ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގައި ސަރުކާރާއި އިދިކޮޅަށް ތެދުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ގޮވާލާ މެންބަރުން ވަގުތުން ޕާޓީން ވަކިކުރަންޖެހޭ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިގައި ވެރިކަން ކުރެއްވުމުގެ "ގަޓް" ނެތް ކަމަށް ވިދާޅުވެ ކެބިނެޓް އުވާލާ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލެއްވުމާއި ގުޅިގެންނެވެ.
ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އޭރުގެ އިދިކޮޅުން ބުރަ މަަސައްކަތްތަކެެއް ކުރިިއިރު ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ޕީޕީއެމާއި ގުޅިވަޑައިގެން ރައީސް ޔާމީނާއެކު ކެންޕެއިންގައިވެސް ބައިވެރިވެވަޑައިގެން މޫސާ މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގައި ސަރުކާރާއި އިދިކޮޅަށް ތެދުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ގޮވާލާ ޕާޓީގެ އުސޫލުތަކާއި ހިލާފުވާ މެންބަރުން ވަގުތުން ޕާޓީން ވަކިކުރަންޖެހޭ ކަމަށެވެ.
"މީގެ ކުރިންވެސް އެމްޑީޕީގެ މެންބަރުންނާއިމެދު އަމަލުކޮށްފައި ހުރީ މި އުސޫލުން. މިކަން ނުކޮށްފިނަމަ އިންސާފާއި ހަމައިން ނެއްޓި އެމްޑީޕީ ހަލާކުވާނެ،" އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވާ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ބޮންޑެ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބޮންޑެ ވިދާޅުވީ އެ ބިލަކީ ސަރުކާރުން ހުށައެޅި ބިލެއް ކަމަށާ ނަމަވެސް ބިލާ ދެކޮޅު ހައްދަނީވެސް ސަރުކާރުން ކަމަށެވެ. މި ބިލް މިދަނޑިވަޅުގައި މަޖިލީހަށް ގެނައި ސަބަބާމެދުވެސް ބޮންޑެ ސުވާލު އުފެއްދެވިއެވެ. ވިދާޅުވީ މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފޯކަސް ގެއްލުވާލުން ކަމަށެވެ.
"ސަރުކާރުން އިއްޒަތްތެރި ރައީސް މި ބިލް ހުށައެޅީ. ސަރުކާރުން މި ބިލާ ދެކޮޅަށް ވާހަކަ ދައްކަނީވެސް،"
އަދި ވިދާޅުވީ ނަފްރަތުގެ ބިލާ ދެކޮޅަށް ކައުންސިލުންތަކުން ބަޔާން ނެރުނީ ބިލް ނުވެސް ކިޔާ ކަމަށާ ބަޔާން ނެރެ ބިލާ ދެކޮޅަށް ވާހަކަދައްކަން ކައުންސިލްތަކަށް އިސްލާމިކް މިނިސްޓްރީންވެސް އަންގާފައިވާ ކަމަށެވެ. ކަންކަން މިހާ ހިސާބަށް ދިއުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އެއްވެސް އިތުބާރެއް ނެތް ކަަމަށް ވިދާޅުވެ ބޮންޑެ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހަށް ގޮވާލައްވާފައެވެ.
"އަޅުގަނޑު އެދެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭން. އަޅުގަނޑު އެދެން ކެބިނެޓް އުވާލަން. އަޅުގަނޑު އެދެން މިވަރުގެ ކަމެއް ކޮށްފައި ފަހަތަށް ޖެހުނީމަ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދޭން އަޅުގަނޑު އެދެން ހަމަ. އެއީ އެހާ ގަޓެއް ނެތީމަ. މިއީ ވަރަށް ނުބައި ދަލެއްގައި މި ޖެއްސީ،" ބޮންޑެ ވިދާޅުވިއެވެ.