ވާހަކަ

ސިއްތާ

(6 ޖުލައި 2021 އާ ގުޅޭ)

އެކަކުއަނެކަކާ ނަޒަރު އަމާޒުވެފައި ހުރިއިރު ދެމީހުންކުރެ އެކަކުވެސް އެސްފިޔަ ޖަހާނުލައެވެ. ލައިޒަލްގެ އިނގިލިން ލަސް ގޮތަކަށް އިނގިރޭސި ލަފުޒެއް ކަމަށްވާ "ޕްލީޒް"ގެ ކޮންމެ އަކުރެއް ވަކިވަކިން ނީރާގެ އަތްތިލައިގަ ލިޔުނެވެ. އަދި އޭނާ ދެ ލޯ މަރާލީ އާދޭހުގެ އިޝާރާތެއް ފަދައިންނެވެ.

* * * * *

"ސޮރީ..." ކާރަށް އެރީއްސުރެ ނީރާ ހިމޭންވެފައި އިންނާތީ އީހާން ބުނެލިއެވެ. އީހާނަށް ހީވީ، ނީރާ ބަލާ އާދެވުނުލެއް ލަސްވީ ކަމަށެވެ.

"އިޓްސް އޯކޭ." ނީރާ ބުނެލިއެވެ. ދެން ވެސް އޭނާ އިނީ ސީޓު މައްޗަށް ދެފައި އަރުވާލައިގެން ދޮރުފަތުގެ ބިއްލޫރިގަނޑުން މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ ކޮނޑުމަތިން ކުރި މައްޗަށް ވައްޓާލާފައި އޮތް އިސްތަށިގަނޑަށް އީހާން ދަމާލިއެވެ. ނީރާގެ ސަމާލުކަން ހޯދުމަށެވެ.

"އައިސްކްރީމް، ޗޮކުލެޓް، ޑޯނަޓް..." ނީރާ ރުއްސަން އީހާން މަސައްކަތް ފެށިއެވެ. އޭނާ އެންމެ ފޯރިއާއެކު ކައި އުޅޭ އެއްޗެހީގެ ނަންތައް އީހާން ކިޔަންފެށިއެވެ. ކެތްނުކެރުވުނުހެން ހީވާ ފަދަ ގޮތަކަށް ނީރާގެ ނަޒަރު އީހާނާ އަމާޒުކޮށްލައިފިއެވެ. ދަހިވެފައި އިންހެން ތުންފަތް ލޮއެލުމާއެކު ތިރީ ތުންފަތުގައި ދަތް އަޅާލައިގެން ނީރާ އިނެވެ.

"ޗޮކޯރީނާ." ބޯއަރިކޮށްލުމާއެކު ނީރާއަށް ބުނެވުނެވެ.

"ލެޓްސް ބައި ދެޓް." ހިނިއައިސްފަ އިނދެ އީހާން ބުނެލިއެވެ. ވަގުތުން ނީރާގެ ތުންފަތް ދެމިލައިފިއެވެ. ކުރިން ފެނުނު ފުސްމޫނުގެ އަސަރު ފިލައިފިއެވެ.

މައި ދޮރު ހުޅުވުނުކަން ސިޓިންރޫމުގައި އިން ލަމްހާއަށް އެނގުނެވެ. އީހާނާއި ނީރާއާ ދެ ކުދީންގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.

"ތިއޯ؟" ނީރާގެ އަތުގައި އޮތް ކޮތަޅު ފެނި ލަމްހާ ސުވާލުކޮށްލިއެވެ. އީހާންގެ ކޮނޑުގައި އަޅުވާލައިގެން ހުރި ނީރާގެ އަތްދަބަސް އޭނާ ނެގިއެވެ.

"މަންމަ ހިތަށް ވެސް އަރުވާނެކަމެއްނެތް. އެ ކޮތަޅުގަ މީހަކަށް ދެން އަތެއްނުލެވޭނެ. މަމީ ގަނެދިން މީހާ... މަށަށް ނުދޭންވެގެން ކޮތަޅު ހިފައިގެން އެހުންނަނީ." އީހާން ބުނެލިއެވެ.

"މަންމައަށް އެނގެއެއްނު އީހާނުގަނޑު ހަދާގޮތް. ގަނެދީފަ ހުރިހާ އެއްޗެއް ކާލާ ހުސްކޮށްލާނީ އޭނާ." ނީރާ ބުނެލިއެވެ.

"ކޯއްޗެއްތަ ގަތީ؟" އެ ސުވާލުގެ ޖަވާބު އެނގި ހުރެ ލަމްހާ އަހާލިއެވެ.

"މަންމައަށް ގެނައީމޭ." ކޮތަޅު ހިފައިގެން ލަމްހާގެ ކައިރިއަށް ހިނގައިގަތް ނީރާ ބުނެލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ކާމޭޒުމަތީ ހުރި މާވަށިގަނޑެވެ. އެއަށް ޖަހާފައި ހުރި ތާޒާ ރަތްކުލައިގެ ފިނިފެންމާ ތަކެވެ.

