ކުޑަކުދިން

ކުޑަކުދިންނާ ގުޅޭ އިދާރާތައް ވާނުވާގައި!

ރާއްޖޭގައި ކުށްކުރާ ކުޑަކުދިން އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ހާއްސަކޮށް ފަހަކަށް އައިސް ބޮޑެތި ހުރިހާ މައްސަލައެއްގައި ވެސް ކޮންމެސް ސިފައެއްގައި ކުޑަކުދިން ޝާމިލް ވެފައި / ބައިވެރި ކުރުވާފައި ވެއެވެ. ޖިނާއީ އެފަދަ ބޮޑެތި ކުށްތަކުގެ ތެރޭގައި ކުޑަކުދިން މަރުވެ، ބޮޑެތި އަނިޔާ އާއި ޒަހަމްރައް ލިބިފައި ވެސް އެބަހުއްޓެވެ. ކައިރި މާޒީން ބަލާލާއިރު ވެސް އެފަދަ ބައިވަރު ހާދިސާތަކެއް ފެންނަން އެބަހުއްޓެވެ. އޭގެ އެއް ހާދިސާއަކީ މި އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލުމެވެ. އޭނާއަކީ ގާނޫނީ ގޮތުން ކުޑަކުއްޖަކަށްވާއިރު އެ މަރާ ގުޅިގެން އިތުރު ކުޑަކުއްޖަކު ހައްޔަރުކުރި އެވެ. މިދިޔަ މަހު މަރާލުމަށްފަހު އެއްލާފައި އޮއްވައި ފެނުނު 13 އަހަރުގެ ރާއިފުގެ މައްސަލަކީ ވެސް އެ ފާޑުގެ މައްސަލައެކެވެ. މިފަދަ ހުރިހާ ކަމެއް ވަށައި ޖައްސާއިރު ގިނަ މައްސަލަތައް ގުޅިފައި އޮންނަނީ މަސްތުވާތަކެއްޗާ އެވެ. އަދި އެ ކުށްތަކަކީ ދުރާލާ ރާވައިގެން ހިންގާ ކުށްތަކެކެވެ.

ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންނާމެދު އަމަލުކުރާނެ ގޮތްތަކާއި، އެ ކުދީންނަށް ފަރުވާދީ ހަމަމަގަށް ގެންދިއުމުގެ ޒިންމާ، ދައުލަތުން ހާއްސަ މުއައްސަސާތަކަކާ މަތިކޮށްފައި ވެއެވެ. އެ ހުރިހާ މުއައްސަސާތަކެއްގެ ޗާޓު ކުރަހައިދޭ އިސް ފަރާތަކީ ޖެންޑާ މިނިސްޓްރީ އެވެ. އެއީ "ޕޮލިސީ މޭކަރެ" ވެ. ދެން އޮތީ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އެވެ. އެއީ ކުދިންނަށް ދޭންޖެހޭ ފަރުވާ އާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން އޮންނަ އިދާރާ އެވެ. ނިޒާމުގެ ތެރޭގައި މިހާރު ޗިލްޑްރެން އޮމްބަޑްސްޕާސަނެއް ވެސް މިހާރު އެބަހުރެ އެވެ. އެއީ މިހުރިހާ މުއައްސަސާތަކަށް ފާރަވެރިވެގެން އޮންނަ "ވޮޗް ޑޯގެ" ކެވެ. އެޑިއުކޭޝަން މިނިސްޓްރީއަކީ ވެސް ކުޑަކުދިންގެ ޒިންމާ އޮންނަ މުއައްސަސާއެކެވެ. އެޗްއާރްސީއެމަކީ ވެސް ޒިންމާ އޮތް މުއައްސަސާއެކެވެ. މިނޫން ތަންތަން ވެސް ހިމެނެ އެވެ.

