ވާހަކަ

ވީމޭ ކަލާޔާނުލާ

(5 ޖުލައި 2021އާ ގުޅޭ)

"އާނ! ބައްޕާ.." ޝަހުރު އިނީ ބިރުން ރޫރޫ އަޅާވަރުވެފައެވެ. ލިވިޔާގެ ބައްޕަ ވާހަކަ ކުރިއަށް ގެންދާނެ ގޮތް ނޭނގޭތީއެވެ. ކިތަންމެ ހަމަޖެހޭކަން ދައްކައިގެން އިންނަން ބޭނުން ވިޔަސް، އެކަން ޝަހުރަށް ކުރެވޭ ކަމަކަށް ނުވެއެވެ.

"ބައްޕަ ޝަހުރާ ބައްދަލުކޮށްލަން ބޭނުންވީ، ލިވިޔާ ދެއްކި ވާހަކައަކުން. ލިވިޔާ ބުނީ ދަރިފުޅުމެން އިންނަން އުޅޭ ވާހަކަ! ބައްޕައަށް މިއިވުނީ ހެޔޮކޮށްތަ؟" މާހިރު ވާހަކަ ފެށީ ސީދާ މައުލޫޢު އިންނެވެ. ޝަހުރުގެ މުޅި ހަށިގަނޑު ދިޔައީ ފިނިވަމުންނެވެ. ބިރުން އިނދެ، ބައްޕައަށް ތި އިވުނީ ރަނގަޅަށް ކަމަށް ޝަހުރު ބުނެލިއެވެ.

"އެހެންވިއްޔާ ބުނެބަލަ! ކައިވެންޏަކީ ކޮބާ؟ ކައިވެނީގެ މަޤުޞަދަކީ ކޮބައިކަން އެނގޭތަ؟" މާހިރުގެ ކަޅި އަމާޒު ވެފައި ވަނީ ސީދާ ޝަހުރަށެވެ. ނަމަވެސް އެގޮތަށް މާހިރަށް ބަލަން އިނުމުގެ ހިތްވަރެއް ޝަހުރަކަށް ނުލިބުނެވެ. މިއީ ބިރުން އިނދެ ވާނެ ކަމެއް ނޫންކަން އެތައް ފަހަރަކު ޝަހުރުގެ ހިތާއި ސިކުނޑި އޭނާއަށް ގެންދިޔައީ ވިސްނައި ދެމުންނެވެ.

"ކައިވެންޏަކީ ދެމީހެއްގެ މެދުގައި އުފެދޭ ޙަލާލު، އަގުމާތް ގުޅުމެއް. މަޤުޞަދަކީ ރަނގަޅު، ހެޔޮ ދަރިފަސްކޮޅެއް ބިނާ ކުރުން." ޝަހުރުގެ ޖަވާބާ އެކު، މާހިރުގެ ތުންފަތުން ލުއި ހިނިތުންވުމެއް ދުވެލިއެވެ.

"ރަނގަޅު! އެހެންވިއްޔާ، ޝަހުރަށް ހީވޭތަ ތިޔަ ބުނި ކަންތައް އަހަރެންގެ ދަރިފުޅު ލިވިޔާ އެކު، އުފަލުގައި ޙާސިލު ކުރެވޭނެހެން." މާހިރުގެ ސުވާލުތަކަށް ޝަހުުރު ގެންދިޔައީ ހިތު ބިރާ އެކުގައި ވެސް ކުރިމަތި ލަމުންނެވެ.

"އަހަރެންނަށް ލިވީ ގެންގުޅެވޭނެ. އަހަރެން ލިވީ ގެންގުޅޭނީ ވަރަށް ލޯބިން. ލިވީއަށް ކަމެއް ދަތިވިޔަކަ އަހަރެން ނުދޭނަން. ލިވީއަށް ޓަކައި، އަހަރެން ނުކުރާނެ ކަމެއް ނޯއްނާނެ ބައްޕާ." ޝަހުރުގެ ބަސްތަކުން މާހިރުގެ ގާތަށް އައީ ލާނެއް ފާޑެއްގެ ހިންޏެކެވެ. މާހިރުގެ ފަރާތުން ފެންނަން ފެށި ކަންތަކުން، ހާލިދާ އާއި ލިވިޔާ ޖެހިލުންވިއެވެ. ޝަހުރު އިނީ ހަމަ ކިރިޔާ ވިރިގެން އެތަނަށް ފައިބަން ގާތްވެފައެވެ.

