެވެ. އަވަހަށް ހެދުން ބަދަލުކޮށްލައިގެން އީހާން ގެއިން ނުކުތީ މަންޒިލު ކަނޑައަޅައިގެންނެވެ.
* * * * *
ނާޒިމާ އެޕާޓްމެންޓަށް ވަންނަން އުޅުނު ހިނދު އެލެވޭޓާގެ ތެރެއިން އޭނާއާއެކު ހުރި ޒުވާނާ ވެސް އައިސް މަޑުކޮށްލީ އެ އެޕާޓްމެންޓް ކައިރީގައެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލާލިއެވެ. ކީއްކުރާ ކުއްޖެއްތޯ ނާޒީމާ އަހާލާފަދަ ބެލުމަކުން ނިތް އަރުވާލިއެވެ. ދެންފަހު އޭނާގެ ނަޒަރު ދަތުރުކޮށްލީ އެ ޒުވާނާގެ އަތުގައި އޮތް ބޮޑު މާބޮނޑިއަށެވެ.
"ޝީ... ޝީން..." ނާޒިމާ ބަލާވަރުން އީހާނަށް ވާހަކަދައްކަން އުނދަގޫވިއެވެ.
"މަޑުކޮށްލާ. ތީ ކޮންކުއްޖެއް؟" އެތެރެއަށް ވަންނަން އުޅެފައި ވެސް މަޑުކޮށްލި ނާޒިމާ އަހާލިއެވެ. އޭރު އޭނާގެ ތުންފަތަށް ހިތްހެޔޮ ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ރައްޓެހި ކުއްޖެއް." އީހާން ބުނެލީ ރަކި ހިނިތުންވުމަކާއެކުއެވެ. އޭނާއަކީ ކާކުކަން ބުނެގެން ޝީންއަކަށް ނޭނގޭނެއެވެ.
އެއްކޮށް ނުލެއްޕި ހުރި ދޮރުން އެތެރެއަށް ވަން ނާޒިމާގެ އަޑު އީހާނަށް އިވިއިވި ހުއްޓެވެ. އޭނާ ޝީންއަށް ގޮވަނީއެވެ. ގޭތެރެއިން ކޮންމެވެސް ކުއްޖެއް ކައިރީ ޝީން ކޮބާތޯ ވެސް އަހާލި އަޑު އިވުނެވެ. ގިނައިރެއްނުވެ ދޮރުހުޅުވާލުމާއެކު ނުކުތްތަން ފެނުނީ ޝީންއެވެ. އީހާން ފެނުމުން ދެފަހަރު އެ އިމާރާތުގެ ތެރެއިން ބައްދަލުވެފައި ހުރިކަން ހަނދާންވިއެވެ. ހަމައެއާއެކު އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އިންސްޓަގާރާމުން ރޭގައި އެތައް މެސެޖެއް ފޮނުވި އައިޑީއިން ފެންނަން ހުރި ފޮޓޯތަކުގައިވާ ޒުވާނާ އޭނާގެ ކުރިމަތީގައި ހުރީމައެވެ.
"ހާއި..." ޝީން ހައިރާންވެފައި ބަލަން ހުންނަން ފެށުމުން އީހާން ބުނެލިއެވެ.
"އިޓްސް ފޯ ޔޫ." ޝީން އަނގައިން ނުބުނުމުން އަތުގައި އޮތް މާބޮނޑި އީހާން ދިއްކޮށްލިއެވެ. ޖެހިލުންވެފައި ހުރެއެވެ. އެ ހަދިޔާ ޝީން ގަބޫލުނުކޮށްފާނެތީއެވެ.
"އަހަންނަށް ފާރަލަނީތަ؟" މާބޮނޑީގައި ހިފުމުގެ ބަދަލުގައި އެއްބުމަ ހިއްލާލުމާއެކު ޝީން ސުވާލުކޮށްލިއެވެ. އީހާންގެ ހަރަކާތްތައް ހުއްޓުނެވެ. އެފަދަ ސުވާލެއް ޝީން ކުރާނޭ ހީނުކުރެއެވެ.
"ހުރިހާ މެސެޖެއް ބެލިކަން އެނގޭ. ދެން ކީއްވެ ޖަވާބެއް ނުދިނީ. މަޝްހޫރުވީމަތަ؟ އަހަރެން ކަހަލަ އާދައިގެ މީހުންނަކީ މިހާރު ޝީންމެންގެ ފެންވަރެއް ނޫން ދޯ. އެކަމަކު ފޮޓޯތަކުންނާއި ވީޑިއޯތަކުން އެއްގޮތަކަށް ވެސް ނުޖަހާ ފޮނިވައްތަރެއް." އީހާން ކުޑަކޮށް ހީނލާފައި ވާހަކަދެއްކީ ޖެއްސުމަށެވެ.
