މޯލްޑިވްސް ޕޮލިސް ސާވިސް

ވަޅި ހަރައި ބިދޭސީއަކު ޒަހަމް ކޮށްލައިފި

ލ. މާމެންދޫ ބޭރުގައި އޮތް ދޯންޏެއްގައި ހިންގި މާރާމާރީއެއްގެ ތެރޭ ބިދޭސީއެއްގެ ކަރަށް އެހެން ބިދޭސީއަކު ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުސް އިދާރާއިން މިއަދު ބުނީ އެ މާރާމާރީ ހިނގީ މާމެންދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ތިބި ދެ ބިދޭސީއެއްގެ ދެމެދުގައި ކަމަށެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލިްގެ ނައިބު ރައީސް ޔޫސުފް ޖަޒްލާން ވިދާޅުވީ މާރާމާރީއެއްގައި އެކެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ. އަދި ދެވަނަ މީހާގެ މޫނު މަތިން ބައެއް ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

ކަރަށް ތޫނު އެއްޗެށް ހަރާލާފައިވާ ބިދޭސީ މީހާއަށް މިހާރު ދަނީ މާމެންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ. މިއަދު އިރު އަރައިގެން އައި ވަގުތު ހިންގި މާރާމާރީއަށް ފަހު އެމީހާ މާމެންދޫ އަށް ބޭލީ 7:00 ޖެހި އިރު އެވެ. އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

މާރާމީ ހިންގާފައި ވަނީ އެ ރަށުގެ ފަޅުތެރޭ އޮތް އެހެން ރަށެއްގެ އުފުލާ ދޯންޏެއްގަ އެވެ. އެ ދޯނީގައި މަސައްކަތް ކުރާ ގިނަ މީހުނަކީ ބިދޭސީންނެވެ. މިއަދު މާރާމާރީގައި މީހަކު ހައްޔަރުކޮށްފައި ވާ ކަމުގެ މައުލޫމާތެއް ސާފެއް ނުވެއެވެ. ނަމަވެސް ފުލުހުން ގެންދަނީ އެ މާރާމާރީގެ މައްސަލަ ބަލަމުންނެވެ.