"ކޮންމެ މީހަކަށް ވެސް ދުލުން ތިހެން ބުނެލަން ފަސޭހަ ވާނެ. އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ތިފަދަ ޝާއިރުންގެ ބަސްތަކުން ގަތައިގެން ނެރޭ ދަޅައަކަށް ހެއްލެވޭކަށް ނެތް. އެޔަށްވުރެ، އަހަރެމެންގެ ސިކުނޑި މާ ބޮޑު ވާނެ. ނުކުމޭ! މިގެއިން ނުކުމޭ! އަހަރެންގެ ދަރިފުޅުގެ ޙަޔާތުން ވެސް ނުކުމޭ!" މާހިރުގެ ބަސްތަކުން ލިވިޔާއަށް ބޭއިޚުތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. ހާލިދާ ވެސް އިނީ ބުނާނެ އެއްޗެއް ނޭނގި މުޅި މީހާ ހުއްޓިފައެވެ. އިށީންދެގެން އިން ޝަހުރަށް އިނީ ކޮޅަށް ތެދުވާން ވެސް ނޭނގިފައެވެ. މުޅި މީހާ ގަނޑު ވެއްޖެއެވެ. ލޮލުގެ ތެރެއަށް އެއްވެގެން ދިޔަ ކަރުނަތައް، ޝަހުރުގެ ލޮލުގެ އެސްފިޔަތައް ފޫ އަޅުވައިލުމަށްފަހު އޭނާގެ ކޯތާފަތް މަތީގައި ފިރުކެލިއެވެ.

"ނޫން ބައްޕާ! ތިހެން ނުބުނޭ!" ކުއްލިއަކަށް ހުރެފައި ޝަހުރު ތިިރިވީ މާހިރުގެ ފައިބުޑަށެވެ.

"ތިހެން ނުހަދާ! ހެޔޮނުވާނެ! އަހަރެންނާ ލިވީ ދުރު ނުކުރޭ! އާދޭސްކޮށްފަ މިބުނީ. ސަލާން ޖަހާފަ މިބުނީ އަހަރެންނަށް ލިވީ ދީ.." ޝަހުރުގެ އަޑު ހީވީ ފަޅައިގެން ދިޔަހެންނެވެ. އެ އަޑުގައި އެކުވެފައި ވަނީ ބަޔާންކޮށްދޭން ދަތިވެފައިވާ ހިތްދަތިކަމެކެވެ.

"އަހަރެން ލިވީ ގެންގުޅޭނީ ވަރަށް ލޯބިން. ލިވީއަށް ކިޔެވުން ކުރިއަށް ގެންދެވޭނެ. ލިވީއަށް ޚަރަދު ކޮށްދޭނީ އަހަރެން. އަހަރެންގެ މި ދެއަތުން މަސައްކަތް ކޮށްގެން.." ދެއަތް ނަގަމުން، ޝަހުރު ގެންދިޔައީ މާހިރުގެ ފައިދަށަށް ވެއްޓި އާދޭސް ކުރަމުންނެވެ. އަނގަ ހުޅުވައި، ޝަހުރުގެ އާދޭސް ތަކުގައި ބައިވެރިވާން ލިވިޔާ ހުރީ އިންތިހާއަށް ބޭނުން ވެފައެވެ. ނަމަވެސް އެކަން ކުރަން ނުކުރިފައެވެ. ކުއްލިއަކަށް ހުރެފައި، މާހިރުގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ. އެ މަންޒަރު ހާލިދާ އާއި ލިވިޔާއަށް ފެނުމާ އެކު، ހައިރާން ވިއެވެ. މާހިރުގެ ފައިދަށަށް ވެއްޓި ރޮމުން ގެންދިޔަ، ޝަހުރު ނަގަމުން، މާހިރު ބަލާކަށް ނުހުރެ ޝަހުރުގެ ގައިގައި ދަރިފުޅާއޭ ކިޔައި ބައްދައިގަތެވެ. ހިތުގެ ތެރެއިން އަލްޙަމްދުﷲ ކިޔަމުން، ހާލިދާ އާއި ލިވިޔާއަށް އުފާވެރިކަން ލިބިގެން ދިޔައެވެ.