ކުޑަކުދިންނާ ގުޅޭ ގިނަ އިދާރާތަކެއް އުފައްދައި އެތަންތަނަށް ވެރިން ލައިގެން ސަރުކާރުން ބޮޑު މުސާރަ ދެއެވެ. ނަމަވެސް ކުޑަކުދިން ހިމެނޭ ގޮތަށް ޖިނާއީ ބޮޑެތި ކުށްތައް ފެންމަތިވެ އިއާދަ ނުކުރެވޭ އެތައް ގެއްލުމެއް ވާއިރު އެ މުއައްސަސާތަކެއް އެ ލެވެލަކު ނުހިނގަ އެވެ. ރާއްޖޭގައި ކުދީން ހިމެނޭ މިފަދަ މައްސަލަތައް އިންތިހާއަށް އުފުލި ގޯހުން ގޯހަށް ބަދަލުވަމުންދާއިރު މި މުއައްސަސާތައް ކޮބައިހެއްޔެވެ؟ އެމީހުންނަށް އެމީހުންގެ ދައުރު ނޭނގެނީ ހެއްޔެވެ؟ ހަމަގައިމު ވެސް ރައްޔިތުންނަށް އެއިދާރާތަކުގެ ދައުރު ވަރަށް ރަނގަޅަށް އެނގެ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގުވެސް ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކައަކަށް ވެފައި ވަނީ ވެސް އިދާރާތަކާއި މުއައްސަސާތަކުން ޒިންމާ އަދާނު ކުރާ ވާހަކަ އެވެ. ކުދިންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ޑީޖޭޖޭ ފެއިލްވެފައިވާ ވާހަކަ އެވެ. ކުދިން ބެލެހެއްޓުމުގައި ޖެންޑާ މިނިސްޓްރީ މާ ބޮޑަށް ފެއިލްވެފައިވާ ވާހަކަ އެވެ.

މުއައްސަސާތަކަށް ޒިންމާއެއް ނޭނގޭ

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓް ކޮމިޓީގައި މި ފަހުން ވަރަށް ހޫނު ބަހުސެއް ކުރި އެވެ؛ ކުޑަކުދިންނާ ގުޅުންހުރި ހުރިހާ އިދާރާއެއް ހާޒިރު ކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ބަހުސް ކުރީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަދާ ކުރަން ޖެހޭ ޒިންމާތަކާ ގުޅޭގޮތުންނެވެ. މައިގަނޑު މައްސަލައަކީ އެ އިދާރާތަކަށް އެ ގާނޫނު ސާފު ނުވަނީ އެވެ. މި ބަހުސް އުފަންވީ އެ މައްސަލަ ޑީޖޭޖޭ އިން މަޖިލީހުގެ ކޮމިޓީގެ ސަމާލު ކަމަށް މައްސަލަ ގެންދިއުމުންނެވެ. ޑީޖޭޖޭގެ މައިގަނޑު ނުކުތާއަކީ ކުށުގެ ވެށީގައި އުޅޭ އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ މައްސަލަތަކުގައި މުއައްސަސާތަކުން އަދާ ކުރަން ޖެހޭ ދައުރު ސާފެއް ނުވެ އެވެ.

ރާއްޖޭގެ ބަންޑާރަނައިބުގެ އޮފީހުން ބުނާގޮތުގައި ކުޑަކުދިންނާ ގުޅުންހުރި މުއައްސަސާތަކުގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ބަލައި ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮތް ގޮތާއި، މުއައްސަސާތަކާ ހަވާލުވެފައިވާ ޒިންމާތައް ސާފެވެ. އެކަމަކު ވެސް ޑީޖޭޖޭ އިން ބުނަނީ އެކަންކަން ސާފެއް ނޫނެވެ. ހަމައެގޮތަށް އެ ޑިޕާޓްމަންޓުން ޒިންމާ އަޅުވަނީ މިހާރު އެކޮޅުކޮޅުން ޖެހި ބޮއްސުންލާފައިވާ އަދި ރަނގަޅު އެއްވެސް ނުކުރާ ޖެންޑާ މިނިސްޓްރީގެ ބޮލުގަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުދިންގެ ޕްރިވެންޝަން އަދި ރިހިބިލިޓޭޝަން މަސައްކަތް ކުރަން ޖެހެނީ ޑީޖޭޖޭއިން. ހަމަ އެގޮތުގެ މަތިން މި އޭޖް ގުރޫޕްގެ ކުދިންގެ މައްސަލަތައް ވަރަށް ގިނަ. އޭގެތެރެއިން ކަންބޮޑުވާ، ކުދިންގެ ކަރާމާތަކަށް ގެއްލުންވާ އަދި ކުދިންނަށް އާއިލާތެރޭގައި ރައްކާތެރިކަން ނެތް ކުދިން ވަރަށް ގިނަ. އެގޮތުގެ މަތިން މުއައްސަސާތަކާއެކު ވަރަށް ގިނަ މީޓިންތައް ކޭސް ކޮންފަރެންސްގެ ގޮތުގަ ބާއްވަން. އެބޭފުޅުންނާއެކު ކޭސް ކޮންފަރެންސް ބާއްވައި އެކުދިންނަށް ރައްކާތެރިކަން ދޭންޖެހޭ ހިސާބުން އޮންނަނީ ހުއްޓިފައި،" ޑީޖޭޖޭގެ ޑިރެކްޓަރު ޝަޒީނާ ސައީދު މަޖިލީހުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ފިޔަވަޅު އެޅުން ހުއްޓިފައިވާ އެތައް ކުދިންނެއް އެބަތިއްބެވެ.

