ރާއިފް މަރާލުން

ކުޑަކުއްޖާގެ ބަންދަށް އިތުރު 13 ދުވަސް

މަރާލައި ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށްފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ.

ކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ފުލުހުން ބުނީ 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރު 13 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. ބަންދު އިތުރުކުރީ ކުރީން ޖެހި 15 ދުވަސް ހަމަވުމުންނެވެ.

ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ ފުނަށް ވާސިލްވުމަށް މިހާރު ވަނީ އެ ކުއްޖާގެ ޕޯސްޓްމޯޓަމްވެސް ހަދާފައެވެ.