ކްރިމިނަލް ކޯޓް

ޓެރަރިޒަމްގެ ތުހުމަތު އޮތް ތިން މީހަކު ދޫކޮށްލައިފި

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހަކު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

އެ ކޯޓުން އެ ތިން މީހުން ދޫކޮށްލާފައިވާއިރު މިއީ ދާދި ފަހުން ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެ މީހުން ބަންދުގައި ބަައިތިއްބާފައި ތިބީ މެއި ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ އެ މީހުންނާއި ގުޅުން އޮތް ކަމަށް ބެލެވިގެންނެވެ. އެ ތަހުގީގު މިހާރުވެސް ކުރިއަށް އެބަދެއެވެ.

އެ މީހުން ދޫކޮށްލިކަން ޕީޖީ ހުސައިން ޝަމީމްވެސް ވަނީ ޔަގީންކޮށްދީފައެވެ. އަދި އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ކޯޓްގެ އެ ނިންމުން އިސްތިއުފާނު ކުރުމަށް ކްރިމިނަލް ކޯޓްގެ އަމުރު ހޯދުމަށް މަސައްކަތް ކުރިނަމަވެސް އަދިވެސް އެ އަމުރު ލިބިފައިނުވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ތިން މީހުން ދޫކޮށްލަން ނިންމީ ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރަކުންނެވެ. ގާޒީ ހަސަން ސައީދުގެ މައްސަަލަތަކެއް މިހާރުވެސް ޖޭއެސްސީގައި އޮތްއިރު އެ މައްސަލަތައް ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފައެވެ. ހަސަން ސައީދަކީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާގައި ވަނިކޮށް ޕާސްޕޯޓް ދޫކޮށްލަން އަމުރުކުރި ގާޒީވެސް މެއެވެ. އެ މައްސަލަވެސް ސީރިއަސްކޮށް ބަލާ ކަަމަށް ޖޭއެސްސީން ބުންޏެވެ.