"ބައްޕަ ބޭނުންވީ ދަރިފުޅު ދެރަ ކުރާކަށް ނޫން. ބައްޕަ ބޭނުންވީ ދަރިފުޅު ތިވާ ލޯބި ކުޑަ ހިނދުކޮޅަކަށް ވެސް މި ދެލޮލުން ބަލައިލަން. ދަރިފުޅު ފެނުނު ވަގުތުން ފެށިގެން ވެސް، ތި ދެލޮލުން ލިވިޔާއަށް ފެނުނު ލޯބި ބައްޕަ މި ޤަބޫލު ކުރަނީ ދަރިފުޅަށް ވަރަށް އިތުބާރު ކޮށްފަ! ދަރިފުޅާ! މީ ހަމަ ދަރިފުޅުގެ މައިންބަފައިން. ދަރިފުޅުގެ ޙަޤީޤީ މަންމަ އާއި ބައްޕަ މިކައިވެންޏަށް ނުރުހުނަސް، ދަރިފުޅުގެ މި ބައްޕަ އާއި މި މަންމަ މި ކައިވެންޏަށް ޤަބޫލު." ޝަހުރަށް، ފުޅާ ހިނިތުންވުމެއް ދީގެން ހުރެ މާހިރު ދެއްކި ވާހަކަތަކުން ޝަހުރަށް ލިބުނު އުފާ ތަސައްވުރު ކޮށްލަން އޭނާއަށް ވެސް ދަތިވިއެވެ. އުފަލުން ހުރެ، ޝަހުރު ބަލައިލީ ލިވިޔާގެ މޫނަށެވެ. އެގެއަށް އެވަގުތުގައި ހީވީ ބަހާރު މޫސުމެއް އައިހެންނެވެ.

ދުވާލުގެ ދަންފަޅި ނިމި، ރޭގަނޑުގެ އަނިދިރިކަމުން ކަޢުނު ބައްދައިލިއެވެ. ގޭގެ ތިރީގައި ހުރެ އެތައް އިރަކު، ޒަކްވާން ކޮއްކޮއާ ވާހަކަދެއްކުމަށްފަހު، ޝަހުރު ގެއަށް ވަދެ ލިފްޓު ކައިރީގައި މަޑުކޮށްލިއެވެ. ކޯލްގައި ހުރެ ޝަހުރު ދެއްކީ އޭނާ ކައިވެންޏެއް ކުރަން އުޅޭ ވާހަކައެވެ. މައިންބަފައިން އެކަމަށް ޤަބޫލު ނޫން ވާހަކައެވެ. ހަފުތާއެއްގެ ތެެރޭގައި ޒަކްވާން މާލެ އައުމަށް ވެސް ޝަހުރު އެދުނެވެ. އެއީ ޝަހުރުގެ ކައިވެނީގެ އުފަލުގައި ޢާއިލާގެ ފަރާތުން ބައިވެރި ވާން ހުންނާނީ ހަމައެކަނި ޒަކްވާން ކޮއްކޮ ކަމުުގައި ވާތީއެވެ. އެހެން އެއްވެސް މީހެއްގެ ރުހުން، ކުރެވެން މިއުޅޭ ކައިވެންޏަށް ނުލިބޭނެތީއެވެ. ލިވިޔާގެ ނަން ފައުޅު ނުކުރިއެއް ކަމަކު، ލިވިޔާގެ ސިފަތަކާއި، ލިވިޔާގެ ރަނގަޅުކަން ޝަހުރު ކިޔައިދިނުމުން، ޒަކްވާން ދެކޭ ގޮތް އޭނާ ޙިއްޞާ ކުރިއެވެ. އެއީ ދޮންބެ ދެކެ ލޯބިވާ ކުއްޖެއް ނަމަ، ޒަކްވާންގެ ފުރިހަމަ ރުހުން ކައިވެންޏަށް އޮތް ކަމެވެ.

ޝަހުރު ދިރިއުޅޭ އެޕާރޓުމެންޓަށް ވަނުމާ އެކު، އޭނާގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ސިޓިންގރޫމްގައި ޝަހުރާއި ޔޫހާގެ ދެފަރާތުގެ މައިންބަފައިން ތިއްބެވެ. އެމީހުންނާ އެކު ޔޫހާ ވެސް އިނުމާ އެކު، ޝަހުރު ބޭނުންވީ އޭނާގެ ވިސްނުން އެ އެންމެންގެ ތެރޭގައި ފައުޅު ކުރާށެވެ. ނަމަވެސް އެންމެފަހުން އެކަމާ އަލައިނުލައި، ކޮޓަރިއާ ދިމާލަށް ހިނގައިގަތީ މަންމައާ ދޭތެރޭގައި ވިސްނައިލާފައެވެ.

