ވަކި އަދަދަކަށް ވުރެ ގިނަ މީހުންނަށް ބައިވެރިނުވެވޭ ގޮތަށް ކުރިއަށް ގެންދާ ހަފްލާތައް ބޭއްވުމުގެ ހުއްދަ އަލުން ދޭން ނިންމައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ 30 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް މީހުން އެއްވެގެން ބާއްވާ ހަފްލާތައް ބޭއްވުމުގެ ހުއްދަ ދޭން މިހާރު ނިންމާއިފައިވާ ކަމަށެވެ.
ކޮވިޑްގެ ހާލަތު މިއަހަރު ގޯސްވުމުގެ ކުރިންވެސް ވަކި އަދަދަކަށް ވުރެ ގިނަ މީހުންނަށް ބައިވެރިނުވެވޭ ގޮތަށް ހަފްލާތައް ބާއްވަން ހުއްދަ ދީފައިވެ އެވެ. ނަމަވެސް ބައެއް މީހުން އުސޫލާ ހިލާފަށް ހަފްލާތައް ބޭއްވުމާ ގުޅިގެން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.
ލުއިތައް ދިން ނަމަވެސް ބަލިން ރައްކާތެރިވުމުގައި އަަމަލުކުރަން ލަފާ ދީފައިވާ ގައިޑްލައިންތައް ދޫކޮށްނުލުމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ އިލްތިމާސް ކޮށްފަ އެވެ.
"މިސާލަކަށް އޭގެ މާނައަކީ ރެސްޓޯރެންޓްތައް ވެސް ހުޅުވޭއިރުގައި ވެސް އެ ހުޅުވެނީ ކޮވިޑް ސޭފް ގައިޑްލައިންސްތަކާ އެއްގޮތަށް. ފިހާރަތަކުގެ ވަގުތު އެކްސްޓެންޑް ކުރިކަމުގައި ވިޔަސް އެ ފިހާރަތަކަށް ވަންނަ މީހުންގެ އަދަދުވެސް ވަކި ވަރެއްގައި ހިފަހެއްޓިފައި ފެރީތަކާ ބަސްތަކުގައި ވެސް ދަތުރުކުރުމަށް އޮންނަނީ ވަކި ގައިޑްލައިންތަކެއް. އެހެންވީމާ މި ގައިޑްލައިންތަކާ އެއްވަރަށް އަމަލުކުރެވޭ މިންވަރަަށް ވެސް ޑިޕެންޑްވޭ ކޭސްތައް އިތުރުވާ މިންވަރު،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ އަބަދު ބަންދުވެގެން ތިބުމަކީ ވެސް ކުރެވޭނެ ކަމަކަށް ނުވާތީ ކޮވިޑާ އެކު އުޅެން ވެސް ދަސްކުރަންޖެހެ އެވެ. އަދި ފަރުދީ ޒިންމާ މުހިއްމު ކަން ފާހަގަަކުރެއްވި އެވެ.