"އެގޮތަށް އަންނަ މެސެޖުތަކަށް ރިޕްލައި ދީ ނޫޅެން." އީހާންއާ މެދު ޝީންގެ ހިތުގައި ޝައުގުވެރިކަމެއް އުފެދުނެވެ. އެހެންނަމަވެސް އޭނާ އެކަން ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. ރޭގައި އޭނާއަށް ލިބުނު ހުރިހާ މެސެޖެއް ވަގުތުން ޝީން ކިޔެވެ. އޭނާ ވެސް އެތައް އިރަކު އީހާންގެ އެކައުންޓް ހާވަން އޮތްކަން ދޮގަކަށް ނުވާނެއެވެ. ހާއްސަކޮށް އެ އިމާރާތުގެ ތެރެއިން ފެންނަ ޒުވާނެއްކަން ޝީންއަށް އެނގޭތީއެވެ.
"ވާހަކަދައްކާލެވޭނެ އެހެން ގޮތެއް ނޯންނާނެތަ؟" އީހާން އަހާލިއެވެ.
"އެ ކީއްކުރަން؟"
"އެކުވެރިކަން އުފެދޭނީ އެކަކުއަނެކަކު އެނގިގެންނު، ދެމީހުންގެ ގޮތް އެނގޭނީ ވާހަކަދެއްކިގެން ދޯ. ރޭގަ ވެސް ބުނީމެންނު. އަހަރެންގެ ނަންބަރު ދީފިއްޔާ، ޝީންގެ ނަންބަރު ދޭނަންތަ؟" އީހާން ކުރިއަށް ޖެހިލިއެވެ.
"އަހަރެން މިވަގުތު ވަރަށް ބިޒީ." އެހާ ފަސޭހައިން ނަންބަރު ދޭން ޝީން ބޭނުމެއްނޫނެވެ. އޭނާ އެތެރެއަށް ވަންނަން އުޅުނެވެ. އެހިނދު ހުސިޔާރުކަމާއެކު ޝީންގެ އަތުގައި އީހާން ހިފާލިއެވެ.
* * * * *
އެ ޒުވާނާ އަތުން ކުރި އިޝާރާތަށް ބަލަން ނީރާ ހުއްޓެވެ. ލުއި ހިނިތުންވުމެއް ނީރާގެ ތުންފަތަށް ވެރިވިއެވެ. ހަރަކާތުން ވާހަކަދައްކާއިރު އޭނާގެ ނުފަރިތަކަން ނީރާއަށް ސާފުކޮށް ފެނެއެވެ. ކައިރީގަ ހުރި ދާލިޔާ ތުންފިއްތާލީ ނުހޭށެވެ. ކާރު އޮތް ހިސާބު ދައްކާލަމުން އޭނާގެ ކާރުގައި އެމީހުން ގެންގޮސްދެންތޯ އެހިއިރު އަތުގެ އިޝާރާތް ރަނގަޅެއް ނޫނެވެ. އެހެންނަމަވެސް އެ ދެ އަންހެންކުދީންނަށް އޭނާ ބުނަން އުޅޭ އެއްޗެއް ފަހުމްވިއެވެ.
"އަހަރެން ބަލާ އަންނާނެ. ދާލިޔާ އުޅެނީ މިތާ ކައިރީގަ. ވަރަށް ބޮޑަށް..." ނީރާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް އޭނާގެ އަތުގައި އެ ޒުވާނާ ހިފެހެއްޓިއެވެ. ނީރާ ލާލާ ހުރި ނޭވާ ހުއްޓުނު ކަހަލައެވެ. ސީދާ އެ ދެ ލޮލަށް ނަޒަރު ހުއްޓާލެވުނެވެ.
"ލަ..އި..ޒަ..ލް... ނަން... އަހަރެންގެ..." ނީރާގެ އަތުން ދޫކޮށްލުމާއެކު އަކުރުތައް ވަކިވަކިން އަތުރާލާ އުސޫލުން ލައިޒަލް އަތުން ދައްކައިދިނެވެ. އަދި ޖީބުން ނެގި ވޮލެޓުގެ ތެރެއިން ލައިސެންސް ނަގާ ނީރާއަށް ދައްކާލިއެވެ. އޭގައި އޮތް ލައިޒަލްގެ ނަން ދައްކާލިއެވެ.
"ޕްލީޒް... ހިނގާ..." ކާރަށް ދައްކާލަމުން ލައިޒަލް އަތުން ވާހަކަދެއްކިއެވެ.
"އޭނާ ލިފްޓެއް އެ ދެނީ ނީރާއަށް. ތިހެން ނުހުރެ އާނއެކޭ ބުނެބަލަ. ބިޓެއް ނުހުންނަންޏާ މީ ކިހާ ރަނގަޅު ފުރުސަތެއް." ދާލިޔާ ބުންޏެވެ. އޭނާ ކުރާ އިޝާރާތައް ލައިޒަލް ބަލަން ހުއްޓެވެ. އެހެންނަމަވެސް އޭނާއަށް އޮޅުންފިލާ ވަރަށްވުރެ އެ ދެ އަންހެންކުދީންގެ ވާހަކަދެއްކުމުގެ ހަރަކާތް މާ އަވަހެވެ.