"ދަރިފުޅާ! ދަނީތަ؟" ހުސްނާގެ އަޑަށް ޝަހުރު ހުއްޓުނެވެ. ޔޫހާގެ ކައިވެނީގެ ވާހަކަ ފަށައިފި ނަމަ، ޝަހުރުގެ ނިންމުން އެންމެންގެ ތެރޭގައި ބުނެވޭނެކަން އެނގޭ ޙާލުގައި އޭނާ ފަސް އެނބުރު ބަލައިލީ ހުސްނާއަށެވެ.

"ދަރިފުޅާ! މަންމަމެން މި ޑިސްކަސް ކުރަނީ ދަރިފުޅުމެންގެ ކައިވެނި.. ދަރިފުޅުވެސް އާދޭ! ޔޫހާ ވެސް މީނީ މިތާގަ.." ހުސްނާ ބުނި ޖުމުލައިން ޝަހުރުގެ ކެތްތެރިކަން ވަގުތުން ކޮޅުން ލިއެވެ.

"މަންމާ، ބައްޕާ، ޔޫހާ.." ޝަހުރު ގޮސް ހުއްޓުނީ އެ އެންމެންގެ މެދުގައެވެ.

"އަހަރެން ޔޫހާ ދެކެ ލޯތްބެއް ނުވޭ! ކުޑަ ނަމަވެސް ނުވޭ ލޯތްބެއް. އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ސިއްރު ކުރާކަށް! މަންމާ، ބައްޕާ. އަހަރެން މާދަން ރަން ކިޔަން. މިއުޅެނީ މީހަކާ އިންނަން ވެގެން.." ޝަހުރު އެހެން ބުނުމާ އެކު، ހުސްނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ކުއްލިއަކަށް ހިތްމަތީގައި އަތް އަޅައިލެވުނީ، އޭނާގެ ހިތަށް އެރި ތަދަކުންނެވެ.

"ނޫން. ނޫން. އެހެން ނުވާނެ! ތިހެން ނުބުނޭ." ހުސްނާ ހިތްމަތީގައި އަތް އަޅައިގެން ކޮޅަށް ތެދުވެ، ފެށީ ރޯންށެވެ. ގަތް ލަދާއި، ދެރައިން ޔޫހާ އިނީ ގުނޑެލާން ވެސް ނުކުރިފައެވެ.

"މަންސޫރު! އަހަރެންގެ ހިތަށް ތަދުވަނީ.." ހުސްނާއަށް ބުނެވުނީ އެވަރަށެވެ. އޭނާ ހުރިތަނަށް ހޭނެތިގެން ވެއްޓުނެވެ. "މަންމާ"އޭ ކިޔާފައި އެކީ އެކަށްޗަކަށް ޝަހުރާއި ޝީލާއަށް ދުއްވައިގަނެވުނީ ހުސްނާއާ ދިމާލަށެވެ. ހުސްނާ ވެއްޓުމާ އެކު، ސޯފާގައި ތިބި އެންމެން ކަންބޮޑުވެގެން ކޮޅަށް ތެދުވިއެވެ.

"ކޮން މަންމާއެއްތަ؟ ބަލަ މީ ޝަހުރުގެ ކަންތަކޭ!" ޝީލާ ނުރުހިފައި ބަލައިލީ ޝަހުރުގެ މޫނަށެވެ. ނަމަވެސް ޝީލާގެ ވާހަކަތަކަށް ސަމާލުކަން ނުދީ، ޝަހުރު ފޯނު ނެގީ އެމްބިޔުލާންސަށް ގުޅުމަށެވެ.

***

މުޅިން އައު ދުވަހަކަށް އިރު އުދަރެހުން މަރުޙަބާ ކިޔައިފިއެވެ. ހެނދުނު 10 ޖެހި އިރު، ޝަހުރާއި ލިވިޔާގެ ގުޅުމުގައި އިތުރު ވަރުގަދަ ގޮށެއް ޖަހައިލީ 112 ރުފިޔާގެ ކައިވެނީގެ ރަނުންނެވެ. ޝަހުރުގެ މައިންބަފައިންގެ ނުރުހުމުގައި ޝަހުރު ބޭނުންވީ އޭނާގެ ޙަޔާތުގެ ބައިވެރިޔަކަށް ލިވިޔާ ހަދާށެވެ. ކޮންމެ ވެސް ދުވަހަކުން ޢާއިލާގެ ފުރިހަމަ ލޯބި ލިވިޔާއަށް ލިބޭނެ ކަމަށް ބަލައިގެންނެވެ. ޝަހުރުގެ ކައިވެނީގެ ރަނުގެ ޚަބަރުން ޝީލާ އާއި މަންސޫޫރަށް ލިބުނީ ކުއްލި ބޮޑު ޝޮކެކެވެ. ހުސްނާ ބަލި އެނދުގައި، އޭޑީކޭގައި ފަރުވާ ދެމުން ދާއިރު، މަންމަގެ ޙާލަތަށް ވިސްނައި ނުލައި އެފަދަ، ބޮޑު ނިންމުމެއް ޝަހުރު ނިންމީތީއެވެ.

