ހަބަރު

ސިޓީ ހޯލް ކުއްޔަށް ދޫކުރަނީ ގަވާއިދާ އެއްގޮތަށް: ސިޓީ ކައުންސިލް

Jan 15, 2015

މާލެ ސިޓީ ހޯލް ކުއްޔަށް ދޫކުރަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ހޯލް ކުއްޔަށް ދޫކުރަމުންދާ ގޮތާ ބެހޭ ގޮތުން ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޓީ ހޯލުގައި ހަރަކާތެއް ބޭއްވުމަށް އެއްވެސް ފަރާތަކުން އެދިއްޖެނަމަ އެއްވެސް ތަފާތު ކުރުމެއް ނެތި ދެމުން ގެންދާ ކަމަށެވެ.

"... ޖަމިއްޔާ ޖަމާއަތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ސިޓީ ހޯލް ކުއްޔަށް ހިފައިގެން އެކި ހަރަކާތްތައް ބާއްވަމުންދެ އެވެ. އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ދައްކަމުން ވެސް ގެންދޭމެ އެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ސިޓީ ހޯލް ކުއްޔަށް ދީގެން މިދިޔަ އަހަރު އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށެވެ. ނަމަވެސް މިހެން މިކަން ކުރަމުން ދަނިކޮށް ހައުސިން މިނިސްޓްރީއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

"…ސިޓީ ހޯލަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ބަލައިގެން ބައްދަލުވުމުންތައް ބޭއްވުމަށް ދޫކުރަމުންދާ ތަނެއް ނޫނެވެ. އެއާ ހިލާފަށް އެހެން ފަރާތަކުން ކުއްޔަށް ހިފާފައި ނުވާނަމަ ދަނީ ކުއްޔަށް ދޫކުރަމުންނެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ދިވެހި ރައްޔިތުންނާއި މާލެ ސިޓީގެ ރައްޔިތުންނަށް ހަގީގަށް އޮޅޭ ގޮތަށް ފަތުރަމުންގެންދާ ވާހަކަތަކާއި މެދު ކައުންސިލުން ކަންބޮޑުވާ ކަމަށެވެ.