ފިނޭންސް މިނިސްޓްރީ

އިތުރުގަޑިއާ ގުޅޭ އޮޑިޓެއް ހަދައިދޭނެ ބަޔަކު ހޯދަން އަނެެއްކާވެސް އިއުލާންކޮށްފި

Jul 7, 2021

ދައުލަތުގެ އިދާރާތަކުގެ އިތުރުގަޑިއާ ގުޅޭ އޮޑިޓެއް ހެދުމަށް އަނެއްކާ ވެސް ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި މިހާރު ވަނީ މިކަމާ ގުޅޭ އޮޑިޓް ހަދައިދޭނެ ބަޔަކު ހޯދަންވެސް އިއުލާންކޮށްފަ އެވެ.

އިއުލާންގައި ބުނެފައިވަނީ ދައުލަތުގެ އިދާރާތަކުން އިތުރުގަޑީގެ ފައިސާދޭ ގޮތާއި ގުޅޭގޮތުން އޮޑިޓެއް ހަދަން ބޭނުންވާތީވެ އެ މިނިސްޓްރީން ދޭ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އާއި އެއްގޮތަށް އޮޑިޓެއް ހަދައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ނިޔަލަށެވެ.

މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ މިމަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ދައުލަތުގެ އިދާރާތަކުގެ އިތުރުގަޑިއާ ގުޅޭ އޮޑިޓެއް ހެދުމަށް ނިންމާ މިދިޔަ މެއި މަހުގެ ތެރޭގައި ވެސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރި އެވެ. ނަމަވެސް އެ އިއުލާނާ ގުޅިގެން މިނިސްޓްރީން އަމަލުކުރި ގޮތް ވަނީ ސާފު ނުވެފަ އެވެ.