ދުންޔާ މައުމޫން

ރާއްޖޭގެ ސަގާފީ ހައްގުތައް ނައްތާލާ ފަދަ ނުފޫޒު އަންނާނެ: ދުންޔާ

ރާއްޖެ މިނިވަންކަމާއެކު ރައްކާތެރި އިސްލާމީ ގައުމެއްގެ ގޮތުގައި ދެމި އޮންނަނީ ހާރިޖީ ސިޔާސަތުގެ ވަރުގަދަވުމުން ކަމަށް ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ފާއިތުވި ދެއަހަރު ކުރި މަސައްކަތްތައް ހިއްސާކުރަން އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ދުންޔާ އިއްޔެ ވިދާޅުވީ، ބަވަނަ ވަމުންދާ ދުނިޔެއެއްގައި ގައުމެއްގެ އިންފާރުތައް ފޫއަޅުވާލުމަކީ ފަސޭހަކަމެއް ކަމަށެވެ. އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ނަމުގައި ގައުމުގެ ސަގާފީ ހައްގުތަކާ ގައުމު ގައުމެއްގެ ގޮތުގައި ދެމި އޮންނަ ސިފަތައް ނައްތާލަން ބޭރުގެ ނުފޫޒު އަންނާނެ ކަމަށާ، ނަމަވެސް ދިވެހި ހާރިޖިއްޔާއިން އަބަދުވެސް މަސައްކަތް ކުރަނީ އެފަދަ ކޮންމެ ދަނޑިވަޅެއްގައި އިސްލާމް ދީނާ، ރާއްޖޭގެ އަމިއްލަވަންތަކަން ހިމާޔަތް ކުރަން ކަމަށެވެ.


ދުންޔާ ވިދާޅުވީ ރާއްޖޭގެ ހާރިޖިއްޔާގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ އިސްލާމީ ވަހުދަތު ނަގަހައްޓައި، ގައުމުގެ މިނިވަންކަމަށް ބުރޫ ނާރާނެހެން ބައިނަލް އަގުވާމީ މުޖުތަމައުގައި ރާއްޖެއަށް ރީތި ނަން ހޯދައިދީ، ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުން ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީއަކީ ބައިނަލް އަގުވާމީ ނަޒަރަކުން ބަލާއިރު ރާއްޖޭގެ މޫނުމަތި ކަމަށާއި، އެއްވެސް ހާލެއްގައި ރާއްޖެ ބަދުނާމުވެ އަގުވެއްޓޭ ގޮތަކަށް އެ މިނިސްޓްރީން އަމަލު ނުކުރާނެ ކަމަށެވެ.

"ގައުމުން ބޭރުން އަންނަ ނުފޫޒުތަކުން ގައުމު ސަލާމަތްކޮށް، އަމިއްލަވަންތަ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަކީ ފޮރިން މިނިސްޓްރީގެ ޒިންމާއެއް.
ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ވިޝަން އަކީ ދިވެހިންނަކީ ފުދުންތެރި އަދި ފަހުރުވެރި ބަޔަކަށް ހަދައިދިނުން. މިޝަން އަކީ ދިވެހިންނަށް އިގްތިސޯދީ ފުދުންތެރިކަން ހޯދައިދީ، ރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއެރުވުން. މި މުއައްސަސާއަކީ ރާޢްޖޭގެ މޫނު މަތި. ބައިނަލްއަގުވާމީ މަސްރަހުގައު ރާއްޖޭގެ ހަށިފާރަވެރިން،" މިނިސްޓަރު ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވަނީ މައިގަނޑު ހަ އަމާޒެއްގެ މައްޗަށެވެ.

- ރާއްޖޭގެ ގައުމީ ސިޔާދަތު ހިމާޔަތްކޮށް، ގައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން.
- އިސްލާމީ ވަހުދަތު ހިމާޔަތްކޮށް ބޭރު ދުނިޔޭގައި އިސްލާމް ދީނުގެ ރިވެތި ސިފަތައް ދެމެހެއްޓުން.
- އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުން.
- އޭޝިއާގެ ސަރަހައްދީ އެއްބާރުލުން އިތުރުކުރަން މަސައްކަތް ކުރުން.
- ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުން.
- ހާރިޖީ ދާއިރާގެ ހިންގުން ކުރިއަރުވައި ހަރުދަނާކުރުން.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅާ އެއްގޮތަށް ދިވެހި ހާރިޖިއްޔާއިން ފާއިތުވި ދެ އަހަރަުގެ ތެރޭގައި ހޯދާފައިވަނީ ފާހަގަކޮށްލަން ޖެހޭ ވަރުގެ ކާމިޔާބީ އެކެވެ. ދެ އަހަރުގެ ތެރޭގައި ބައިނަލް އަގުވާމީ ގިނަ ގުޅުންތަކެއް ވަރުގަދަކުރެވިފައިވާ ކަމަށާ، ހާއްސަކޮށް އަވައްޓެރި ގައުމުތަކާ އޮތް ގުޅުން ވަރުގަދަކޮށް ފޮރިން ޕޮލިސީގެ ތެރެއިން ގައުމުގެ އިގްތިސާދީ މިންގަނޑު މަތިކުރަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.