ވިޔަފާރި

ޔޫރަޕް ދެ ކުންފުންޏަކުން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ވާހަަކަ ދައްކަނީ

ޔޫރަޕުގެ ދެ ކުންފުންޏަކުން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ސަރުކާރާ ވާހަަކަ ދައްކަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ޔޫރަޕުގެ ދެ ކުންފުންޏަކުން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ޝަގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމަން. ނަމަވެސް އެކަން ފެށުމަށް ސިވިލް އޭވިއޭޝަނުން ކުރަން ޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާއިން ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ވައިގެ ދަތުރުފަތުގެ ދާއިރާގެ ހަރަކާތްތައް އިތުރުވެގެން ގޮސްފައިވާ ކަމަށާއި މިގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި 20 ފްލައިޓެއް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގަން އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، އައްޑޫއަށް އިންޓަނޭޝަނަލް ޗާޓަރު ފްލައިޓް ފެށުމަށްވެސް އެއާލައިންތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.

"ކޮންޓްރެކްޓަރާ ވާހަކަ ދައްކަމުން މިދަނީ މަސައްކަތް އެއްކޮށް ނުނިމުނު ނަަމަވެސް އެކަމަށް އޮތް ފުރުސަތަކީ ކޮބައިތޯ؟،" ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގައި މީގެ ކުރިން ހެލިކޮޓްރުގެ ހިދުމަތް ދީފައިވެ އެވެ. ހަމިންބާޑް ނަމަކަށް ކިޔާ ކުންފުނިން ދިން މި ހިދުމަތް ހުއްޓާލަން ޖެހުނީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާތަކެއް ހިނގުމަށް ފަހު އެވެ.