ޕީޕީއެމް

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މަހާސިންތާގައި މުއިއްޒު

Jul 7, 2021

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 100 އަހަރު ފުރިގެން ބޭއްވި މަހާސިންތާގައި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން ބައިވެރިވެއްޖެ އެވެ.

ޕީޕީއެމްގެ ފަރާތުން މި މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ސިޔާސީ ޕާޓީ ތަކަށް ދިން ދައުވަތެއްގައި ޕީޕީއެމްގެ ފަރާތުން ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންނެވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތް ނުވުމުންނެވެ.

މި މަހާސިންތާގެ ބައެއް ބައިތައް ވާޗުއަލް ކޮށް ކުރިއަށް ގެންދިޔަ އިރު 160 ގައުމަކުން 500 އަށް ވުރެ ގިނަ ސިޔާސީ ޕާޓީ ތަކުގެ ލީޑަރުން ބައިވެރިވެފައިވެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހާސިންތާގައި ބައިވެރިވާން ރާއްޖޭގެ އެހެން ބައެއް ޕާޓީ ތަކަށް ވެސް ދައުވަތު ދީފައިވެ އެވެ. ނަމަވެސް ރާއްޖެއިން ބައިވެރިވީ ހަމައެކަނި ޕީޕީއެމެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއި އެކު ވަރަށް ގާތް ގުޅުންތަކެއް ބާއްވާފައިވެ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފައިވެ އެވެ. އަދި ރައީސް ޔާމީންވެސް ޗައިނާ އަށް ވަޑައިގެން އެމަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ބޮޑެތި މަޝްރޫއު ތަކަށް ބޭނުންވާ ފައިސާ ޗައިނާ އިން ހަމަޖައްސައި ބައެއް ކަންކަމުގައި ފަންނީ އެހީތެރިކަން ވެސް ހޯއްދެވި އެވެ.