މެދު އަދި މަތީ ފަންތީގެ ގެދޮރުވެރި ކަމަށް ހާއްސަ ފްލެޓްގެ 114 ޔުނިޓް އަޅަން އެޗްޑީސީން ބަޔަކާ ހަވާލު ކޮށްފި އެވެ.
އެޗްޑީސީ އިން 114 މިކްސް ޔޫސް ރެސިޑެންޝަން ޔުނިޓްތައް އަޅަން އިއްޔެ ހަވާލު ކޮށްފައި ވަނީ ސާސޭ / ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
މެދު އަދި މަތީފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން މީގެ ކުރިން ވެސް ހުޅުމާލޭގައި ވަނީ ޕްރޮޖެކްޓްތަކެއް ހިންގާފަ އެވެ. މި މަޝްރޫއުތަކުގެ ދަށުން އަޅާ 114 ޔުނިޓަކީ ހުޅުމާލެ ޕްލޮޓް އެސް1-3 ގެ ލޮޓް 11445 ގައި އިމާރާތްކުރާ ޔުނިޓްތަކެއް ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އެޗްޑީސީ އިން ބުނީ މި ޕްރޮޖެކްޓަކީ ވީހާވެސް ކުޑަ އަގެއްގައި އާންމުންނަށް ހުޅުވައިލުމަށް އަގު ހިފަހައްޓާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން 60 ޕަސެންޓް ޔުނިޓުތައް ވިއްކޭނެ އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 2185ރ. އެވެ. ބާކީ 40 ޕަސެންޓް މާކެޓު އަގުތަކުގައި ވިއްކުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް އޮންނާނެ އެވެ.
މި މަޝްރޫއުގެ ޑީޓެއިލް ޑްރޯވިން އެޕްރޫވަލް ނިމުމުން ތިން އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެ އެވެ.