"ވާއު! މިއަދު މީ ސްޕެޝަލް ދުވަހަކީތަ؟ ކޮބާ ބޭބެ؟" ނިކަން ހިނިއައިސްފަ ނީރާ ވާހަކަދެއްކިއެވެ.

"މަންމައަށް ވެސް ވީ ތިވަރު، މިއަދު މީ މަދާސް ޑޭއެއް ވެސް ނޫން. އަންހެނުންގެ ދުވަސް ވެސް ހިނގައްޖެ." ލަމްހާ ދެއްކި ވާހަކައިން ނީރާ ސުވާލު އުފެދުނެވެ.

"މަންމައަށް ހަދިޔާދޭން ވާނީ ހަމައެކަނި މަދާސް ޑޭގައިތަ؟ ހުރިހާ ދުވަހަކީ ވެސް މަންމަގެ ދުވަހެއް... ކިހިނެއް މަންމައާ ނުލާ އުޅޭނީ. ނީރާ ބޭބީއަށް ބަކުންކޮޅު ވެސް ނުދިރޭނެ މަންމަ އަތުންނޫނީ." ލަމްހާގެ ވާހަކައާ ގުޅުވާ އީހާން ވާހަކަދެއްކިއެވެ. ލަމްހާގެ ގާތުގައި ސޯފާގައި އިށީން ނީރާއަށް އެއްޗެއް ވިސްނުނީ ދެނެވެ. ހައިރާންކަމާއެކު އީހާނަށް ބަލާލިއެވެ. މާނަވީ ހިނިތުންވުމެއް ނީރާގެ ތުންފަތަށް ވެރިވިއެވެ. ލާނެތްކަމުގެ އަސަރާއެކުއެވެ.

"އީހާންތަ ދިނީ؟" ނީރާ އަހާލިއެވެ. ލަމްހާ ވެސް އަޖައިބުވެފައި އިންކަމުގެ އަސަރު މޫނުން ދައްކަމުން ބޯޖަހާލިއެވެ. އީހާންއާ ނަޒަރު ސީދާކޮށްލުމާއެކު ނީރާ ހިނިތުންވެލީ ތަފާތު މާނައެއް އެކުލެވޭ ޒާތަކަށެވެ. އީހާނަށް އެ ހިނިތުންވުން ރަނގަޅަށް ފަހުމް ވިއެވެ. ނީރާ ވާހަކައެއް ފެށުމުގެ ކުރީން އަވަހަށް އީހާން ތެދުވިއެވެ. އެމީހުންނާ ދުރަށް ހިނގައްޖެއެވެ.

"މި ހުރިހާ އެއްޗެއް ނީރާއަށް ނުކެވިގެން އުޅެނިކޮށް އީހާން ކާލާނެ. ބަލައްޗޭ!." ނީރާގެ ކޮތަޅުގައި ހުރި އެއްޗެހި ހާވަމުން ލަމްހާ ބުނެލިއެވެ. ކަންތައްވާނޭ ގޮތް ރަނގަޅަށް އޭނާއަށް އެނގެއެވެ.

"އަމިއްލައަށް ކާން ގަންނާށޭ ބުނީމޭ. ނުގަތެންނު... ހަމަ އަހަރެންގެ އެތިކޮޅު ކާލާނީ." ނީރާގެ އަޑުގައިވީ ޝަކުވާއެވެ. ލަމްހާއަށް ހީނލެވުނެވެ.

ވާހަކަދައްކަން އިނދެފައި ސޯފާ ގޮނޑިތަކުން ގޮނޑިއެއްގެ މަތީ އޮތް އަތްދަބަސް ނަގައިގެން ނީރާ ކޮޓަރިއަށް އައެވެ. އެއްބިތަށް ހެޔޮވަރުކޮށް ހަދާފައި ހުރި އަލަމާރީގެ ދޮރު ކަހާލިއެވެ. އަތްދަބަސް އަޅުވަން ހާއްސަކޮށްފައި ހުރި ބައިގަ އަޅުވާލިއެވެ. އެނދުމައްޗަށް އެރީ އަތުގައި އޮތް ފެރާރޯ ޗޮކުލެޓު ފޮށި ހިފައިގެންނެވެ. ޗޮކުލެޓެއް އަނގަޔަށް ލަމުން އެނދުމައްޗަށް ނީރާ އުއްޑުން ވެއްޓިގަތެވެ. އެހެން އޮވެ ތިން ޗޮކުލެޓު އޭނާ އެހެންއޮވެ ކާލިއެވެ. ކަމެއް ހަނދާންވީ މީހަކުހެން ފުންމައިގެން ތެދުވި ގޮތަކަށް ހެދުން ބަދަލުކޮށްލިއެވެ. ގޭގައި ލައިގެން އުޅޭ ފަދަ ޓީޝާޓުކޮޅަކާއި ހަރުވާޅެއް ލައިގެން ނީރާ ހަލުވިކޮށް ނުކުތެވެ. އޭނާ އައިސް އީހާންގެ ކޮޓަރީގައި ޓަކިޖެހިއެވެ. އީހާންގެ އަޑު އިވުމުން ދޮރު ހުޅުވާލުމާއެކު އެތެރެއަށް ނީރާ ދެމިގަތެވެ.

