އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ފަލަސްތީނާމެދު މަޖިލީހުން ދެކޭގޮތް ފާސްކޮށްފި

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ދެކޭ ގޮތް ބައިނަލްއަގުވާމީ މުޖުތަމައަށް ހާމަ ކުރަން މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

މި ނިންމުން މަޖިލީގައި މިއަދު އައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށއް ދެމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވައި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރަން ގޮވާލައި އެކަމުގައި ރާއްޖެއިން ދެކޭ ގޮތް ހާމަކުރުމަށް އެދި މަޖިލީހަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ގަރާރެއް ހުށަހެޅުއްވުމުންނެވެ.

އެ ގަރާރު މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އިތުރަށް ދިރާސާކޮށް އެކުލަވާލައި ނިންމި ރިޕޯޓުގައި ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން އަމަލު ކުރާނެ ގޮތެއް ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓް ފާސް ކުރުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 44 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތަށް އިޒްރޭލުން ފަަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށާއި ވެރިވެ ގަނެގެން ހިންގާ ޖަރީނާ ހުއްޓުވުވައި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތަށް ކަށަވަރު ކޮށް ދިނުމަށް ގޮވާލުމަށް މަޖިލީހުން މިއަދު ފާސްކުރި އެވެ. މަޖިލީހުން އެ މައްސަލައާ ދޭތެރޭ ދެކޭ ގޮތް ބައިނަލްއަގުވާމީ މުޖުތަމައުއަށް ހާމަކުރަން ވެސް ފާސް ކުރި އެވެ.