ޝަހުރު ދެކެ އިންތިހާއަށް ލޯބިވާ ޔޫހާއަށް ޝަހުރުގެ ކައިވެނީގެ ރަނުގެ ޙަބަރުން ލިބުނީ ބޮޑު ހިތްދަތި ކަމެކެވެ. ޔޫހާގެ ހިތަށް ހީވީ ބޮޑު ތޫފާނެއް އަރައި، އޭނާގެ ހިތް އެފުށް މިފުށަށް ޖަހައިލިހެންނެވެ. މަޖުބޫރުން ޝަހުރުގެ ހިތް މިލްކު ނުކުރެވޭނެކަން ޔޫހާ ޤަބޫލު ކުރެއެވެ. ޢާއިލާގެ ނުފޫޒުން ކައިވެނިކޮށް ދެމީހުން ގުޅުމަކީ، އެއްވެސް ޙާލެއްގައި ޔޫހާ އެދޭނެ އަދި ބޭނުން ވާނެ ގޮތެއް ވެސް ނޫނެވެ. ޔޫހާ ދެކުނީ އޭނާ ލޯބި ވާނެ ވަރަށް، ނޫނީ އެޔަށްވުރެ ބޮޑަށް ޝަހުރު އޭނާ ދެކެ ލޯބި ވާނެ ކަމަށެވެ. އެގޮތަށް ޔޫހާއަށް ދެކެވެން ފެށުނީ ވެސް ޝަހުރުގެ ޢާއިލާ އިން ދައްކަމުން ގެންދިޔަ ފޮނި ހުވަފެން ތަކުގެ ސަބަބުންނެވެ. ނަމަވެސް ޔޫހާއަށް ކުރެވުނީ ކުށް ހީއެއް ކަމާއި، ދެކެވުނީ އެއްވެސް އަސްލެއް ނެތް ހުވަފެން ތަކެއްކަން އެނގުމުން، ޔޫހާގެ ހިތަށް ވަނީ ވަރަށް އުނދަގޫ ވެފައެވެ. މޫނު މަތީގައި ބާލިސް އަޅައިގެން ހިތްފުރޭ ވަރަށް ރޯލުމުގެ ބޭނުމުގައި ޔޫހާ އޮތީ ބަންޑުން އެނދުމަށްޗަށް ޖެހިގަނެގެންނެވެ.

"އަހަރެންނަށް ނޭނގެ މިވާހަކަތައް މަންމައަށް ކިޔާދޭނެ ގޮތެއް ވެސް.. މަންމަ ހާދަ ދެރަވާނޭ! އަހަރެން ހީވެސް ނުކުރަން ކޮއްކޮ މިހެން ކަންތައް ކޮށްފާނެ ކަމަކަށް. މަންމަ ހޮސްޕިޓަލަށް ގެނެސްފަ، ކޮއްކޮ އެކުރީ ކޮން ކަމެއްތަ އަޅެ؟ އެ މުުޑުދާރު އަންހެން މީހާއާ އެ އުޅެނީ ކައިވެނި ކުރަން. ކިހިނެއް އަހަރެމެން މި ޚަބަރު މަންމައަށް ދޭނީ ވެސް..." ޝީލާ ކަންބޮޑުވެ އިނދެ، ވާހަކަދައްކަމުން ދިޔައީ މަންސޫރާއާ އެވެ.

"ކީއްކުރާނީ! ކިޔާދޭންތާ ދޯ ޖެހޭނީ.." ގޮތް ހުސްވެފައިވާ ރާގެއްގައި މަންސޫރު ބުނެލިއެވެ.