"ވަޓް؟..." ދެފަރާތުން އަތްވިދެލައިގެން ނީރާ ހެވިފައި ހުރި ގޮތުން އެ ސިކުނޑީގައި ހިނގާ ހިޔާލުތައް އީހާނަށް ވަގުތުން އެނގުނެވެ.

"ބުނޭ." އީހާންގެ ކައިރިއަށް އެނދަށް އަރައި ދެފައި ވަށްކޮށްލައިގެން ދެއަތުން ފައިތިލައިގަ ހިފަހައްޓާލައިގެން އިނދެ ނިރާ ވާހަކަދެއްކިއެވެ.

"ކޯއްޗެއް؟" އީހާން ގަސްދުގައި ނޭނގޭ ކަމަށް ހެދުނެވެ.

"ރޯސްތައް... އެއީ މަންމައަކަށްނޫން، އައި ނޯ ޔޫ... ކިޔާދީ ހަމަމިހާރު." ކައިރީގަ ދަމާލާފައި އޮތް އީހާންގެ ފައިގަ ނީރާ ތަޅައިގަތެވެ.

"ނުބުނާކަށް ނޫނޭ. އެނގޭތަ! އަސްލު މިއަދު ލަސްވީ އެކަމާ ހުރެ." ބަންޑުން އޮވެފައި ކުރުއަތް މައްޗަށް ތެދުވެލައި ނީރާއާ އީހާން ކުރިމަތި ލިއެވެ.

"ކާކު އެއީ؟ ޝީންތަ؟" ނީރާއަށް ޔަގީނާ ގާތަށް އީހާންގެ ހިތުގެ އިހްސާސްތައް އެނގޭތީ ބުނެލިއެވެ. އީހާންގެ ބޯ ފަހަތަށް ވައްޓާލީ ހެމުންނެވެ. ނީރާއަށް ސިއްރެއް ނުވާނޭކަން ޚުދު އޭނާއަށް ވެސް އެނގެއެވެ.

"ރަނގަޅަށް ދޯ މިބުނެވުނީ. އެކަމަކު ކޮންއިރަކު؟ އޭނާއާ ވާހަކަދެއްކީތަ؟... ޓެލް މީ..." ދެމީހުންގެ ދެމެދު ހިނގައިދިޔަ ކަންތަކުގެ ޚަބަރު އޮޅުން ފިލުވަން ނީރާ ކެތްތެރިކަން ކުޑަވިއެވެ. އެވަގުތު އެ ކޮޓަރީގެ ދޮރު ހުޅުވާލައިފަ ވަނީ ލަމްހާއެވެ. އޭނާގެ އަތުގައި އޮތް ޖޯޑު ގެނެސް އީހާންގެ އެނދުގައި އިން ނީރާއަށް ދިއްކޮށްލިއެވެ.

"ކޮބާ އަހަންނަށް؟" އީހާން ބުނެލިއެވެ.

"ތީ ހޮޓްޗޮކުލެޓް ބޯ މީހެއްތަ؟" ލަމްހާ ބުނެލިއެވެ. ނީރާ ވަގުތުން އީހާނަށް ދޫ ނެރިލިއެވެ.

"މަންމާ، ކޮފީއެއް ގެނެސްދީބާ." އީހާން ނިކަން އަވަހަށް ބުނެލިއެވެ.

"ކޮޓަރީގަ ތިބެގެން ނުކާށޭ މަންމަ ބުނި ހަނދާން ނެތުނީތަ؟... ނުކުމޭ. ޓެރެސްބަޔަށް ނުކުމޭ. އިރުއޮއްސެނީ... މިގަޑީ ހޫނެއް ވެސް ނުވާނެ." ނީރާއާއި އީހާނަށް ބަލާލަމުން ލަމްހާ ބުނެލިއެވެ.

"ނީރާހެން ގަޔަށް އަޅައިގެން ބޯމީހެއްނޫން މަށަކީ." އީހާން ބުނެލިއެވެ.

"ހެވޭ!... ނީރާ، ދޭ އީހާން ގޮވައިގެން. މަންމަ އެތަނަށް ކޮފީ ގެންގޮސްދޭނަން." ނީރާގެ ކޮނޑުގައި ލަމްހާ ފިރުމާލިއެވެ. ނީރާ ތެދުވަން އުޅުނު ގޮތް ފެނި ލަމްހާ އަވަހަށް އެކުއްޖާ އަތުން ޖޯޑު އަތުލައިފިއެވެ. ބަންޑުންވެދާނޭކަމުގެ ބިރަށެވެ. ނީރާގެ ޖޯޑާއި އީހާންގެ ކޮފީ ހިފައިގެން ދާނަމޭ ބުނެ ލަމްހާ އެ ކޮޓަރިން ނުކުތެވެ.