"13 އަހަރުގެ ކުއްޖާގެ މަރުގެ ކޭސްގެ އިތުރުން އަންހެން ކުދިންނަށް ވަރަށް އިހާނެތިކޮށް ހިތާފައިހުރި ކޭސްތައް ހުރޭ. ޑީޖޭޖޭގެ އިތުރުން އެހެން މުއައްސަސާތަކުގައި އަޅުގަނޑު ބޭނުން ސުވާލު ކޮށްލަން ރައްކާތެރިކަން ދޭން ޖެހޭ ހިސާބުން ކިތައް ކޭސްތޯ އެބޭފުޅުން ހޯލްޑް ކޮށްފަ އޮތީ،"

ހަލާކު ވަމުން ދާ ކުޑަކުދީންގެ ވެށި، އަދި ބޮޑު ވަމުންދާ ކުށުގެ މާހައުލުން ކުޑަކުދީން ސަލާމަތް ކުރަން އިދާރާތަކުން މަސައްކަތް ނުކޮށް ބޮޑު މުސާރަގައި ތިބޭއިރު ބޮޑު ކަމެއް ދިމާވެ ބޭރަށް ނުކުންނަ އިރަށް ކުރާ ކަމަކަށްވެފައި އޮންނަނީ އެބައެއްގެ މަސްލަހަތަށް ފަހިވާ ގޮތަށް ބަޔާނެއް ނެރުމާއި ޓްވީޓެއް ކުރުމެވެ. ދެން މައިގަނޑު ކަމަކަށް ހަދާފައި އޮންނަނީ އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކޮށް ފާޑު ކިޔުމެވެ. އެއްބަޔަކު އަނެއްބަޔަކަށް ޒިންމާތައް ކިޔައިދިނުމެވެ. އެއް ވެރިޔަކު އަނެއް ވެރިއެއްގެ ބޮލުގައި ތުހުމަތުތައް އެޅުވުމެވެ. ޒިންމާ ނަގާނެ ހަމަ އެކަކުވެސް ނެތެވެ. ގާނޫނުގައި ބުނާ މަސްއޫލިއްޔަތުތައް ސާފެއް ނުވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވާ ގޮތުގައި ގާނޫނުން ސާފު ނުވާ ކަންކަން ހުރިހާ ފަރާތްތަކަކަށް އެއްބަސްވެވޭ ގޮތަކަށް ނިންމިދާނެ އެވެ. އެ ނިންމުމެއް ގޯސް ނަމަ އިތުރަށް ދިރާސާ ކުރެވިދާނެ އެވެ. އެއާ ހިލާފަށް ހަދާނެ ގޮތެއް ނޭނގި "ގަމާރު" ވެފައި ތިބެން ޖެހުމަކީ މާ ބޮޑު މައްސަލައެކެވެ.

"ގާނޫނަކު ނުލިޔެވޭނެ ހުރިހާ އެއްޗެއް. މިސާލަކަށް އަލިފަކުން ފެށޭ ރާއަކުން ނިމޭ ކުއްޖަކު ކުށްކޮށްފިއްޔާ ދެން ހަދާނީ ކިހިނެއްތޯ ގާނޫނަކު ނުލިޔެވޭނެ. އެކަން ކުރަން އަޅުގަނޑުމެން ހަވާލުވެގެން މިތިބެނީ. އެކަމުގެ ޒިންމާ ނަގަން މިތިބެނީ އަޅުގަނޑުމެން. އެކަން ކޮންމެވެސް ގޮތަކުން ނިންމާނީ. އެ ނިންމާ ނިންމުން ގޯހިއްޔާ އެކަން ބަލާފަ ގާނޫނަށް ބަދަލު ގެންނާނީ. އެކަމަކު ކޮންމެސް ގޮތަކުން ޒިންމާ ނަގަން އެބަ ޖެހޭ، ތަންކޮޅެއް ކެރިގެން މިކަން ކުރަން ތިބި މީހުންގެ ހައިސިއްޔަތުން،" ޝަމީމް ވިދާޅުވި އެވެ.