***

5 ދުވަސް ފަހެވެ. އަދިވެސް ހުސްނާ އޮތީ ހޮސްޕިޓަލްގައެވެ. ދޭތެރެ ދޭތެރެއިން ޝަހުރު އޭނާގެ މަންމަގެ ގާތަށް ދިޔައެއް ކަމަކު، ޝަހުރު އޭނާގެ ނިންމުމަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ. ޝަހުރު ތައްޔާރު ވަމުން ދިޔައީ ލިވިޔާއާ ކައިވެނި ކުރަން ފަހުގެ ތައްޔާރީތައް ވުމުގައެވެ. އެއިން އެއްވެސް ވާހަކައެއް ހުސްނާގެ ދަރިއެއް، އަދި މަންސޫރު ވެސް ހުސްނާއަކަށް ކިޔައެއް ނުދެއެވެ. އެއީ އިތުރަށް ހުސްނާގެ ޙާލު ގޯސް ވެދާނެތީއެވެ. ޝީލާ އާއި މަންސޫރު ތަކުރާރުކޮށް ކައިވެނި ނުކުރުމަށް އެދި ކުރި އާދޭސް ތަކަށް ޝަހުރު ބީރު ކަންފަތެއް ދިނީ، ލިވިޔާ ދެކެ ލޯބިވާތީއެވެ. ޢާއިލާ ބުންޏަސް، ލިވިޔާއާ ދުރު ވާން ޖެހޭ އެއްވެސް ސަބަބެއް ނެތީމައެވެ. ޢާއިލާ އިން ވެސް ލިވިޔާއާ ވަކިވާން ޖެހޭ އެއްވެސް ރަނގަޅު ސަބަބެއް ދެއްކިފައި ނެތީމައެވެ.

***

އެއާރޕޯޓުގައި ޝަހުރު ހުރީ، އޭނާގެ ކޮއްކޮ ޒަކްވާނަށް މަރުޙަބާ ކިޔުމަށެވެ. ޝަހުރުގެ ގާތުގައި އޭނާގެ ވާން އުޅޭ އަންހެނުން ލިވިޔާ ވެސް ހުއްޓެވެ. މަންމަ ހޮސްޕިޓަލްގައި އޮތުމުން، ޒަކްވާންގެ ހިތުގައި ހާސްކަމެއް އެބަ އޮތެވެ. ނަމަވެސް މަންމަ އެދުނަސް، ލޯބިވާ ރަނގަޅު ބައިވެރިޔާއާ ވަކިވުން އެއީ އޮންނަން ޖެހޭ ގޮތް ކަމަކަށް ޒަކްވާން ޤަބޫލެއް ނުކުރެއެވެ. އެއީ މިވީހާ ތަނަށް ވެސް ޝަހުރުގެ ލޯބިވެރިޔާއާ ދޭތެރޭގައި ރުޅިވެރިކަން އުފައްްދަން އެއްވެސް އަސާސެއް ނެތީމައެވެ.

ވައިގެ ބަނދަރަށް ބޯޓު ޖެއްސި އިރު، ލިވިޔާ އާއި ޝަހުރުގެ ހިތުގައި އެއްވެސް ހާސް ކަމެއް ނެތެވެ. ޝަހުރުގެ ކޮއްކޮ ފެންނާނެތީ އެކަމަށް ލިވިޔާ ގެންދިޔައީ ވަރަށް ޝައުޤުވެރިކަމާ އެކުގައި އިންތިޒާރު ކުރަމުންނެވެ. ކުރިމަތީގައި އޮތީ ކިހާ ވަރެއްގެ ކަމެއްކަން އެއްވެސް ވަރަކަށް ލިވިޔާގެ ބޮލުގެ ތެރޭގައި ވެސް ނެތެވެ.

"ދޮންބޭ!" ކުރިމަތިން އިވުނު އަޑާ އެކު، ޝަހުރު އުފަލުން ގޮސް ޒަކްވާންގެ ގައިގައި ކޮއްކޯއޭ ކިޔައި ވަރަށް ލޯބިން ބައްދައިލިއެވެ. ޒަކްވާންގެ މޫނު ފެނުމާ އެކު، އެވަގުތު ޝަހުރާ ތަންކޮޅެއް ދުރުގައި ހުރި ލިވިޔާއަށް ހީވީ އޭނާގެ ހިތް އަތަށް އައި ހެންނެވެ. އަދި ހަމަގައިމު ވެސް ޒަކްވާނަކަށް އެއީ ލިވިޔާކަން އަޅައެއްނުގަނެއެވެ. ހިތް މަތީގައި އަތް އަޅައިލަމުން ލިވިޔާ ކަރު ކެހެލިއެވެ. ޒަކްވާނަށް ފެނުމުގެ ކުރިން، ކޮންމެވެސް އެއްޗެއް ބުނުމުގެ ބޭނުމުގައެވެ. (ނުނިމޭ)