ހައިކޯޓް

އަލީގެ މައްސަލަ: ދައުލަތަށް ގިނަ ސުވާލުތަކެއް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި މައްސަލާގައި ހައިކޯޓުގެ ފަރާތުން ދައުލަތަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވައިފި އެވެ.

ހައިކޯޓް - އެޕީލް ކޯޓްގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ އިދާރީ ގޮތުން ސާފު ކުރަން ޖެހޭ ކަންކަން ސާފު ކުރަން ބޭއްވި މަޖިލީހެކެވެ. ޕްރިލިމިނަރީ އެ އަޑު އެހުން ކުރިޔަށް ގެންދިޔައިިރު ކޯޓް އެޑްމިނިޓްރޭޝަނަށް އެރި އިދާރީ އޮޅުމެއްގައި ނޫސްވެރިންނާ ބައިތިއްބާފައިތިވީ ޝަރީއަތުގެ މަޖިލީހާ ވަކީން ވާޗުއަލް އެހެން ކޮޓަރިއެއްގެގައެވެ. ކޯޓަށް އެކަން އެނގުނީ ގާޒީ މިއަދުގެ އަޑު އެހުމުގެ މަޖިލިސް ރޫޅައިލެއްވި ފަހުންނެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ފާހަގަ ކޮށްފައި ވަނީ މި މައްސަލައަކީ އިޖުރާއީ ނިންމުމަކަށް ރިއާޔަތްކޮށް އިސްތިއުނާފް ކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެ ޝަރީއަތް ނުހިންގޭނެ ކަމަށް ގަބޫލު ކުރެވޭތީ އިސްތިއުނާފު ކުރި މައްސަލައެއް ކަމަށެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންގޮސްދޭން އެދިފައި ވަނީ އަލީ ވަހީދުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހަޅާ މަރުހަލާގަ އެވެ. ކްރިމިނަލް ކޯޓުން އެ ގޮތަށް ނިންމުމުން އިތުރު ހުށަހެޅުމެއް ހުށަހަޅަން ފުރުސަތު ލިބިފައި ނުވާ ކަމަށް ދައުލަތުން މިއަދު ފާހަގަ ކުރި އެވެ. ބުނީ އަލީ ވަހީދު އެގޮތަށް ހުށަހެޅީ ބޭސްފަރުވާ ނުނިމޭ ކަމަށް ލިޔެކިޔުންތަކެއް ހުށަހަޅައިގެން ކަމަށާއި އެ ލިޔެކިޔުންތަކުގައިވާ ފަދަ ބައްޔެއް އޭނާގެ ނެތް ކަމަށެވެ.

މީގެ އިތުރުން މިފަދަ އިސްތިއުނާފީ މައްސަލަތައް ރަޖިސްޓަރީވާ ދުވަހުން ފެށިގެން ހަފުތާއެއް ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި އެވެ.

އިސްތިއުނާފް ރައްދުވާ ފަރާތްކަމުގައިވާ އަލީ ވަހީދު ބައިވެރިކޮށްގެން މައްސަލަ ކުރިއަށް ގެންދިއުމާ ދޭތެރޭ ދައުލަތުން އެދޭ ގޮތަކީ ކޮބައިތޯ ފަނޑިޔާރުން މިއަދު އެއްސެވި އެވެ. އޭގެ ޖަވާބުގައި ދައުލަތުން ބުނީ އިސްތިއުނާފް ކޮށްފައިވާ މި މައްސަލައަކީ ވެސް އަލީ ވަހީދު ރާއްޖޭގެ އިހުތިސޯސުން ބޭރުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަން ނިންމި ނިންމުމާ ގުޅިގެން އިސްތިއުނާފު ކޮށްފައިވާ މައްސަލައެއް ކަމަށެވެ.

ދަށު ކޯޓުން އެ ނިންމުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން މިހާރުވެސް އަލީ ވަހީދު ހުރިތަނުގައި ހުރެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ނުހިންގޭނެ ކަމަށެވެ. އަދި ބުނީ މި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި މައްސަލަ ނުހިންގޭނެ ކަމަށާއި އެހެން ނަމަވެސް ކޯޓުން އެގޮތަށް ކުރިއަށް ގެންދަން ނިންމައިފރިނަމަ ދައުލަތުގެ ފަރާތުން ކޯޓަށް ހާޒިރުވެ ޖަވާބުދާރީ ވާނެ ކަމަށެވެ.

