ބޮލީވުޑް

ދިލިޕް ކުމާރުގެ ދަރިއަކު ނެތް ސަބަބު ބައޮގްރަފީގައި

މަޝްހޫރު އެކްޓަރު ދިލިޕް ކުމާރު މިދިޔަ ބުދަ ދުވަހު މި ދުނިޔެއަށް އަލްވަދާއުކިއުން ވެގެން ދިޔައީ ހިންދި ފިލްމު ބަލާ ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު ދެރައަކަށެވެ. ދިލިޕް ނެތި ދިޔަސް އޭނާ ކުޅެފައިވާ ރީތި ގިނަ ފިލްމުތަކެއް އޭނާގެ ފޭނުންނަށް ހަނދާނަކަށް ފުދެ އެވެ.

މޮޅު އެކްޓަރުންގެ ދަރިން އެމީހުންގެ ނަން ދަމަހައްޓަން ފިލްމީ ރޮނގުން މަސައްކަތް ކުރަމުންދާއިރު ދިލިޕް ކުމާރަކީ ދުވަހަކު ވެސް ދަރިއަކު ލިބުނު މީހަކަށް ނުވާތީ އޭނާގެ ދަރިފަސްކޮޅު ކުރިއަރުވާނެ ދަރިއަކު ނެތުމަކީ ގައިމުވެސް އޭނާ ވަރަށް ހިތާމަކުރާނެ ކަމެއް ކަން ޔަގީނެވެ.

ދިލިޕް އާއި ސާއިރާ 1966 ގައި ކައިވެނި ކުރިއިރު ދިލިޕް އަށް 44 އަހަރެވެ. ސާއިރާއަށް 22 އަހަރެވެ. އޭގެ ކުރިން ދިލިޕް ވަނީ އަސްމާ ރަހްމާން ކިޔާ މީހަކާ ކައިވެނި ކޮށްފަ އެވެ. ނަމަވެސް އެންމެ ދެ އަހަރު ތެރޭގައި އެ ކައިވެނި ރޫޅުނީ އެވެ. އެ ކައިވެންޏަކަށް ދަރިއަކު ނުލިބެ އެވެ.

ސާއިރާ އާއި ދިލިޕްގެ ވެސް ދަރިއަކު ނެތެވެ. އޭނާގެ ބައޮގްރަފީ "ދިލިޕް ކުމާރު: ދަ ސަބްސްޓެންސް އެންޑް ދަ ޝެޑޯޒް" ގައި ބުނެފައިވާ ގޮތުގައި 1972 ގައި ސާއިރާ ބަލިވެ އިނެވެ. ނަމަވެސް ބަނޑަށް އަށް މަހުގައި ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކުއްޖާ އުފަންވީއިރު ވެސް އޮތީ މަރުވެފަ އެވެ. އޭގެ ފަހުން ސާއިރާއަށް ދަރިން ނުލިބެނީ އެވެ.

އެ ދެމަފިރިންނަށް ދަރިއަކު ނުލިބުން ދިލިޕް އާއި ސާއިރާ ނެގީ ވަރަށް ޕޮޒިޓީވް ކޮށެވެ. މާތްﷲ ގެ އިރާދަފުޅުގައި އެމީހުންނަށް ދަރިއަކު ލިބުން ނެތީމަ ނުލިބުނީކަމަށް ނިންމައި އެކަން މާތްﷲ އާ ވަކީލު ކޮށްލީ އެވެ.

ހިންދުސްތާން ޓައިމްސް އަށް ވަރަށް ކުރިން ދިލިޕް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވަނީ އަމިއްލަ ދަރިން ތިބިނަމަ އެއީ ވަރަށް ވެސް ބޮޑު އުފަލަކަށް ވީހެވެ. ނަމަވެސް ދަރިއަކު ނެތުމަކީ އެމީހުން ހިތާމަކުރާ ކަމެއް ނޫނެވެ.

"ﷲގެ ނިޔާއަށް އަހަރެމެން ދެ މީހުން ވެސް މިތިބީ ހިތްހަމަޖައްސާލައިގެން. ދަރިއަކު ނެތުމަކުން ހަޔާތުގައި އުނިކަމެއް އޮތް ކަމަކަށް އަހަރެމެން ނުދެކެން. އަހަރެންގެ އެއްބަނޑު އެއްބަފާ މީހުންގެ ދަރިންނާއި ދަރިންގެ ދަރިން އެބަތިބި. އަދި ސާއިރާގެ ބޭބެގެ ވެސް ދަރިންނާއި ދަރިންގެ ދަރިން އެބަތިބި. އެ ހުރިހާ ކުދިން ގޭތެރޭގައި އުޅޭއިރު އެއްގޮތަކަށް ވެސް އަމިއްލަ ދަރިން ނެތް ކަމުގެ އިހްސާސެއް ނުވޭ،" ދިލިޕް ބުނެފައި ވެއެވެ.