އެމްޑީޕީގެ އިސް ލީޑަރު އަދި ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ބައްދަލުކުރައްވައިފި އެވެ.
މީގެ ކުރީންވެސް މި ދެ ބޭފުޅުން ވަރަށް ގިނަ އިން ބައްދަލު ކުރައްވައެވެ. އަދި ރާއްޖެއިން ބޭރަށް ރައީސް ވަޑައިގަންނަވާ އެކި ފަހަރު މޫސާ މަނިކު އޭނާގެ އަމިއްލަ ހަރަދުގައި އެ ގައުމުތަކަށް ވަޑައިގެންވެސް ރައީސްއާ ބައްދަލުކުރައްވާފައިވެއެވެ.
މި ފަހަރުގެ ބައްދަލްވުން ހާއްސަވީ މިއީ މިދިޔަ މަހު ރައީސް ހެއްދެވި ސާޖަރީއަށް ފަހު އެމަނިކުފާނު ފެނިވަޑައިގަންނަވާ ފުރަތަމަ ފޮޓޯ އާންމުވީ މި ބައްދަލްވުމުގެ ސަބަބުން ކަމަށްވާތީ އެވެ.
މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ ސާޖަރީއަށް ފަހު ހެޔޮ ހާލުކޮޅުގައި ބައްދަލުވެ ހާލު އޮޅުންފިލުވާލެވުނު ކަމަށެވެ. އަދި އެމަނިކުފާނު ރަނގަ ޅުކަމަށާ ވަރަށް އަވަހަށް ރާއް ޖެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
މި ބައްދަލްވުމުގައި އެމްޑީޕީއާ ގުޅޭ ވާހަކަތައްވެސް ދެއްކެވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ. މޫސަ ވިދާޅުވީ އޭނާއަކީ އެމްޑީޕީގެ ފައުންޑަރެއްގެ ހައިސިއްޔަތުން ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާ ކަމަށް ރައީސް އަރިހު ދެންނެވި ކަމަށެވެ.
ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށްފަހު ހާލު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެ ކަމަށް ރައީސް ވެސް ވަނީ ވިދާޅުވެފައެވެ. އޮޕަރޭޝަނަށް ފަހު ރައީސް ސޯލިހް ހޮސްޕިޓަލުން ދޫކޮށްލެވީ މި މަހުގެ ފުރަތަމަ ދުވަހު ހެނދުނު އެވެ.