މުއައްސަސާތައް ވަރަށް ގުޅުން ކުޑަ

އެއް އިދާރާ އަނެއް އިދާރާއާއި ޖެހިފައި އޮންނަ ވާހަކައަކީ އާ ވާހަކަތަކެއް ނޫނެވެ. އެކަމަކު ރާއްޖޭގައި މިހާރު އުފަންވާ، ބޮޑެތި މައްސަލަތަކަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅި ކަލެކްޓިވްކޮށް ނޫނީ ހައްލުކުރެވޭނެ މައްސަލަތަކެއް ނޫނެވެ. އެކަން ޗިލްޑްރެންސް އޮމްބަޑްސްޕާސަން ނިއުމަތު ވެސް ފާހަގަ ކުރައްވަ އެވެ.

ނިއުމަތު ވިދާޅުވާގޮތުގައި ކުށެއްކޮށްގެން ކުޑަކުއްޖަކު ފުލުހުންގެ ހައްޔަރަށް ގެންދާއިރު އެކުއްޖާ ކިޔަވާ ސުކޫލަކަށް އެކަމެއް ނާންގަ އެވެ. ކުދި ކުދި ރަށްރަށުގައި އެފަދަ ގޮތަކަށް އަމަލު ކުރާއިރު މާލޭގައި ހާލަތު މާ ގޯސްވެގެންދާ ކަމަށް ނިއުމަތު ފާހަގަކުރައްވަ އެވެ.

"ވަރަށް ބޮޑަށް ފާހަގަކުރެވޭ އެންމެން އެއްކޮށް މަސައްކަތް ނުކުރާކަން. މިހާތަނަށް ހެދުނު ބޭސްލައިންތަކުން އިދާރާތަކުން އަނެއް އިދާރާއާ އެކުގައި މަސައްކަތް ކުރާކަށް ނޫޅޭ. ރަށްރަށުގައި ޕޮލިހާ ޖެންޑާއާ ގުޅިގެން މަސައްކަތްކުރާ ކަމަށް ބުނޭ. އެކަމަކު ކުއްޖަކު ބަންދު ކުރާއިރު ސުކޫލަކަށް ނޭނގޭ އެކުއްޖާ ބަންދު ކުރާކަމެއް. ސުކޫލެއްގެ ރެޖިސްޓްރޭޝަންގަ އޮތް ކުއްޖެއް ބަންދު ކޮށްގެން އުޅޭއިރު އެމީހުންނަކަށް ނާންގާ. މީ އަދި ކުދި ކޮމިއުނިޓީތަކުގަ ކަންތައްވާ ގޮތް. ދެން އަދި މާލެ ކަހަލަ ތަނެއްގަ ކިހިނެއްތޯ ވާނީ؟ ހާލަތު މިއަށްވުރެ ގޯސްވާނެ ނޫންތޯ؟ އަބަދުވެސް މި ދަންނަވަނީ އެންމެ ފަރާތަކަށް ނޫނޭ ވަރަށް ގިނަ ފަރާތްތަކަށް މިފަދަ ކުދިންގެ މަސްއޫލިއްޔަތު އެބައޮތޭ،" ނިއުމަތު ވިދާޅުވި އެވެ.

ޖެންޑާ އަދި އެޑިއުކޭޝަން މިނިސްޓްރީން މިފަދަ މައްސަލަތައް ބަލަން ޖެހޭނީ އެކީގައި ގުޅިގެންނެވެ. ދެ މިނިސްޓްރީއަކީ ވެސް ކުދިންގެ މަސްލަހަތު އޮންނަ މިނިސްޓްރީއަކަށްވާއިރު ގުޅުން ކުޑަވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެން ނަމަވެސް އިދާރާތަކާއި މުއައްސަސާތަކުގެ ހާލަތު އޮތީ ވަރަށް ދެރަވަރުގަ އެވެ. ކުޑަކުދީންނާ ގުޅޭ ކަންތައްތައް ދަނީ ވަރަށް ދޯދިޔާކޮށެވެ. ކަމެއް ވެ ނިމުމުން ކޮށްލާ ހަމައެކަނި ކަމަކީ ބަޔާނެއް ނެރުމެވެ. ނުވަތަ ކުއްޖެއްގެ ފުރާނަ ހިނގައްޖެ ނަމަ ތައުޒިޔާ ކިޔަނީ އެވެ.