ނީރާއާއި އީހާނަށް ކޮޓަރިން ނުކުންނަން ޖެހުނީ ލަމްހާއާ ހެދިއެވެ. އެމީހުން އައިސް ހާމަފެންޑާއަށް ނުކުތެވެ. އެތަނުގައި ހުރި މޭޒުދޮށުގައި ދެ ޒުވާނުން ތިއްބާ ލަމްހާ ތަބަށް ހިފައިގެން އައެވެ. މޭޒުމަތީ ބަހައްޓާލުމާއެކު އޭނާ ކޮޓަރިއަށް ވަންނަނީކަން ނީރާ ގާތު ބުނެލިއެވެ. އަދި ތަށިތައް ދޮވެލާފައި ބަހައްޓަން ލަމްހާ އެދުނެވެ. ލޯ މަތިން މަންމަ ގެއްލުމާއެކު ނީރާ ސަމާލުވެލީ އީހާނަށެވެ. ދެބުމަ އަރުވާލައި ތަޅުވާލިއެވެ. އެ ދެމެދުގައި ހުއްޓުމަކަށް އައި ވާހަކަ ކުރިއަށް ގެންދަން ނީރާ އިޝާރާތް ކުރީއެވެ.

"ރޭގަ މެސެޖު ކުރީ. އިންސްޓާއިން..." އީހާން ކިޔާދޭން ފެށިއެވެ. ޝީން އުޅެނީ އެމީހުން އޫޅޭ އިމާރާތުގައި ކަން އީހާން ބުނީ އެކަމާ އުފަލުން އިނދެއެވެ. ޝީން ފަދަ އަންހެންކުއްޖަކާ ބައްދަލު ކުރަން ހުސްއަތާ ދިއުން އިންސާފަކަށް ނުވާނޭ އީހާން ބުނެލީ އެ ރީތިކަމަށް ހިތާހިތުން ތައުރީފު ކުރަމުންނެވެ. ރަތް ފިނިފެންމާ ބޮނޑިއަކީ ޝީންއަށް ގަން އެއްޗެއް ކަމުގައި އީހާން ބުނީ ދެނެވެ.

"އޭނާ އަހަންނާމެދު ކަންތައް ކުރީ ފޭންއަކާމެދު ކަންތައް ކުރާނޭ އުސޫލުން. މާބޮނޑީގަ ނުހިފިއޭ... އަންހެންކުއްޖަކު ހުންނާނެތަ ފިނިފެންމާ ބޮނޑިއެއް ދިނީމަ ނުހިފަން. އަހަރެން އާދޭސް ކުރީމަ އެންމެ މަލެއް އޭނާ ނެގީ. ނަންބަރު ލިބިދާނެތޯ ވެސް އެހީން. ނުދިން. އެހާ ފޮނިވާނޭ ހިޔެއްނުކުރަން."

އީހާންގެ ވާހަކައިން ނީރާގެ ހިޔާލުތައް އޭނާ ގެންދިޔައީ އެހެން މަންޒިލަކަށެވެ. އެސޯސިއޭޝަންގެ ގޯތިތެރެއަށެވެ. ކުރިމަތީ ހުރި އިސްކޮޅުން ދިގު ޒުވާނާގެ ސޫރަ ކުރެހިގެން ހިނގައްޖެއެވެ. އީހާން ބަލާ އައުމުން ކާރަށް އަރާ ހިމޭންވެފައި ނީރާ އިނީ ބަލާ އައުން ލަސްވެގެންނެއްނޫނެވެ. ނަމަވެސް ބައްދަލުވި ޒުވާނާގެ ސަބަބުންނެވެ. ބޭއިޚްތިޔާރުގައި ނީރާގެ ކަނާއަތުގެ ކުޑަހުޅުގައި ވައަތުން ހިފާލެވުނެވެ. ކަނާއަތްތިލަ މުއްކަވާލެވުނީ އަތްތިލައިގަ އެ ޒުވާނާގެ ޝަހާދަތް އިނގިލީގެ ހަރަކާތުން އުފެދުނު ހީލިކެރުވުމުގެ އިހްސާސް ނީރާގެ ހިތަށް ވެރިވުމުންނެވެ.

"އޭތް! ހެލޯ!... ކޮންދުނިޔެއެއްގަ؟..." އީހާނަށް ރައްދެއް ނުލިބުމުން ކުރިއަށް ޖެހިލައި ނީރާގެ ކޮނޑުގައި ކޮއްޓާލިއެވެ. މަޑުމަޑުން ނީރާ ދެފަރާތަށް ބޯހޫރާލިއެވެ.

"ޝީންގެ ހިޔާލު ދޫކޮށްލަންތަ ތި ވިސްނަނީ؟" އީހާން އެދޭ ސަމާލުކަން އޭނާއަށް ހުއްޓާލަމުން ނީރާ އަހާލިއެވެ.

"އަދިއެއްނޫން. އައި ލައިކް ހާ... ބައެއްފަހަރު އަންހެން ކުދީން ލައިކް ވިޔަސް ނުވާކަމަށް ހެދޭނެ، ކަމުދާގޮތެއް ހުއްޓަސް ނުބުނަން އުޅޭނެ، ފުރަތަމަ އަހާލީމަ އުޅޭނީ ރައްޓެހިނުވާން، މިކަމުގަ އަދި ނުވާނޭ ބުނާވަރެއް ނުވެއެއްނު. ހާދަ ރީއްޗޭ ހުވާ އޭނަ. މޭކަޕް ނުކޮށް ހުންނައިރު ވެސް ކިއުޓް ވަރަށް." އީހާން ބުނެލިއެވެ.