"އެއީ ކާކުކަމެއްވެސް ނޭނގޭ. ލިފްޓެއްދޭން ބުނާއިރަށް ކާރަށް އަރައިގެން ދާންވެދާނެތަ. ކޮންމެފަދަ ތާކަށް ވެސް ގެންގޮސްދާނެ. ސިފަ ރީތިވީމަ އެންމެ ނުރައްކާ ބޮޑުވާނީ." ނީރާ ދެއްކި ވާހަކައިން ލައިޒަލްއަށް ނުރައްކާ އެބަސް އެނގުނެވެ. އޭނާގެ ކޮނޑުގައި ކޮއްޓާލުމާއެކު ލައިޒަލް ވަގުތުން ދެ ފަރާތަށް ބޯހޫރާލިއެވެ.
"އޭނާގެ އިނޮސެންޓްކަން ނުފެނޭތަ؟" ދާލިޔާ ބުންޏެވެ.
ލައިޒަލް ދިން ދަޢުވަތު އެއްގޮތަކަށް ވެސް ނީރާ ގަބޫލެއްނުކުރިއެވެ. ދާލިޔާއަށް ހުރެވެން ނެތިގެން ހިނގައިގަތީއެވެ. ނީރާ ފޯނު ނެގީ އީހާނަށް ގުޅުމަށެވެ. އޭނާ އެކަނި ދާން އީހާން ގަބޫލެއްނުވާނެއެވެ. ލައިޒަލް ދުރަކަށް ނުޖެހުނެވެ. އޭނާ ވެސް ފޯނު ނެގިއެވެ. ފޯނުގައި މެސެޖެއް ލިޔެފައި ނީރާއަށް ފޯނު ދައްކާލިއެވެ.
"ނަންބަރު ލިބިދާނެތަ؟ ވާހަކަދައްކާލަން." ލައިޒަލްގެ ފޯނުގައިވާ ލިޔުންކޮޅު ނީރާ ކިޔާލިއެވެ. ބުނާނޭ އެއްޗެއް ނޭނގި ލައިޒަލްގެ މޫނަށް ނީރާއަށް ބަލާލެވުނެވެ. އެ ދެ ލޮލުގައިވަނީ ކޮންކަހަލަ ދަމާ ބާރެއްކަމެއް ނީރާއަކަށް ނޭނގެއެވެ. އަތުގައި ލައިޒަލް ހިފި ތަނުގައި ވިންދު އަވަސްވިކަން ގައިމެވެ. އެ ސާފު މޫނުން ނަޒަރު ނީރާގެ ނަޒަރު ވަކިކޮށްލީ ހިތް އަވަސްވަމުން އައީމައެވެ. އެހިނދު ނީރާގެ ކަނާއަތްތިލައިގަ ލައިޒަލް ހިފާލިއެވެ. އެ އަތުގައި ލައިޒަލްގެ ބޮޑުވައި އިނގިލިން ފިރުމާލިއެވެ. އެ ދެ ލޮލުން ތަފާތު ދިރިއުމެއް ނީރާއަށް ފެނުނެވެ. އަތްދަމައިގަތެވެ. ހުރެވުނުތަނުގެ ގޮތުން ވަށައިގެން ނީރާއަށް ބަލާލެވުނެވެ. އިމާރާތުން ނުކުންނަން އަންނަ މީހަކަށް ނޫނީ އެ ދެ ޒުވާނުން ނުފެންނާނެއެވެ. އެވަގުތު އެ ދެ ޒުވާނުން ފިޔަވައި އިތުރު ބަޔަކު ނެތެވެ. ލައިޒަލް ކުރިއަށް ފިޔަވަޅު އަޅާލުމުން ނީރާ ޖެހިލުންވެ ފަހަތަށް ފިޔަވަޅު އަޅާލިއެވެ. މިފަހަރު ވެސް ލައިޒަލް ހިފީ އޭނާގެ އަތްތިލައިގައެވެ. އެ އަތްތިލަ އުފުލާލައިގެން ހުރެ ހުދު ހަމުގައި ލައިޒަލްގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ. އެކަކުއަނެކަކާ ނަޒަރު އަމާޒުވެފައި ހުރިއިރު ދެމީހުންކުރެ އެކަކުވެސް އެސްފިޔަ ޖަހާނުލައެވެ. ލައިޒަލްގެ އިނގިލިން ލަސް ގޮތަކަށް އިނގިރޭސި ލަފުޒެއް ކަމަށްވާ "ޕްލީޒް"ގެ ކޮންމެ އަކުރެއް ވަކިވަކިން ނީރާގެ އަތްތިލައިގަ ލިޔުނެވެ. އަދި އޭނާ ދެ ލޯ މަރާލީ އާދޭހުގެ އިޝާރާތެއް ފަދައިންނެވެ. (ނުނިމޭ)