ވަށައިގެން ހުސް އިހުމާލު

އެއް އޮފީސް އަނެއް އޮފީހަށް އަދި އެއް ވެރިޔާ އަނެއް ވެރިޔާއަށް ޒިންމާތައް ކިޔައިދިނުމަކުން ދުވަހަކުވސް މައްސަލަތަކަކަށް ހައްލެއް ނާދެ އެވެ. އަދި އެ މުއައްސަސާއެއްގެ ތެރޭގައި ހުރި މައްސަލަތައް އޮއްބައެއް ވެސް ނުލެވޭނެ އެވެ. ހުރިހާ ކަމެއް މިހާރު އޮންނަނީ ދިމާއަށް ފެންނާށެވެ. އެކަން ކަން ސިއްރެއް ނުވާނެ އެވެ.

އިހުމާލުގައި އެންމެ ފާހަގަ ކުރެވެނީ ކުޑަކުދިންގެ ހިޔާ އެވެ. އެއީ މީހާތަނަށް އެންމެ މައްސަލަ ގޯސްވި އަދި އެންމެ ގިނަ ހާދިސާތައް ހިނގާފައި ތަނެވެ. އެކި ގޮތްގޮތަށް އެކި ފަރާތްތަކުން މި ވާހަކަތައް ދައްކަމުން އަންނައިރު ވެސް އެތަންތަނުގެ ވެރިންނަށް ހަމަ އެނގުންވެސް ނުވެ އެވެ. އަދި އެއްވެސް ކަމެއް ރަނގަޅު ކުރާ ތަނެއް ވެސް ނުފެނެ އެވެ.

ފުނިޖެހިފައި ހުންނަ މައްސަތައް ކޮންމެ ފަހަރަކުވެސް ފެންމަތިވަނީ ކަމެއްގެ ތެރެއިން އުފެދޭ ޕަބްލިކް ޕްރެޝަރާއި މީޑިއާއިންނެވެ. އެހެން ނޫނީ އަބަދުވެސް އޮންނަނީ އުޒުރެއް ދެއްކުމެވެ. މިސާލަކަށް ބަޖެޓު ނެތުމަކީ އެންމެ ބޮޑު އުޒުރެވެ. ނޫނީ އިންސާނީ ވަސީލަތް ނެތުމެވެ. ހަމަ ކޮންމެ ފަހަރަކުވެސް ނޭނގޭ ކަމަށް ހަދާފައި ބޯދަމައިގަންނަނީ އެހެން ކަމެއް ފެންމަތި ކުރުވާފަ އެވެ. އަމާން ވެށީގެ ވާހަކަތައް ބޭރުންވާން ފެށީމާ އެންގީ ނުލިޔާށެވެ. ކުޑަކުއްޖާގެ މައްސަލަ އައުމުން ހަގީގަތްތައް ބޭރުވެދޭނެތީ މީޑިއާއަށް އިންޒާރު ދީ ޖޫރިމަނާ ކުރަން ފެށީ އެވެ.

ކުށުގެ ވެށީގައި އެތައް ކުދިން އުޅޭކަން އެންމެނަށް އެނގެ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެގެން ކުށަށް އަރައިގަންނަކަން ވެސް އެނގެ އެވެ. ނަމަވެސް ކަމެއް ދިމާވީމާ ހަދާނެ ހަމަ އެއްގޮތެއް ވެސް ނޭނގެ އެވެ. ޒިންމާ ނަގާނީ ކާކުކަމާއި އެކުދިން އިސްލާހު ކުރަން ކުރާނީ ކޮންކަމެއް ވެސް ނޭނގެ އެވެ. ނުވަތަ ގަސްތުގައި ނުކުރަނީ އެވެ. އެތައް ކުދިންނެއް މިގޮތަށް އަޅާނުލެވި ހަލާކުވެގެން ހިނގައްޖެ އެވެ. އެކަމަކު ގާނޫނުގައި ބުނާ މަސްއޫލިއްތުތައް މުއައްސަސާތަކަށް ނޭނގި މިހުރިހާ ދުވަހު އިދާރާތައް ހިންގަމުން އައީ ކޮން އުސޫލެއްގެ ތެރެއިންތޯ ސުވާލު އުފެދެ އެވެ.