ޝީންގެ ވާހަކަ އީހާން ދައްކާ ނުނިމުނެވެ. ފޮނިފޮނި އުންމީދުތަކާއި ހުވަފެންތަކުން އެހިތަށް ހަމަޖެހުން އޭނާ ހޯދައެވެ. ދެ މީހުން ހުސްކުރި ޖޯޑު ތަބަކުގައި ބަހައްޓައިގެން، އެ ހިފައިގެން އެތެރެއަށް ވަނީ އަނދިރިވާން ފެށީމައެވެ. ނީރާ ތަށިތައް ދޮންނަންދެން އީހާން ހުއްޓެވެ. އެއަށްފަހު ނީރާ ވެސް ކޮޓަރިއަށް ވަންނަނީ ކަމުގައި ބުނެލިއެވެ.

"މި ހަފްތާގަ ކޭވްއަށް އެންމެން ދާން ކިޔާފަ އޮތީ. ޔަމަނު ބުނީ މިގޭ ޑޯލް ގެންނަންވާނޭ... އެހެންނޫނަސް އަހަރެންގެ ނީރާއަށްވުރެ ރީތިއަޑެއް އެއްވެސް އަންހެން ކުއްޖެއްގެ ނޯވޭ. ނޮޓް އީވަން ޝީން. އެރޭ އަހަރެން ބުނާ ލަވައެއް ވާނެ ކިޔައިދޭން. މިބަލަނީ އެހާތަނަށް ޝީން ސެޓުކުރެވޭތޯ. އޭނާ ގޮވައިގެންދާން." ނީރާގެ ކޮޓަރިއާ ހަމައަށް އައި އީހާން ވާހަކަދެއްކިއެވެ.

"މި ހަފްތާގައޭ... އެސޯސިއޭޝަންގެ އަހަރީ ޑިނާ ނައިޓް އެބައޮތް. އެތަނަށް ދާން ޖެހޭނެ، އިޓްސް މައި ފަސްޓް ޓައިމް. އެންމެން ވެސް ދާނެ. އެކަން ކެންސަލްއެއް ނުކުރެވޭނެ. ކޮފީނައިޓް ވީކަންޑްއަށް ހަދަންވީނު، އޭރުން ޔަގީން." ނީރާ ނިކަން އަވަހަށް ބުނެލިއެވެ.

"ދެން ތިޖެހުނީ އަނެއްކާވެސް ބަލަން. ޔާނުގެ ކަމެއް ނެތިއްޔާތާ އެރެޔަށް ހަމަޖެހޭނީ." އީހާން ބުންޏެވެ.

"އޯކޭ، މިދަނީ ރެސްޓްކޮށްލަން. ވަރަށް ބިޒީ ދުވަހެއް." ކޮޓަރިތެރެއަށް ވަންނަމުން ނީރާ ބުންޏެވެ. އީހާން ދަމުން ދޮރު ލައްޕާލިއެވެ.

ނީރާ އެނދަށް އެރީ ފޯނު ހިފައިގެންނެވެ. ސޯޝަލްމީޑިއާ އެކައުންޓްތައް ބަލަން ފެށިއެވެ. ނަމަވެސް ފޯނު އެއްފަރާތްކޮށްލަން ޖެހުނީ ސިކުނޑި ފުރުސަތު ނުދީގެންނެވެ.

"ލައިޒަލް..." މަޑުމަޑުން ނީރާ އެ ނަން ކިޔާލިއެވެ. އެ ޒުވާނާ ނީރާއަށް ސިހުރެއް ހެދީއޭ ހީވާވަރު ވެއެވެ. އެނޫން ހިޔާލެއް ނުކުރެވޭތީއެވެ. އެ ރީތި އަޖައިބު ކުރުވަނިވި ދެ ލޯ އަދިވެސް ކުރިމަތިން ފެންނަ ކަހަލައެވެ.

"އޭނާ ލައިކްވަނީތަ؟ ނަންބަރު ހޯދަން އުޅުނީ އެހެންވެތަ؟... ރީތި ފިރިހެނެއް. ސާފު މޫނެއް... ވަރަށް ފިރިހެން... ވަޓް!... އަހަރެން ވެސް އީހާން ބުނިކަހަލަ އަންހެންކުއްޖަކީތަ؟ ނޫން، އަހަރެން ލޯތްބެއް ނުވޭ، ރީތިވުމަކީ އަދި ލޯތްބެއްނޫން. ރީތި ހުރިހާ ފިރިހެނުންދެކެ ލޯބިވާންވެއްޖެނަމަ ކިހިނެއްވާނީ؟. އޭނާ ބޭނުންވާ ކަންތައް ހާސިލުވަންދެން ގޮތްދޫނުކޮށް މަސައްކަތް ކޮށްފާނެތަ؟ އީހާން ވެސް އެބުނީ އަންހެންކުދީން އުފާވާކަމެކޭ ފިރިހެނުން އެމީހުންނަށް އާދޭސްކުރުމަކީ. ލައިކްވާކަން ހާމަކުރުމުގައި ދެމިހުރެއްޖެނަމަ ހާހަކުން އެކެއްނޫނީ، ނޫނެކޭ ނުބުނާނޭ... އެކަމަކު އެހެންވާނީ ކިހިނެއް؟ ލައިޒަލް އެހެން އުޅެފިއްޔާ އަހަންނަށް ވެސް އާނއެކޭ ބުނެވޭނެތަ، އެއްކަލަ ހާހަކުން އެކަކަށްވެ، ނޫނެކޭ ބުނި ކުއްޖާއަށް އަހަންނަށް ވެވިދާނެތަ؟... ދިސް އިޒް ސޯ ކޮންފިއުޒިންގ. މިނޫނީ ދުވަހަކުވެސް ނުދެކެން އޭނާ." އަމިއްލަ ނަފްސާ ނީރާ ވާހަކަދެއްކިއެވެ.