ފަނޑިޔާރުން ދެން ކުރެއްވި ސުވާލަކީ އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި އަލީ ވަހީދުގެ ނަން އިސްތިއުނާފު ފޯމުގައި ހިމަނާފައި ވަނީ ކޮން ގޮތަކަށްތޯ އެވެ. އެސުވާލުގެ ޖަވާބުގައި ދައުލަތުން ބުނީ ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައްސަލަ ކުރިއަށް ގެންދަން ނިންމާފައި ވަނީ އަލީ ވަހީދުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ކަމަށެވެ. ދައުލަތުން ގަބޫލު ކުރަނީ މައްސަލަ ކުރިއަށް ގެންދެވޭނީ އިސްތިއުނާފު ރައްދުވާ ފަރާތް ކޯޓަށް ހާޒިރުކު ރެވިގެން ކަމަށެވެ.

"ކޯޓުގެ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ހިންގާނަމަ ކޯޓުގެ ނިޒާމު ފަނޑިޔާރަށް ކޮންޓްރޯލް ނުކުރެވިދާނެ. ހެކިންގެ ހެކިބަސް ނަގާއިރު ހެކިންނަށް ހެރޭސް ކުރުމުގެ ބާރު އޮންނާނެ އަދި ކޯޓުގެ ހުރުމަތް ކަނޑައިފިނަމަ ފިޔަވަޅެއް ވެސް ނޭޅޭނެ. އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅޭނެ" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެހެނިހެން މައްސަލަތައް ކުރިއަށް ގެންދާ ކަމަށް ވެސް ފަނޑިޔާރުން މިއަދު ފާހަގަކުރެއްވި އެވެ. އެ މައްސަލަތަކާ މި މައްސަލައާއި އޮތް ތަފާތަކީ ކޮބައިތޯ އާއި އެ މައްސަލަތަކުގައި ވެސް ދައުލަތުން ފާހަގަ ކުރާފަދަ ކަމެއް ވެދާނެ ކަމަށް ފަނޑިޔާރުން ސުވާލު އުފެއްދި އެވެ.

އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ ހާލަތާ މިހާލަތާ ތަފާތުވާ ކަމަށާއި ސަބަބަކީ ދައުވާ ލިބޭ މީހާ ހުރީ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ކަމަށެވެ.

ފަނޑިޔާރުން ދެން ފާހަގަ ކުރެއްވީ ދުސްތޫރީ މައްސަލައެއްގައި ހައިކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މީގެ ކުރިން މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އެ މައްސަލައިގައި އެގޮތަށް ޝަރީއަތް ހިންގޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވާ ކަމަށާއި ދައުލަތުން އަލީ ވަހީދުގެ މައްސަލައިގައި އެގޮތަށް މައްސަލަ ނުހިންގޭނެ ކަމަށް ބުނަނީ ކީއްވެގެންތޯ އެވެ.

ރައްދުގައި ދައުލަތުން ބުނެފައި ވަނީ އެ މައްސަލައިގައި ދައުވާ ލިބޭ މީހާގެ އެއްވެސް މަސްއޫލިއްޔަތެއް ނެތް ކަމަށެވެ. ޖިނާއީ މައްސަލަތަކާއި އެހެން މައްސަލަތަކާ ތަފާތުވާ ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ އެއްވެސް ގައުމަކުން އެ ގައުމެއްގެ އިހްތިސޯސުން ބޭރުގައި ޝަރީއަތް ހިންގާފައި ނުވާ ކަމަށާއި ރާއްޖޭގެ ކޯޓުގެ ބާރުތަކުން އަލީ ވަހީދު ހާޒިރު ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މި މައްސަލައިގައި އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދެވޭނެތޯ ވެސް ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. އެއަށް ދައުލަތުގެ ފަރާތުން ބުނީ އަލީ ވަހީދަކީ އިސްތިއުނާފު ރައްދުވާ ފަރާތްކަމުން އޭނާއަށް ޖަވާބުދާރީ ނުވެވޭނެ ގޮތަކަށް ޝަރީއަތް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރު ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

މިއަދުގެ މަޖިލިސް ރޫޅައިލެއްވީ މައްސަލަ އިތުރަށް ދިރާސާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރުން އިއުލާން ކުރައްވަމުންނެވެ.