ރައްޔިތުންގެ މަޖިލިސް

އެއްގަމު ދަތުރުފަތުރުގެ ބިލު ކޮމިޓީއަށް

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިއީ ލޯކަލް ކައުންސިލްތަކަށް ބާރުތައް ދިނުމަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ އެހެން ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލެކެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ދެމުންދާ ބައެއް ހިދުމަތްތައް ކައުންސިލުން ފޯރުކޮށްދެވޭނެ ގޮތް ހަމަޖެއްސުމަށެވެ. އެކަމަކު އިސްލާހު އޮތް ގޮތުން ކައުންސިލް ތަކުން ދޭނެ ހިދުމަތްތައް ކަނޑައަޅައި އަދި އެ ހިދުމަތްތަކާ ގުޅޭ ގަވައިދާ ހަދާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އިސްލާހުގައިވާ ގޮތުން އެ އިސްލާހު ފާސްވެ އަމަލުކުރާތާ ހަމަސް ދުވަހުގެ ތެރޭގައި ގަވައިދުތައް ހަދަންޖެހެ އެވެ.

އެ ބިލު ބަލައިގަތުމާ ގުޅޭގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 48 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލު ބަލައިގަތުމަށް ފަހު އެ ބިލު އިތުރަށް ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ކައުންސިލްތަކަށް ބާރުތައް ދިނުމުގެ ހޮތުން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށްވެސް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އެ އިސްލާހާ ގުޅޭ ބިލުގެ އިބްތިދާއީ ބަހުސްތައް ވެސް މިހާރު މަޖިލީހުގައި ވަނީ ފަށައިފަ އެވެ.