* * * * *

ޕްރެކްޓިސް ކުރިޔަށް ދިޔައިރު ލައިޒަލްގެ ސަމާލުކަން ކުޑަވެފައިވާކަން ވިލްދާނާއި ބޭންޑުގެ އެހެން މެންބަރުންނަށް ވެސް ފާހަގަވިއެވެ. ޕްރެކްޓިސް ނިންމާލަށް ވިލްދާނު ހިޔާލު ފާޅުކުރީ އެހެންވެއެވެ. އެމީހުން ޕްރެކްޓިސް ކުރަން އަންނަނީ ލައިޒަލް ހިފާފައި ހުންނަ އެޕާޓްމެންޓަކަށެވެ.

"އަހަރެން މަޑުކޮށްލާނީ." އެންމެން ދާން އުޅުމުން ލައިޒަލް ބުނެލިއެވެ.

ވިލްދާނާއެކު ދެންތިބި މެންބަރުން އެޕާޓްމެންޓް އިން ނުކުތެވެ. ބޭސް ގިޓާ ހުންނަންވާ ސްޓޭންޑްގައި ބަހައްޓާލުމާއެކު ލައިޒަލް ތެދުވިއެވެ. ޕްރެކްޓިސް ކުރާ ކޮޓަރިން އޭނާ ނުކުމެގެން އައިސް ސިޓިންރޫމުގައި ހުރި ކުޑަދޮރުތައް ކައިރީ މަޑުކޮށްލިއެވެ. ފިނިވައިރޯޅިއެއް ޖެހިނުލާއިރު ދުނިޔެ މައްޗަށް ހޫނު އުދާސްކަމެއް ވެރިވެފައި އޮތް ކަހަލައެވެ. އުސް އިމާރާތެއްގެ ދިހަވަނަ ބުރީގައި ހުރި އެ އެޕާޓްމެންޓުގެ ކުޑަދޮރުން މާލޭގެ ގެތަކުގެ ފުރާޅުތައް ފެންނަން ހުއްޓެވެ. އުޑާ ދިމާއަށް ލައިޒަލްގެ ނަޒަރު ހިންގާލިއެވެ. ހަނދު ފެންނަން ނެތްތާ ތަރިތަކުގެ ވިދުމެއް ވެސް ނެތެވެ. އެކި ދިމާއިން ތަންތަނުގައި ދިއްލާފައި ހުރި ބޮކިތަކުގެ އަލިތައް ނޫނީ ނުފެނެއެވެ.

"އަތްލައިގެން ނުވާނެ... މޭ ބީ އިޓް ވޯޒް ޓޫ މަޗް. ވަޓް ވޯޒް އައި ތިންކިންގ. އެކަމަކު އަހަންނަނީ ސައިންލޭންގުއޭޖް އެކްސްޕާޓެއްނޫން، ކިޔާންމެން ގޮތަށް އެބަހުން ފަރިތަކޮށް ވާހަކަދައްކާކަށް މަށަކަށް ނޭނގޭ. އަހަރެން ކޮންޓްރޯލުން ނެއްޓީ، މޮޔައެއްހެން އޭނާ ކުރިމަތީ އުޅެވުނީ. އެހެންވެ އޭނާ ބިރުގަތީކަން ޔަގީން." ރީތިކޮށް އޮމާން ކުރެވިފައި ހުރި އިސްތަށިގަނޑުގައި ކަނާއަތުގެ އިނގިލިތަކުން ލައިޒަލް އަތްފުނާ އަޅާލިއެވެ. އޭނާއަށް އެއްވެސް ކަމަކަށް ސަމާލުކަން ނުދެވިގެން އުޅެނީ ނީރާގެ ސަބަބުންނެވެ.

ކުޑަދޮރު ކައިރީ ހުރިއިރު ލައިޒަލްގެ ހިޔާލުތަކުގައި ރަނިކަން ކުރަމުން ދިޔައީ ނީރާއެވެ. ދުނިޔެވީ ކަންކަން ފަނޑުވެ އޭނާ އެ ހިޔާލުގެ ތެރެއަށް ގެއްލިފައި ވިއެވެ. ނީރާގެ ދެބުމަ ކައިރިކޮށްލުމާއެކު ލައިޒަލްގެ އަތުން އަތްދަމައިގަތީ ނުހަނު ބާރާއެކުއެވެ. ލައިޒަލްއަށް ވެސް ސިހުން ލިބުނުކަން ގައިމެވެ. އިތުރަށް އެ އަންހެންކުއްޖާގެ ގައިގާ އަތްލަން ނުކެރުނީ އެހެންވެއެވެ. އެ ލޯބިލޯބި މޫނުކޮޅުން ނުރުހުމުގެ އަސަރު ފެންނަން ހުއްޓެވެ. އަވަސް ފިޔަވަޅުގައި ލައިޒަލްއާ ދުރަށް ނީރާ ޖެހުނީ އެއްވެސް ޖަވާބެއް އޭނާއަށް ނުދީއެވެ. އެނބުރި އޮފީހުގެ ތެރެއަށް ވަންނަން ނީރާ ދުއްވައިގަތީ ލައިޒަލްގެ ކިބައިން ސަލާމަތްވާށެވެ. ވަގުތުކޮޅަކަށް ހުއްޓުން އަރާފައި ލައިޒަލްއަށް ހުރެވުނެވެ. އޭނާ ނުކުމެގެން އައިސް ކާރަށް އެރިއިރު ވެސް ނީރާއެއް ނުފެނުނެވެ. ކާރު ދުއްވާލީ މާޔޫސްވެފައި އިނދެއެވެ.

"ބިޓެއް ހުރީތަ؟. އެހެންވެތަ އެހާ ނުރުހިފަ ހުރީ؟. މެރީކޮށްގެން އުޅޭ ވައްތަރެއް ނުޖަހާ. މޭބީ އެޕްރޯޗް ކުރެވުނު ގޮތް ގޯހީ ކަންނޭނގެ. ދެން ފެންނައިރަށް ބިރުން ނުފިލައިފިއްޔާ ރަނގަޅު... އެ އަތްތިލައިގަ ހިފާލަން ލިބޭނެކަމެއް ނޭނގެ. މަޑުމަޑު އަތެއް." ބޭއިޚްތިޔާރުގައި ލައިޒަލްއަށް ނީރާގެ އަތުގައި ހިފުނު އަތްތިލަ ހިއްލާލުމާއެކު އެ އަތަށް ނަޒަރު ހުއްޓާލެވުނެވެ.

ރިންގުވާން ފެށި ފޯނުގެ އަޑުން ރީތި ހުވަފެނެއްގައި ހުރި ލައިޒަލް ހޭލައްވާލައިފިއެވެ. އެ އަޑު އިވެނީ ހުޅުވާފައި ހުރި ޕްރެކްޓިސް ކުރާ ކޮޓަރީގެ ތެރެއިންކަން އެނގޭތީ ލައިޒަލް އައިސް އެތަނަށް ވަނެވެ. ފޯނު ހިފައިގެން އޭނާ ނުކުތީ ސިޓިންރޫމަށެވެ. ކޯލު ކަނޑާލާފައި އޭނާ އެމީހަކަށް ގުޅިއެވެ.

"ކީކޭ އުޝާ." ފޯނުކޯލު އަނެއްކޮޅުން ނެގުމާއެކު ލައިޒަލް ބުނެލިއެވެ.

"ޔަމާން ގުޅިތަ؟" އުޝާ އަހާލިއެވެ.

"އަދި ނުގުޅާ." ލައިޒަލް ބުނެލިއެވެ.

"ކީއްކޮށްލަނީ؟" އުޝާގެ އަޑު އިވުނެވެ.

މިއުޒިކް ޕްރެކްޓިސް ކުރުމުގައޭ ލައިޒަލް ބުނެލިއެވެ. އެހިސާބުން އުޝާގެ ވާހަކަތައް ނުނިމުނެވެ. ރޭގަނޑު ކައިފިންތޯ ވެސް އެއްސެވެ. ލައިޒަލްގެ ޕްރެކްޓިސް ނިންމާފައި ކޮފީއަކަށް އަރަން އުޝާ އެދުނެވެ. ދެމީހުން ބައްދަލުނުވާތާ ގިނަ ދުވަސްވީއެވެ. ޔަމާނު ވެސް ގެންނާނީ ކަމުގައި އުޝާ ބުނެލީ ލައިޒަލް އެއްބަސް ނުވެދާނެތީއެވެ. އަންހެންކުއްޖަކު ގޮވައިގެން އެކަނި ކޮފީއަކަށް ލައިޒަލް ނާރާނޭކަން އުޝާއަށް އެނގެއެވެ. އެމީހުންނާ އަބަދުވެސް ބައިވެރިވާ މީހަކީ ޔަމާނެވެ. އުޝާ އެދުމުން ނޫނެކޭ ބުނަން ބޭނުންނުވާތީ ލައިޒަލް އެދުނީ ޔަމާނަށް ގުޅުމަށެވެ. އޭނާއަށް ދެވެންޏާ ލައިޒަލް ދާނެކަމުގެ ޔަގީންކަން ދިނެވެ.

ފޯނުކޯލު ނިންމާލާފައި ލައިޒަލް ސޯފާއިން ތެދުވިއެވެ. އެޕާޓްމެންޓުގެ ކުޑަދޮރުތައް ރަނގަޅަށް ލައްޕާލިއެވެ. އަދި ކޮޓަރިތަކުގެ ބޮކިތައް ނިވާލައި ދޮރުތައް ތަޅުލުމާއެކު ލައިޒަލް އެޕާޓްމެންޓް އިން ނުކުތެވެ. މައިދޮރު ތަޅުލުމާއެކު ހިމަދިގު ސަރައްކާލީގެ ކޮޅުގައި ހުރި އެލެވޭޓާއަށް ލައިޒަލް އައިސް އެރިއެވެ.

އެވަރގްރީން ގޭގެ ދޮރޯށި ކައިރިއަށް ނުކުމެ އުޝާ ހުއްޓެވެ. އަނދިރި މުށިކުލައަކުން ހައިލައިޓްކޮށް، ލޭޔާސްކޮށް ކޮށާލާފައި އޮންނަ އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. ދަންފުޅީގެ ބައްޓަން ލިބިފައިވާ އެ ރީތި ހަށިގަނޑަށް ހެދުން ހުރީ ހިފާލާފައެވެ. މޭކަޕްއިން މޫނު ވަކިން އަލިކަމަށް ދައްކައެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާފައި ހުރިއިރު ދެބުމަ ފަވާލާފައި ވެއެވެ. ދިގު އެސްފިޔަތަކަކީ އަސްލެއްނޫންކަން ކައިރިން ބަލައިފި މީހަކަށް އެނގޭނެއެވެ. ލައްވާފައި ހުރި ލެންސުގެ ސަބަބުން ލޮލުގެ ކަޅީގައި ހުންނަ ހަގީގީ ކުލަ ބަދަލުވެފައި ވެއެވެ. އެއްއަތުގައި އަބަދުވެސް އަޅާއުޅޭ ރަން ތަނޑިގަނޑާއި، މެދު އިނގިލީގައި އަޅާފައި އޮންނަ ރިހި އަނގޮއްޓި އޮތެވެ. އަނެއް އަތުގައި އޭނާ އެންމެ ފަހުން ގަތް ރަންކުލައިގެ ގަޑި އަޅާލާފައި އޮތެވެ. ގަޑިން ވީއިރެއް ބަލާލުމާއެކު މަގުގެ ދެކޮޅު އުޝާ ބަލާލިއެވެ. ދުރުން ލައިޒަލްގެ ކަޅުކުލައިގެ ކާރު އުޝާގެ ލޮލަށް ފެނިއްޖެއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

މަޑުކޮށްލި ކާރުގެ ކުރީ ސީޓަށް އުޝާ އެރިއިރު ލައިޒަލް އިނީ ބަލާށެވެ. އޭނާއަށް އެއްވެސް އިރަކު އުޝާ އަޅާއުޅޭ ހެދުންތަކެއް ކަމަކުނުދެއެވެ. ގަޔަށް މާބޮޑަށް ހިފާފައި ހުންނާތީއެވެ. މޭކަޕްކޮށްފައި ހުންނަކަން އެނގޭވަރަށް ގަދަޔަށް މޭކަޕް ކުރުމަކީ ވެސް ލައިޒަލް ގަޔާވާ ކަމެއް ނޫނެވެ. ނަމަވެސް އޭނާ ދުވަހަކުވެސް އުޝާގެ ކަމަކަށް ފާޑެއް ނުކިޔައެވެ. އުޝާ ހަމަޖެހިލަމުން އިސްތަށިގަނޑު އެއްފަރާތު ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލިއެވެ. އުޝާގެ އިނގިލިތައް އިސްތަށިގަނޑުން މިނިވަނެއް ނުވިއެވެ.

"އައި މިސްޑް ޔޫ." ފަރުވާތެރިކަމާއެކު ލައިޒަލްއަށް ބަލާލަމުން އުޝާ ބުނެލިއެވެ. އޭނާ އެކަމަކާ މެދު އިންތިހާއަށް އުފާވާ ކަމެއް އޮވެއެވެ. އެއީ ލައިޒަލްގެ ދިރިއުޅުމުން އެތައް އަހަރުތަކެއްވީއިރު ވެސް ފެންނަ ހަމައެކަނި އަންހެންކުއްޖަކީ އޭނާއަށް ވީމައެވެ. ތަންތަނަށް ގެންގޮސްދިނުމާއި ބަލާ އައިސްދީ ހެދުމަކީ ލައިޒަލް ހަމައެކަނި އުޝާއަށް ކޮށްދޭ ކަންކަމެވެ. ހާއްސަ މުނާސަބާ ތަކާއި ގުޅުވައި ހަދިޔާދޭ މީހަކު، ލައިޒަލް ނޫނީ އުޝާގެ ނުހުރެއެވެ. ކަމެއްޖެހިއްޖެނަމަ ލައިޒަލް ކައިރީ ބުނެލުމާއެކު އެކަމެއް އޭނާ ކޮށްދޭނެއެވެ. ކޮންމެ ގަޑިއަކު ގުޅިޔަސް ލައިޒަލް އޭނާގެ ފޯނުކޯލު ނަގާނެއެވެ. (ނުނިމޭ)